ސަރުކާރުން އުޅެނީ ޕެންޝަން އޮފީސް ތެރެއިން އޮޅުވާލައިގެން މަނީލޯންޑާ ކުރަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑަށް، މަރުކަޒީ ބޭންކު، އެމްއެމްއޭ މެދުވެރިކޮށް ފައިސާ ހޯދުމަކީ އިގްތިސޯދަށް ގެއްލުންވާނެ ނިންމުމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް ވިދާޅުވެ، ޕެންޝަން ބޯޑުގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަހުމަދު އިނާޒު އިއްޔެ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އެމްއެމްއޭން 2.4 ބިލިއަން ރުފިޔާ ހޯދައިގެން ސަރުކާރުގެ ޓީ-ބޮންޑެއްގައި އިންވެސްޓްކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުގެ އަގުލަބިއްޔަތުން ނިންމުމާ ގުޅިގެން، އެކަމާ ދެކޮޅު ހެއްދެވުމުގެ ގޮތުން، އަހުމަދު ސަރުވަޝް އާދަމް ވެސް މިދިޔަ ސެޕްޓެމްބަރުގައި ވަނީ އެ ބޯޑުން އިސްތިއުފާ ދެއްވާފަ އެވެ.
ޖެހިގެން އައި މަހު، ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ވެސް މަގާމުން އިސްތިއުފާ ދެއްވި އެވެ.
ބުނީ ކީކޭ؟ - އިއްޔެ އިސްތިއުފާ ދެއްވި އިނާޒަކީ ވެސް ވަރަށް ތައުލީމީ، ތަޖުރިބާކާރު ބޭފުޅެއްކަން ފާހަގަކުރައްވައި ރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި ޔާމީން ވިދާޅުވީ، އިނާޒް އިސްތިއުފާ ދެއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓުން ވެސް އެ ނިންމުން ނިންމެވީ، ޕެންޝަން އޮފީހުގެ ތެރެއިން ސަރުކާރުން މަނީލޯންޑަކުރަން އުޅޭތީކަން ސާފުކޮށް އެނގޭ ކަމަށެވެ.
"ހަމަ ވަރަށް ރަނގަޅު މީހެއް އިސްތިއުފާދީފައި ދުރަށް އެ ދިޔައީ، ޕެންޝަން އެޑްމިނިސްޓްރޭޝަނުން އެނގޭތޯ. އެތާ އެތެރެއިން މަނީލޯންޑާކުރަން އުޅުނީމަ އެނގޭތޯ. ޕެންޝަން އޮފީސް ތެރެއިން އެ އުޅުނީ މަނީލޯންޑަކުރަން. އެހެންވީމާ މިހެން އޮތްއިރު ކޯޗެއްހޭ އޮޅުވާލަން ތިއުޅެނީ. ހިސާބުތަކެއް ދޮގެއް ނުހަދާނޭ. ދައުލަތުގައި ފައިސާ ނެތްކަމަކީ އެންމެނަށް އެނގޭ ކަމެއް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ދައުލަތުގައި ފައިސާ ނެތުމަކީ އުފާވާ ކަމެއް ނޫން ކަމަށާއި އެކަމުގެ ހުރިހާ ގެއްލުމެއް ލިބޭނީ ރައްޔިތުންނަށް ކަމަށެވެ. ޔާމީން ވިދާޅުވި ގޮތުން:
ސަރުކާރުން އުޅެނީ ދައުލަތުގައި ފައިސާ ނެތިގެން ސްކޫކެއް ހޯދަން ބޭނުންވެގެން
އެކަމަކު %14 ނުުވަތަ %17ގައި ނޫނީ ސްކޫކެއް ލިބޭކަށް ނެތް؛ އެކަމުގައި ވެސް ސަރުކާރުން އުޅެނީ ޔަގީންކަން ނުލިބިގެން
ރާއްޖޭގެ އެތެރެއިން އިތުރަށް އެ ފައިސާ ލިބޭނެ ގޮތެއް ނެތް
ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ޓީބިލް ވެސް އެތައް ފަހަރަކަށް ވިއްކާފައިވާތީ ބޭންކުތަކަށް ވެސް ޓީބިލް ގަތުމުގެ ބޭނުމެއް ނެތް
ޔާމީން އިތުރަށް ވިދާޅުވީ މި ހުރިހާ ކަމެއް ވެސް ސަރުކާރުން ކުރަން ޖެހިފައިވަނީ، ފައިސާ ޗާޕު ނުކުރާނެ ކަމަށް ބުނެ ރައީސް މުހައްމަދު މުއިއްޒު ގަދަބަސް ވިދާޅުވެފައިވާތީ، އެކަން މިހާރު ކުރެވެން ނެތިގެން ކަމަށެވެ. އެހެންވެ، ސަރުކާރުން އުޅެނީ އޮޅުވާލައިގެން ފައިސާ ޗާޕުކުރެވޭނެ އިތުރު ގޮތެއް ހޯދަން ކަމަށް ޔާމީން ވިދާޅުވި އެވެ.
"އިނާޒުގެ ޓުވީޓު ކިޔާލީމާ އަޅުގަނޑުމެންނަށް އެބަ އެނގޭ މިއީ ފައިސާ ޗާޕުކުރަންވެގެން ކުރި މަސައްކަތް. ޕެންޝަން އޮފީހުގެ ތެރެއިން ބޮންޑަކަށް ސަބްސްކްރައިބް ކުރަންވެގެން، އެ ފައިސާ ޗާޕުކޮށްފައި އެއީ ޕެންޝަން އޮފީހުގެ އެއްޗަކަށް ހަދަން މިއުޅުނީ،" ޔާމީން ވިދާޅުވި އެވެ.
ސަރުކާރުން އުޅެނީ ޕެންޝަން އޮފީސް ތެރެއިން މަނީލޯންޑާ ކުރަން: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ