މެއި، ޖޫން އޭލެވެލް އިމްތިހާނު ހެދުމުގެ ފުރުސަތު އަލުން ދެނީ

އަހަރުތަކަކަށްފަހު އޭލެވެލް އެޑެކްސެލްގެ މެއި/ޖޫން އިމްތިހާނު ހެދުމުގެ ފުރުސަތު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
ރާއްޖޭގައި އޭލެވެލް އެޑެކްސެލް މެއި/ޖޫން އިމްތިހާން ދިނުން ހުއްޓާލާފައިވަނީ 2019 ވަނަ އަހަރެވެ.
ގާތްގަނޑަކަށް ފަސް އަހަރުގެ މުއްދަތަކަށްފަހު، އިމްތިހާނު އަލުން ދިނުމަށް ނިންމައި، އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އިމްތިހާނު ދިނުން ހުއްޓާލުމާ ގުޅިގެން އެ އިމްތިހާނު ހެދުމަށް ބޭނުންވާ ކެނޑިޑޭޓުން ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރުމަށާއި، ހުރުމުގެ ހަރަދުތަކަށް އެކަނިވެސް ޖުމްލަ ގޮތެއްގައި 30،000 ރުފިޔާ އަށްވުރެ ގިނަ ފައިސާ ހަރަދުވާކަން ފާހަގަކުރެވިފައިވާކަމަށެވެ. މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އަމިއްލަ ކެނޑިޑޭޓުންނަށް އޭލެވެލް އެޑެކްސެލްގެ މައްދާތަކުގައި ބައިވެރިވާން ބޭނުންވާ ކެނޑިޑޭޓުންނަށް މިއަހަރުން ފެށިގެން އިމްތިހާނުތައް އަލުން ބައްވާގޮތަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އޭލެވެލް އެޑެކްސެލް މެއި/ޖޫން އިމްތިހާން ސީރީސްއާ ގުޅޭ މައުލޫމާތު މިހިނގާ ފެބުރުއަރީމަހުގެ 4 ވަނަ ދުވަހުން ފެށިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން އާންމުކުރާނޭކަމަށެވެ. މި އިމްތިހާން މެއި/ޖޫންގައި ރާއްޖޭގައި އަލުން ފެސިނަމަވެސް ސްކޫލްތަކުގެ ދަރިވަރުންނަށް އޭލެވެލް އިމްތިހާން މިހާރެކޭ އެއްގޮތަށް އޮކްޓޯބަރު/ނޮވެމްބަރުގައި ކުރިއަށްދާނޭކަމަށް މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ