ފައިސާ ޗާޕުކޮށްގެން ވެސް ސަރުކާރުން އުޅެނީ ވައްކަންކުރަން، ފުރުސަތު ދީގެން ނުވާނެ: އަބްދުލްޣަފޫރު
މި ސަރުކާރުން ފައިސާ ޗާޕުކޮށްގެން ވެސް ތައްޔާރު ވަމުން އަންނަނީ ވައްކަން ކުރުމަށް ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) މިރޭ ތުހުމަތުކުރައްވައިފިއެވެ. އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި އަބްދުލްޣަފޫރު ވިދާޅުވީ، ޕީއެންސީން މި ގައުމުގައި ޑިމޮކްރަސީގެ ވާހަކަދައްކަން ލަދު ގަންނަން ޖެހޭނެ ކަމަށެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި، ޕީއެންސީން ކުރިހާ ކަމަކީ ވައްކަން ކުރުމެވެ. ހަނިމާދޫ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވާ ގަޕޯ ވިދާޅުވީ، މި ގައުމުގައި ސަރުކާރުގެ ކެންޑިޑޭޓުން ނުތިބޭނެ ކަމަށާއި ތިބޭނީ، ރައްޔިތުންގެ ކެންޑިޑޭޓުން ކަމަށެވެ. އެމްޑީޕީއަކީ، މި ގައުމުގައި ވެރިކަން ކުރާނެ ލީޑަރުން އުފައްދާނެ ޕާޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީ ގައުމީ މަޖިލިސް ޖަލްސާއެއްގައި އެ ޕާޓީގެ މިހާރުގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ -- ސަން ފޮޓޯ އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ރައްޔިތުންނަށް ހީލަތްހެދުމާއި ވައްކަން ކުރުން ނޫން ކަމެއް ވެރިކަން ކުރާ ޕީއެންސީން ނުކުރާނެ ކަމަށެވެ. ކޮވިޑު-19ގެ ދަތި ހާލަތުގައި ވެސް ރައްޔިތުންނަށް މިހާރުގެ ހާލަތެއް ނުޖެހޭ ކަމަށާއި ރާއްޖޭގެ ކްރެޑިޓް ރޭޓިން މިއަދު އޮތީ 'ގޮނޑުގައި'ކަން އަބްދުލްޣަފޫރު ފާހަގަކުރެއްވިއެވެ. އެހެންވެ، އެއްވެސް ތަރައްގީއަށް މި ގައުމަށް ސަރުކާރުން ހޯދައި ނުދެވޭނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ. ފައިސާ ޗާޕުކޮށްގެން ވެސް ވައްކަމަށް ތި ތައްޔާރުވަނީ. ތި ކަމަކަށް ރައްޔިތުން ފުރުސަތު ދީގެނެއް ނުވާނެ. މި އިންތިޚާބުގައި ބޮޑު ތަނުން ސަރުކާރު ބަލި ކުރަން އެބަ ޖެހޭއެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަބްދުލްޣަފޫރު އެފަދައިން ވިދާޅުވިއިރު، ޕެންޝަން އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކަން މިދިޔަ އޮކްޓޫބަރުގައި ޕެންޝަން އޮފީހުގެ ބޯޑުން ވަނީ ފާސްކޮށްފައެވެ. އެއީ ފައިސާ ޗާޕުކުރުން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. https://sun.mv/217447 އެފަދައިން ނިންމި ފަހުން، ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމާއި ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ވަނީ މިދިޔަ އަހަރު ތެރޭ އިސްތިއުފާ ދެއްވައިފައެވެ. އިއްޔެ ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒް ވެސް ވަނީ، އެ މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް ގެއްލުން ބޮޑު ނިންމުމެއްކަމަށް ގަބޫލުކުރެއްވޭ ކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވައިފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ފައިސާ ޗާޕު ނުކުރާނެ ކަމުގެ ވައުދާއެކުގައި ކަމަށްވާއިރު، މިހާރު ވެސް ސަރުކާރުން އަންނަނީ ފައިސާ ޗާޕު ނުކުރާނެ ކަމަށް ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ