އެމްޑީޕީން ހުޅުމާލޭގައި ދެމި ބެނާތައް އެޗްޑީސީގެ މުވައްޒަފުން ހަލާކުކޮށްގެން ނަގައިފި

އެމްޑީޕީން ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ހުޅުމާލޭގައި ދަމާފައި ހުރި ގިނަ ބެނާތަކެއް އެޗްޑީސީގެ މުވައްޒަފުން ރޭ ފަތިހު ނުކުމެ، ހަލާކުކޮށްގެން ނަގައިފި އެވެ.
ވީ ކިހިނެއް؟ - ރޭ ފަތިސް ނަމާދަށް މީހުން މިސްކިތުގައި ތިއްބާ އެޗްޑީސީގެ ހައަކަށް ވުރެ ގިނަ މުވައްޒަފުން މި ބެނާތައް ނެގުމުގައި ހަރަކާތްތެރިވި ތަން ފެނިފައިވެ އެވެ. އަދި ބައެއް ބެނާތައް ނަގާފައި ވަނީ ދެވަނަ ފަހަރަށް ބޭނުން ނުކުރެވޭ ގޮތަށް ވަރަށް ބޮޑަށް ހަލާކުކޮށްލައިގެން ނުވަތަ އިރާލައިގެންނެވެ. މިއީ މީގެ ކުރިން އެޗްޑީސީން އަމަލު ކުރި ގޮތެއް ނޫނެވެ.
ތަފްސީލު -  މިކަމާ ގުޅިގެން އެޗްޑީސީގެ މީޑިއާ އޮފިޝަލާ 'ދައުރު'ން މިއަދު ސުވާލު ކުރުން އޭނާ ވަނީ، ވީޑިއޯގައި ހަރަކާތްތެރިވަނީ އެޗްޑީސީގެ މުވައްޒަފުންކަން ކަށަވަރުކޮށްދެއްވާފަ އެވެ. އަދި އިތުރަށް ބެލުމަށް ފަހު ކޮމެންޓު ކުރައްވާނެ ކަމަށް އޭނާ ފުރަތަމަ ވިދާޅުވި އެވެ.
އޭގެ ފަހުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރުއަށް 'ދައުރު'ން ގުޅުމުން އޭނާ ވަކި އެއްޗެއް ވިދާޅުވާން ބޭނުންވެވަޑައެއްނުގެންނެވި އެވެ. އޭނާ ވިދާޅުވީ މީޑީއާ ޑިޕާޓްމަންޓްގެ ބޭފުޅަކަށް ޖަވާބު ހޯދުމަށް ގުޅުމަށެވެ. އަދި އެއީ އެ ކުންފުނިން މީޑިއާތަކަށް މައުލޫމާތު ދިނުމުގައި އޮންނަ އުސޫލު ކަމަށް އޭނާ ވިދާޅުވި އެވެ.
ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ސީދާ ޖަވާބެއް ނުދެއްވައި ޒުހައިރު ވިދާޅުވީ މީޑިއާ ޑިޕާޓްމަންޓްމަންޓުގެ ބޭފުޅަކާ ގުޅުމަށެވެ.
މީޑިއާ އޮފިޝަލް ފަހުން ވިދާޅުވީ، "ބެނާތައް ނެގީ ހުއްދަ ނުނަގާ ދަމާފައި ހުރުމުން" ކަމަށެވެ.
އެމްޑީޕީގެ ބެނާތައް ނެގުމުން ހުޅުމާލޭގެ މަގުތަކުގައި މިހާރު އެއްކޮށްހެން ހުރީ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ކެންޑިޑޭޓުންގެ ބެނާތައް އެކަންޏެވެ. އެމްޑީޕީގެ ބެނާތައް އެޗްޑީސީން ނެގި ނަމަވެސް، އެ ޕާޓީގެ ބޮޑެތި ޕޯސްޓަރުތައް އަދި ހުޅުމާލެއިން ފެންނަން އެބަހުއްޓެވެ.
އެޗްޑީސީން ހަލާކުކޮށްލި ބެނާތަކުގެ ތެރޭގައި މާލޭ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ މިހާރުގެ މޭޔަރު އާދަމް އާޒިމްގެ ޕޯސްޓަރުތައް ހިމެނެ އެވެ. އާޒިމްއާ 'ދައުރު'ން ސުވާލު ކުރުމުން އޭނާ ވިދާޅުވީ މުޅި ހުޅުމާލޭގައި ޕީއެންސީގެ ބެނާތައް ދަމާފައިވާއިރު، އެމްޑީޕީގެ ބެނާތައް ހަލާކުކޮށްގެން ނެގުމަކީ ވަރަށް ދެރަވަރު، ފިނޑި އަދި ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.
"އަޅުގަނޑުމެން ހުއްދައަށް އެދުނުުތާ އެތައް ދުވަހެއް ވެއްޖެ. އެކަމަކު އެޗްޑީސީން ގަސްދުގައި ހުއްދަ ނުދީ ބާއްވާފައި އޮތީ. އެ ހުއްދަ ނުދީ ދިގުލައިގެން ދާތީ ބެނާތައް ދެމީ،" އާޒިމް ވިދާޅުވި އެވެ.
"އެމްޑީޕީއަށް ހުއްދަ ނުދީ ބާއްވާފައި އޮތް އިރު، މުޅި ހުޅުމާލޭގައި އެ އޮތީ ޕީއެންސީގެ ބެނާތައް. އެގޮތަށް ވަކި ބަޔަކަށް ހުއްދަ ދީ، ވަކި ބަޔަކަށް ނުދިނުމަކީ ވަރަށް ބޮޑު ކޮރަޕްޝަންގެ އަމަލެއް. މިކަން ވަރަށް ބޮޑަށް ކުށްވެރިކުރަން."
އާޒިމް ވިދާޅުވި ގޮތުގައި، ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަކަމާ އެކު ކެމްޕެއިން ކުރުމުގެ ހައްގު އޮންނަންވާނެ އެވެ. އަދި އެ ހައްގަށް އެޗްޑީސީން ވަރަށް ބޮޑަށް ހުރަސް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އެޗްޑީސީން ކުއްލި ގޮތަކަށް ބެނާތައް ނެގިއިރު، އިއްޔެ ޕީއެންސީން ހުޅުމާލޭގައި ދަމާފައި ހުރި ބައެއް ބެނާތަކަށް ބަޔަކު ކަޅުތެޔޮ ޖަހާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ