އެޗްޑީސީއަށް ރިހިޔޫބީލް ފުރުން ފާހަގަކުރުމަށް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށްގެންދަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ރިހި ޔޫބީލް ފުރުން ފާހަގަކުރުމާ ގުޅިގެން ކުލަގަދަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.
އެޗްޑީސީއަށް 25 އަހަރުފުރުން ފާހަގަކުރުމުމުގެ ގޮތުން ބޭއްވި ހަފްލާގައި އެކުންފުނިން ވަނީ، ލޯގޯ އާއި ހާއްސަ ޝިއާރު އިފްތިތާހްކޮށް ދައްކާލާފައެވެ. މި ހަފްލާގައި ހުޅުމާލެ ހިއްކުމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާހަމަޔަށް ސިޓީއެއްގެ ގޮތުގައި ތަރައްޤީވެގެން އައިގޮތް ވަނީ ދައްކާލާފައެވެ.
މި ހަފްލާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު ވަނީ އެޗްޑީސީގެ 25 އަހަރުގެ ދަތުރުގައި އެކުންފުނިން ހާސިލްކުރި ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވާފައެވެ. ޒުހައިރު ވިދާޅުވީ، ވޭތުވެދިޔަ 25 އަހަރެއްހާ ދުވަހުގެ ތެރޭގައި އެޗްޑީސީން ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށެވެ. މިއީ ފަހްރުވެރިވާ ފަދަ މުހިންމު ކާމިޔާބީއެއްކަމަށް އޭނާ ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަދައްކަވަމުން ޒުހައިރުވަނީ ވޭތުވެދިޔަ އަހަރުތަކުގައި ހުޅުމާލެއަށް އައިސްފައިވާ ތަރައްޤީ ފާހަގަކުރައްވައި، ކުރިއަށްއޮތްތަނުގައިވެސް އެޗްޑީސީން މަސައްކަތްކުރަމުންދާނީ ރައްޔިތުން އެދޭ އަމާޒުތަކަށް ވާސިލްވުމަށްކަމަށް ވިދާޅުވެފައެވެ.
އެޗްޑީސީގެ ރިހިޔޫބީލް ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ކަނޑުން ރިހިއައްސޭރިއަށް" މި ޝިއާރެވެ. ހުޅުމާލެއަކީ ކުރިން ހިކިފަސް ނެތް ފަޅެކެވެ. ހުޅުމާލެ މިއަދު އެ ފެންނަގޮތަށް ހުޅުމާލެ ސިޓީއަކަށް ވީ އެ ފަޅު ހިއްކައިގެން ކުރި ކާމިޔާބު ދަތުރުންނެވެ. އެޗްޑީސީގެ ރިހިޔޫބީލަށް ކަނދައެޅި އެ ޝިއާރުން ބުނެދެނީ އެ ވާހަކަތަކެވެ.
އެޗްޑީސީގެ ރިހިޔޫބީލް ފާހަގަކުރުމުގެ ގޮތުން އެކުންފުނިން ވަނީ ރައްޔިތުންގެ ބައިވެރިވުން ހިމަނައިގެން ތަފާތު ހަރަކާތްތައް ކުރިއަށްގެންދިއުމަށް ނިންމާފައެވެ. މީގެ ތެރޭގައި އިޖުތިމާއީ ހަރަކާތްތަކާއި، މުނިފޫހިފިލުވުމާއި ކުޅިވަރުގެ ހަރަކާތްތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ