ދަރިމައިވުމުގެ މައްސަލަ ހުންނަ މީހުން ހަދާ އިންވިޓްރޯ ފާޓަލައިޒޭޝަން (އައިވީއެފް)ގެ ފަރުވާ ހޯދުމަށް މިދިޔަ ޑިސެމްބަރު މަހު ހުށަހެޅި މީހުންގެ ލިސްޓު މުރާޖައާކުރިއިރު ޝަރުތުހަމަވީ 37 މީހެއް ކަމަށް އެންސްޕާއިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އައިވީއެފްގެ ފަރުވާގެ އެހީއަށް އެދެން، މިދިިޔަ ނޮވެމްބަރު މަހު ހުޅުވާލި ފުރުސަތުގައި 135 މީހަކު އެކަމަށް އެދި ހުށަހެޅި އެވެ. ޝަރުތުހަމަވާ މީހުންގެ ވަގުތީ ލިސްޓު މިދިޔަ މަހުގެ 21ގައި އާންމުކުރިއިރު، ޝަރުތުހަމަވެގެން 39 މީހަކަށް އެ އެހީ ހަމަޖެހިފައިވާ ކަމަށް އެންސްޕާއިން ބުންޏެވެ.
ތަފްސީލް - އެ ލިސްޓު މުރާޖައާ ކުރުމަށް ފަހު ޝަރުތުހަމަވާ މީހުންގެ ދާއިމީ ލިސްޓެއް އެންސްޕާއިން މިއަދު ވަނީ އާންމުކޮށްފަ އެވެ. މުރާޖައާކޮށް މިއަދު އާންމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން، މީގެ ކުރިން ޝަރުތުހަމަވާކަމަށް ކަނޑައަޅާފައިވާ ދެ މީހަކު ލިސްޓުން އުނިވެފައިވެ އެވެ.
އެގޮތުން، އެންސްޕާއިން މިއަދު ކުރި އިއުލާންގައި ބުނީ:
އެހީއަށް ޝަރުތުހަަމަވެގެން މިހާރު އެހީ ހަމަޖެހިފައިވަނީ 37 މީހަކަށް
އެހީ ހަމަޖެހިފައިވާ މީހުންނަށް ފަރުވާ ކުރިއަށްގެންދާނެ ގޮތުގެ ޓްރީޓްމެންޓް ޕްލޭން ހިއްސާކުރުމާ ގުޅޭ ގޮތުން މި މަހުގެ 11ގެ ކުރިން މައުލޫމާތު ފޯރުކޮށްދޭނެ
އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ، އެންސްޕާގެ ހޮޓްލައިން 1402އަށް ގުޅުމަށް ނުވަތަ އީމެއިލް ކުރުމަށް އެދުނު
އެނގުން މުހިންމު - 'އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ އުސޫލު'ގައި، އެ ހިދުމަތް ދެވޭނެ މީހުންނާއި ހިދުމަތް ދެވޭނެ މީހުންގެ ޝަރުތުތައް ބަޔާން ކޮށްފައިވެ އެވެ. އަދި، ފަރުވާ ހުއްޓާލެވޭނެ ހާލަތްތަކާއި ފަރުވާއަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނެ ގޮތުގެ އުސޫލުތައް ވެސް ހިމަނާފައިވެ އެވެ.
އެގޮތުން، އައިވީއެފް ފަރުވާއަށް އެދެވޭނެ މީހުންގެ ޝަރުތުތަކަކީ:
އެހީއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް މީލާދީ ގޮތުން ތިން އަހަރުވެފައިވުން
ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސް އަޅާ ސިއްހީ ސަބަބެއް ކުރިމަތިވެފައި ވުން
ދަރިމައިނުވާ ސަބަބު ދެނެނުގަނެވި ދަރިމައިވުމަށް ނުކުޅެދިފައިވާތާ ތިން އަހަރުވެފައިވުން
ދަރިމައިވުމުގެ އެހެނިހެން ފަރުވާތައް ކާމިޔާބުނުވެ، އައިވީއެފް ނުވަތަ އައިޔޫއައި އަކީ އެންމެ އެކަށީގެންވާ ފަރުވާކަމަށް އެކަމާ ގުޅޭ ސްޕެޝިލިސްޓަކު ލަފާދީފައިވުން
ދެމަފިރިންގެ ދަރިއެއް ދުނިޔޭގައި ނެތުމާއި، ދަރިމައިނުވާ އޮޕަރޭޝަނެއް ކޮށްފައިވާ މީހެއް ކަމަށް ނުވުން
ފަރުވާ ފަށާއިރު އަނބިމީހާގެ އުމުރުން 25 އަަހަރު ފުރި، 42 އަހަރު ފުރިފައި ނުވުން އަދި، ފިރިމީހާގެ އުމުރުން 55 އަހަރު ފުރިފައި ނުވުން
ފަރުވާ ފަށާއިރު ދުންފަތުގެ އިސްތިއުމާލު ނުކުރާތާ ހަ މަސް ދުވަސް ވެފައިވުން
ދެމަފިރިން ކުރެ އެއްވެސް މީހަކީ ޖިނާއީ ކުށެއްގައި ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުން
އައިވީއެފް ނުވަތަ އައިޔޫއައި ސްކީމުން މީގެ ކުރިން އެހީ ލިބިފައިވާ މީހަކަށް ނުވުމާއި، ފަރުވާގެ ތިން ބުރު ހަމަވެފައިވާ މީހަކަށް ނުވުން
ައައިވީއެފް އެހީ ހަމަޖެހޭ މީހުންގެ ލިސްޓު މުރާޖައާކޮށް އަލުން އާންމުކޮށްފި؛ މިފަހަރު ޝަރުތު ހަމަވީ 37 މީހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ