ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދެމެދު ދިގު މުއްދަތެއް ބޭއްވުމަކީ އާ ގާނޫނުއަސާސީ އެކުލަވާލިއިރު އެއްވެސް ވަރަކަށް ގެންގުޅުނު ވިސްނުމެއް ނޫން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް، ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ބިލެއް ވަނީ ހުށަހަޅާފަ އެވެ. އެ ބިލުގެ ދިރާސާކުރުމުގެ މަރުހަލާގެ ތެރެއިން މިއަދު ބަންޑާރަ ނައިބު ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން އެންމެ ބޮޑަށް އަންނަ ފާޑުކިޔުމަކީ، ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީކުރުވަން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގޮތުގައި ރައްޔިތުންނަށް ލިބޭ ފުރުސަތު ގެއްލުންކަމަށެވެ. ނަމަވެސް، އެއީ ރަނގަޅު ވާހަކައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ގާނޫނުއަސާސީގެ 296 ވަނަ މާއްދާއަށް ބަލައިފި ނަމަ، އެ މާއްދާގަ އޮންނާނެ އެންމެ ފުރަތަމަ ބާއްވަން ޖެހޭ ރައްޔިތުންގެ މަޖިލީސް އިންތިހާބަކީ ފެބުރުއަރީ 15ގައި ބާއްވަން ޖެހޭ އިންތިހާބެއް، އޭގައި އެބަ ބުނޭ 1 މާޗްގެ ކުރިން އިންތިހާބު ބާއްވައި އާ މަޖިލީހެއް އެކުލަވާލަން ޖެހޭ. އެގޮތަށް ގާނޫނުއަސާސީއަށް އަމަލުކުރެވުނު ނަމަ، ރައިސުލްޖުމްހޫރިއްޔާ ހުވާކުރައްވާތާ ދެތިން މަސް ދުވަހުގެ ތެެރޭގައި މަޖިލީހެއް އެކުލަވާލެވޭނެ. މިހާރު އޮންނަ މުއްދަތު ވެސް ނޯންނާނެ،"
ބަންޑާރަ ނައިބު އަހުމަދު އުޝާމް
އުޝާމް ވިދާޅުވި ގޮތުގައި ދެ އިންތިހާބުގެ ދެމެދުގައި އެގޮތަށް މުއަދަތެއް ބޭއްވުމަކީ ގާނޫނުއަސާސީއަށް އިސްލާހު ގެނައިރު އެއްވެސް ވަރަކަށް ވިސްނުން ގެންގުޅުނު ކަމެއް ނޫނެވެ. އަދި ގާނޫނުއަސާސީ އެކުލަވާލީ ވެސް އެ މުއްދަތު އެގޮތަށް އޮންނަގޮތަށް ނޫންކަމަށެވެ.
މިހާރު އަމަލު ކުރަމުންދާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނަނީ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރައްވާތާ ގާތްގަނޑަކަށް ހަ މަސް ފަހުންނެވެ.
ބަންޑާރަ ނައިބު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާތާ ހަ މަސް ދުވަހަކީ އެ ބޭފުޅެއްގެ މަސައްކަތް ވަޒަން ކުރެވޭނެ މުއްދަތެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތަކުން ނަތީޖާ ނުކުންނާނެ މުއްދަތެއް ވެސް ނޫން ކަމަށް އުޝާމް ވިދާޅުވިއެވެ.
ދެ އިންތިހާބުގެ ދެމެދު އޮންނަ މުއްދަތު އިތުރުކުރަން އެއްވެސް އިރަކު ނުވިސްނަން: އުޝާްމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ