ރިޝްވަތުގެ މައްސަލައިގައި ޗައިނާގެ ކުރީގެ ޖަސްޓިސް މިނިސްޓަރަށް އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި

ރިޝްވަތުގެ މައްސަލައެއް ސާބިތުވެ، ޗައިނާގެ ކުރީގެ ޖަސްޓިސް މިނިސްޓަރު ޓަންގް ޔިޖޫން އުމުރު ދުވަހަށް ޖަލަށް ލާން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓާ ސީސީޓީވީން ބުނީ އެ ގައުމުގެ ފުޖިއަން ޕްރޮވިންސްގެ ޒިއާމަން އިންޓަމިޑިއަޓް ޕީޕަލްސް ކޯޓުން ޓާންގްއަށް ހުކުމް އިއްވީ،137 މިލިއަން ޔުއާން (19.71 މިލިއަން ޑޮލަރު)ގެ އަގުހުރި މުދާ ރިޝްތަވުގެ ގޮތުގައި، 2006 އާއި 2022 އާ ދެމެދު ބަލައިގެންފައިވާތީއެވެ. އޭނާގެ މައްޗަށް ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެނިހެން ފައިދާތައް ހޯދިކަމުގެ ދައުވާ ސާބިތުވުމުންނެވެ. ކޯޓުން ވަނީ، ޓަންގްގެ އަމަލުތަކަކީ ރިޝްވަތުގެ ޖަރީމާއެއް ކަމަށާއި އެކަމުގެ ސަބަބުން ދައުލަތާއި ރައްޔިތުންގެ މަސްލަހަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ނިންމައިފައެވެ. އަދި ޓަންގް ސިޔާސީ މަސައްކަތުގައި އުޅުން މަނާކޮށް، އޭނާގެ އަމިއްލަ ހުރިހާ މުދަލެއްވެސް އަތުލައިގަނެފައިވާ ކަމަށް ސީސީޓީވީން ރިޕޯޓުކޮށްފައިވެއެވެ. މި ހުކުމް އިއްވާފައިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ ބެއްލެވުމުގެ ދަށުން ކޮރަޕްޝަނާ ދެކޮޅަށް ކުރިއަށް ގެންދާ ފުޅާ ކެމްޕޭނެއްގެ ތެރެއިންނެވެ. އެ ކެމްޕޭނުގެ ދަށުން މިހާރުގެ އިމާޖެންސީ މެނޭޖްމަންޓް މިނިސްޓަރު، ވަންގް ޝިއަންގްސީގެ މައްސަލައެއްވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް އެގައުމުގެ އެންޓި ގްރާފްޓް ވޮޗްޑޮގުން މިދިޔަ ހަފުތާގައި ބުނެފައިވެއެވެ. އުމުރުން 64 އަހަރުގެ ޓަންގް އޭނާގެ ކެރިއަރު ފެށީ އިރުމަތީ ޒެޖިއަންގް ޕްރޮވިންސްގައެވެ. އެ ޕްރޮވިންސްގައި 30 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށް އެ ޕްރޮވިންސްގެ ކޮމިއުނިސްޓް ޕާޓީގެ ނައިބުގެ މަގާމުވެސް އަދާކުރިއެވެ. އޭގެ ފަހުން ލިއޮނިންގް ޕްރޮވިންސްގެ ގަވަރުނަރުގެ މަގާމުވެސް އަދާކުރިއެވެ. ޖަސްޓިސް މިނިސްޓަރު ކަމަށް އައްޔަން ކުރީ ⁠2020 ވަނަ އަހަރެވެ. ޓަންގްގެ މައްސަލަ ފުރަތަމަ ތަހުގީގު ކުރަން ފެށީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހު އަޚުލާގީ މައްސަލަތަކަކާއި ގާނޫނާ ޚިލާފުވެފައިވާ ކަމަށް ޝައްކު ކުރެވޭތީއެވެ. އެ އަހަރުގެ ފަހުކޮޅު އޭނާ ވަނީ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން ވަކިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ