އިންތިޚާބުގައި އީފާސް ބޭނުންކުރާތީ ޕީއެންއެފުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އީފާސް ބޭނުންކުރުމާ ދެކޮޅަށް ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)އިން ހުށަހެޅި މައްސަލަ ހައިކޯޓުން އިއްޔެ ބޭރުކޮށްލައިފިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕާޓީން މިދިޔަ ހަފުތާގެ ބުދަ ދުވަހު އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ، ޕީއެންއެފުގައި އުޅުއްވާ ގާނޫނީ ވަކީލު އާދަމް އާސިފްގެ ނަމުގައެވެ. އެ މައްސަލައިގައި އާސިފު ތުހުމަތުކުރައްވާފައި ވަނީ، އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުންގެ ތާއިދު އޮތްކަން ހާމަކުރުމަށް 50 މީހުންގެ ތާއިދު ހޯދުމަށް އީސީގެ މައި ޕޯޓަލް މެދުވެރިކޮށް ހޯދުމަށް އަންގާފައި ވަނީ، އިންތިޚާބަށް އެ މީހުން ކުރިމަތިލުމުގެ ހައްގު އުނިކުރުމަށް ކަމަށެވެ. https://x.com/MJameelAhmed/status/2018369732282290658 އެހެންވެ، އޭނާ އެދިވަޑައިގެންފައި ވަނީ، އެ ކަމަކީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދެއްވުމަށެވެ. އަދި، ގާނޫނާ އެއްގޮތަށް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދަން އަމުރުކޮށްދިނުމަށެވެ. އެކަމަކު، އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝިދާ ވަނީ ނިންމަވައިފައެވެ. ހޫރުޝިދާގެ ނިންމެވުމުގައި ވިދާޅުވީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ، އިލެކްޝަންސް ކޮމިޝަނުގެ ނިންމުން، އާސިފް ފާހަގަކުރެއްވި މާއްދާތަކާ ޚިލާފުވާ ކަމަށް ގާނޫނީ އުސޫލުތަކުގެ އަލީގައި ބަޔާންކޮށްފައިނުވާތީ ކަމަށެވެ. ހައި ކޯޓުން އެފަދައިން ނިންމެވި އިރު، އަންނަ އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލާއި ޑަބްލިއުޑީސީ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލި މުއްދަތު މިދިޔަ އާދިއްތަ ދުވަހުގެ 17:30އަށް ވަނީ ހަމަވެފައެވެ. https://sun.mv/217441 އެ މުއްދަތާ ހަމައަށް ވެސް ޕީއެންއެފުން ހުށަހެޅި މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން ގޮތެއް ނުނިންމައެވެ. އެހެންވެ، ޕީއެންއެފުން އެކަމާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޔާމީންގެ އިތުރަށް، އިންތިޚާބަށް ކުރިމަތިލުމުގައި އީފާސް ބޭނުންކުރަން ޖެހޭތީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިގޮތުން، އީސީގެ ރައީސް މުހައްމަދު ޒާހިދަށް ފޮނުއްވި ސިޓީއެއްގައި ވަނީ، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ހޯދަން ޖެހޭ 50 ސޮއި ހޯދުމުގައި، އެ ސޮއި ދޭ މީހުން އެ މީހުން އަމިއްލައަށް އީފާސް މެދުވެރިކޮށް ލޮގިންކޮށްގެން ވެރިފައި ކުރަން ޖެހޭ ގޮތަށް ހަމަޖެއްސުމަކީ، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ އިންތިޚާބީ ހައްގަށް އުނިކަން ލިބޭ ކަމެއް ކަމަށް ދެކޭ ކަމަށެވެ. އުމަރު ވިދާޅުވީ ރާއްޖޭގައި އީފާސް ބޭނުންކޮށްގެން ޚިދުމަތެއް ހޯދަން ދަންނަނީ އާބާދީގެ 10 ޕަސެންޓް މީހުން ކަމަށެވެ. އެހެންވެ، އެ ސިޓީގައި އޭނާ ވަނީ، އެ އުސޫލު ބާތިލުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ