ވޯލްޑް ގަވަމަންޓްސް ސަމިޓަށް، ފޮރިން މިނިސްޓަރު ޚަލީލް ދުބާއީއަށް
ވާލްޑް ގަވަމަންޓްސް ސަމިޓް 2026ގައި ދިވެހި ވަފުދުގެ އެންމެ އިސްވެރިޔެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް، ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ދުބާއީއަށް ފުރާވަޑައިގެންފިއެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާ އެ ސަމިޓް ކުރިޔަށް ދާނީ މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ފޮރިން މިނިސްޓްރީން ބުނީ އެ ސަމިޓަށް ވަޑައިގަންނަވާ ރާއްޖޭގެ ވަފުދުގައި، މިނިސްޓަރު ޚަލީލްގެ އިތުރުން ދިވެހިރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފާއި ސަފީރުގެ ނާއިބު ޙައްސާން ވަޙީދާއި އެސިސްޓެންޓް ޑިރެކްޓަރު ޢައިޝަތް ލީން ފަޒީޙް ހިމެނިވަޑައިގަންނަވާ ކަމަށެވެ. ވޯލްޑް ގަވަމަންޓްސް ސަމިޓަކީ ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު، މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ އިސްނެންގެވުމުގެ މަތިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބައިނަލްއަގުވާމީ ބައްދަލުވުމެކެވެ. ފޮރިން މިނިސްޓްރީން ބުނީ، "ޝޭޕިން ފިއުޗާ ގަަވަމަންޓްސް"، އެ ޝިއާރުގެ ދަށުން ބާއްވާ މި އަހަރުގެ ސަމިޓު ވެސް ވާނީ ބައިނަލްއަގުވާމީ ފެންވަރުގައި ގުޅުން ބަދަހިކުރުމަށް ވަރަށް މުހިންމު ޕްލެޓްފޯމަކަށް ކަމަށެވެ. އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުގެ ވަފުދުގައި ވެސް ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ހިމެނިވަޑައިގަތުމަކީ، ތަރައްގީގެ އެކިއެކި ސިޔާސަތުތައް ބައްޓަންކުރުމާއި، ދެމެހެއްޓެނިވި ތަރައްގީއާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތަކަށް ރާއްޖެއިން މެދުކެނޑުމެއްނެތި ދޭ އަހަންމިއްޔަތުކަން ހާމަވާ ކަމެއް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. މި ސަމިޓުގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ، ދިވެހިރާއްޖެއާއި ޔޫއޭއީ އާދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށާއި، މި ސަމިޓުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ