މަސްވެރިކަމުގައި މުސްތަގުބަލެއް އޮތްކަން ޒުވާނުންނަށް މިހާރު ގަބޫލުރެވޭ: ނައިބު ރައީސް
ފާއިތުވި އަހަރުތަކުގައި ޒުވާނުން މަސްވެރިކަމުގެ ދާއިރާއާ ބީރައްޓެހިވި ނަމަވެސް، މި ސަރުކާރުން ކުރި މަސައްކަތްތަކާއެކު، ޒުވާނުންނަށް މިހާރު މި ދާއިރާއަށް އިތުބާރު ކުރެވޭ ކަމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ. ގދ. ފިޔޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ، ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ، އެ މަޝްރޫއަކީ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ލިބޭނެ ހިތްވަރެއް ކަމުގައެވެ. އެގޮތުން، އެ މަސައްކަތާއެކު، އައު ދޯނިތައް ގެނައުމާއި އިތުރު އުޅަނދުތައް ގެނެސްގެން މަސްވެރި ދާއިރާއަށް ނެރުމަށް ކުރާ މަސައްކަތަށް ހިތްވަރު ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ނައިބު ރައީސް ވިދާޅުވީ، ޒުވާނުން މަސްވެރިކަން ދޫކޮށްލައި، އެހެން ވަޒީފާތަކަށް ދާކަން ފާއިތުވި އަހަރުތަކުގައި ފާހަގަވި ކަމަށާއި، އެއީ މި ދާއިރާއަށް އިތުބާރު ނެތުމުން ކަމަށެވެ. https://x.com/MFORmv/status/2018357013814858031 އެހެންވެ ސަރުކާރުން އަންނަނީ މަސްވެރިކަމުގެ ދާއިރާއިން ދެކޮޅު ޖެހޭ ގޮތަށް މަންފާ ލިބޭ ގޮތް ހަދަން މަސައްކަތް ކުރަމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. "މަސްވެރިކަމުން މި ލިބޭ މަންފާ، ސަރުކާރުން މި ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން، ރައީސުލް ޖުމްހޫރިއްޔާ އެގެންދަވަނީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން، ދެކޮޅުޖެހޭ ނިޒާމެއްގެ ތެރޭގަ ހަމަމަގަށް އަޅުވައިގެން އެކަށީގެންވާ މަންފާއެއް ލިބޭގޮތް ހެއްދެވުމަށް." ނައިބު ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ކުރާ މަސައްކަތުން، ޒުވާނުންގެ މެދުގައި އިތުބާރު އުފެދެމުން އަންނަ ކަމަށެވެ. މިއަދު، މި ކަންކަމާ ގުޅިގެން ރައްޔިތުންގެ ތެރޭގައި އިތުބާރު އުފެދި ޒުވާނުންގެ ތެރޭގައި ތިމާމެންނަށް މީގައި ފިއުޗާ އޮތްކަން ގަބޫލުކުރެވޭ ހިނދު އަޅުގަނޑު ގަބޫލުކުރަނީ މީގެ ސަބަބުން އެކަށީގެންވާ މަންފާތަކެއް މަސްވެރިކަމުގެ ދާއިރާއަށް ލިބިގެންދާނެނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ފިޔޯރީގައި ކާރުޚާނާ އަޅަން ފުރަތަމަ ނިންމިއިރު ސަރުކާރުން ނިންމައިފައި އޮތީ 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އެޅުމަށެވެ. ނަމަވެސް ފަހުން ވަނީ، ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 3000 މެޓްރިކް ޓަނަށް އިތުރުކޮށްފައެވެ. މީގެ އިތުރުން ދުވާލަކު 100 ޓަނުގެ މަސް، ދަޅުގައި ބަންދުކުރެވޭނެ ކާރުޚާނާއަކާއި، ދުވާލަކު 100 ޓަނުގެ މަސްކުނޑި އުފެއްދޭނެ ފިޝްމީލް ޕްލާންޓެއް ވެސް އެ މަޝްރޫޢުގެ ދަށުން ގާއިމުކުރުމަށް ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ