ތިން ގަޑިއިރަށް ވުރެ އަވަހަށް މެރެތަން ނިންމި ލިސްޓުން ދިވެހި އާ ދުވުންތެރިޔަކު ޖާގަ ހޯދައިފި

ތިން ގަޑިއިރަށް ވުރެ އަވަހަށް މެރެތަންއެއް ނިންމުމަކީ ދުވުމުގެ ދުނިޔޭގައި ވަރަށް ބޮޑު ކާމިޔާބީއެކެވެ. ރާއްޖޭގެ އެ ލިސްޓުން އިއްޔެ އަލަށް ޖާގަ ހޯދީ ހަސަން ޝިރާޒް އެވެ.
ދުބާއީ މެރެތަންގައި ދުވެ ޝިރާޒް ރޭސް ނިންމީ 2 ގަޑި 56:59 މިނިޓުންނެވެ. އޭނާ ބައިވެރިވި 35 އަހަރުގެ ކެޓެގަރީން އެއީ 20 ވަނަ އެވެ.
އުމުރުން 37 އަހަރުގެ ޝިރާޒަކީ ރާއްޖޭގައި މެރެތަން ތަމްރީން ދެމުން އަންނަ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ނަސްރުﷲ އަހުމަދު (ނަސްރު)ގެ އެތުލީޓެކެވެ. ނަސްރުﷲގެ މެރެތަން ރަނާސް މޯލްޑިވްސް (އެމްއާރުއެމް)ގައި ގަވާއިދުން ތަމްރީން ހަދަމުން އަންނަ ދުވުންތެރިންގެ ތެރޭގައި އޭނާ ހިމެނެ އެވެ.
ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީ ފެކަލްޓީގެ ލެކްޗަރާއެއްގެ ޒިންމާ ނަގަމުން އަންނަ ޝިރާޒް އިއްޔެގެ ކުރިން ދުވެފައި ވަނީ މިދިއަ އަހަރުގެ ބާލިން މެރެތަން އެވެ. އެ ރޭސް އޭނާއަށް ނިންމުނީ ތިން ގަޑި 41:53 މިނިޓުންނެވެ. އެހެންކަމުން އިއްޔެގެ ވަގުތަކީ އެއަށް ވުރެ 20 މިނިޓް އަވަސް ވަގުތެކެވެ.
ތިން ގަޑިއިރަށް ވުރެ އަވަހަށް މެރެތަން ދުވި ދިވެހި ދުވުންތެރިންގެ ލިސްޓްގައި އަދި 10 ހަމައެއް ނުވެ އެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި އެ ބާރު މިނުގައި މެރެތަން ނިންމާފައި ވަނީ:
ޑރ. ހުސެއިން ހަލީމް (ކުޑަހުސެން)، ތިން ގަޑިއިރު ބްރޭކްކުރި ފުރަތަމަ ދިވެހި ދުވުންތެރިޔާ އަދި 27 އަހަރަށް ވުރެ ގިނަ ދުވަހު އެ ރެކޯޑް އޮތް
އަހުމަދު ރިޒާ
ޝިފާޒް މުހައްމަދު
އަހުމަދު ޝަރަފް
މުހައްމަދު ރަޝީދު (މޯޑު)
މުހައްމަދު ފަވާޒް
ޔޫސުފް އިބްރާހިމް
މުހައްމަދު އިރުފާން
ކިނާނަތު ހުސެއިން
ހަސަން ޝިރާޒް
ނަސްރުﷲގެ ކައިރިން ތަމްރީން ހަދަމުން އަންނަ ކިނާނަތު ތިން ގަޑިއިރަށް ވުރެ އަވަހަށް މެރަތަން ނިންމީ މިދިއަ ސެޕްޓެމްބަރު މަހު އޮތް ބާލިން މެރެތަންގަ އެވެ. އޭގެ ފަހުން އެ ލިސްޓަށް ޝިރާޒް އެރުމަކީ ނަސްރުﷲއަށް ވެސް އޮތް ވަރަށް ބޮޑު އުފަލެކެވެ.
މިފަހަރުގެ ދުބާއީ މެރެތަންގައި ޝިރާޒް އާއި ނަސްރުﷲގެ އިތުރުން އެމްއާރުއެމްގެ އެހެން ތިން ދުވުންތެރިޔަކު ވެސް ދުވި އެވެ. އޭގެ ތެރޭގައި އުމުރުން 50 އަހަރުން މަތީގެ އަހުމަދު މުހައްމަދު އާއި ސިފައިންގެ އިސް އޮފިސަރެއް ކަމަށްވާ އަބްދުﷲ އިބްރާހިމް ވެސް ހިމެނެ އެވެ.
އަހުމަދުގެ ވަގުތަކީ 3 ގަޑި 30:04 މިނިޓެވެ. އަބްދުﷲއަށް ރޭސް ނިންމުނީ ތިން ގަޑި 33:05 މިނިޓުންނެވެ.
ޓީމުގައި ހިމެނޭ ހަމައެކަނި އަންހެން ދުވުންތެރިޔާ ޝަޒްނާ މުހައްމަދު ވަނީ ހަތަރު ގަޑިއިރަށް ވުރެ އަވަށް ދުވެފަ އެވެ. އޭނާގެ ވަގުތަކީ ތިން ގަޑި 58:28 މިނިޓެވެ. މިއީ ދިވެހި އަންހެން ދުވުންތެރިޔަކަށް ބަލާ ނަމަ ވަރަށް އަވަސް ސްޕީޑެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ