އަމީން މިއާގެ މަރު: ހައިމާކު އޮޕަރޭޓުކުރީ ބަލަންޖެހޭ ވަރަށް ނުބަލައި ކަމަށް ފުލުހުން ބުނެފި އަމީން މިއާގެ މަރު: ހައިމާކު އޮޕަރޭޓުކުރީ ބަލަންޖެހޭ ވަރަށް ނުބަލައި ކަމަށް ފުލުހުން ބުނެފި

ކ. ތިލަފުށި ސައިޓެއްގައި ހައިމާކަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓިގެން ޖެނުއަރީ 26، ގައި ބިދޭސީއަކު މަރުވި މައްސަލައިގައި ހައިމާކު އޮޕަރޭޓުކުރީ ބަލަން ޖެހޭ ވަރަށް ނުބަލައި ކަމަށް ފުލުހުން ބުނެފި އެވެ.
ވެމްކޯގައި މަސައްކަތްކުރަމުންދިޔަ ބަންގްލަދޭޝްއަށް ނިސްބަތްވާ އަމީން މިއާ، 24، މަރުވި މި މައްސަލައިގައި ހައިމާކު އޮޕަރޭޓުކުރި ސްރީލަންކާއަށް ނިސްބަތްވާ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ، 32 ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހުގެ މުއްދަތެއް ވަނީ ޖަހާފަ އެވެ. އޭނާގެ ބަންދަށް ކުރު މުއްދަތެއް ދިނީ ވަކީލާ ބައްދަލުވެފައި ނުވާތީ ކަމަށް ކޯޓުން ބުންޏެވެ.
"މީނާ ދުއްވި އެކްސްކަވޭޓަރަކުން ޖެހި މީހަކު ނިޔާވެފައިވާ ކަމަށާއި، އަދި މީނާ އެކްސްކަވޭޓަރު އޮޕަރޭޓު ކޮށްފައިވަނީ ބަލަންޖެހޭ ވަރަށް ނުބަލައިކަން އައިއޯ ފާހަގަކުރި،" މުއްދަތު ޖެހި ކޯޓު އަމުރުގައި ބުންޏެވެ.
ހައިމާކު އޮޕަރޭޓުކުރި މީހާއަށް ފުލުހުން ތުހުމަތުކުރަނީ ގަސްދަކާ ނުލައި މީހަކު މެރުމުގެ ތުހުމަތެވެ.
ފުލުހުން ބުނީ ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީން ފެންނަ ގޮތުގައި ހައިމާކުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް، ހުއްޓުމެއް ނެތި މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އަމީން މިއާ ގެއްލުނުކަން ވެމްކޯއިން ފުލުހުންނަށް ރިޕޯޓްކުރީ ދެ ދުވަސް ފަހުންނެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ރިޕޯޓްކުރި ދުވަހު ހޯދުމުގެ މަސައްކަތް ކުރަނިކޮށެވެ.
އެކަމުގެ މައުލޫމާތު އެނގޭ މީހަކު އަދަދު އަށް ބުނީ އެ ބިދޭސީ މުވައްޒަފު ނިދަން ނާންނާތީ ކަންބޮޑުވެގެން ތިލަފުށީގެ ވެމްކޯ މެނޭޖަރުގެ ސަމާލުކަމަށް ވެސް އެކަން ގެނައި ކަމަށާއި އެކަމަކު އޭރު އޭހާ ސީރިއަސްކޮށް އެކަންތައް ނުނަގާ ކަމަށެވެ.
އޭނާ ގެއްލުނުކަން ވެމްކޯއިން ފުލުހުންނަށް ރިޕޯޓުނުކޮށް ލަސްކުރީ ކީއްވެގެން ކަމެއް މިހާތަނަށް ސާފުނުވާއިރު، އެކަމާ ގުޅިގެން ވެމްކޯގެ ބަހެއް ވެސް މިހާތަނަށް ލިބިފައެއްނުވެ އެވެ. އޭނާ ގެއްލުނުކަން ރިޕޯޓު ނުކޮށް ލަސްކުރުމުން އެކަމަށް ގިނަބައެއްގެ ފަޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ