ޒުވާނުންނަށް ޝާހިދު: މިއީ ދެފުށްފެންނަ ގޮތަށް ބާއްވާ ފަހު އިންތިޚާބަށް ވެދާނެ، ޕީއެންސީއާ ދެކޮޅަށް ވޯޓުލާ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ދެފުށްފެންނަ ގޮތަކަށް ބާއްވާ ފަހު އިންތިޚާބަށް ވެދާނެ ކަމަށް ވިދާޅުވެ، ޒުވާނުން ވެރިކަން ކުރާ ޕީއެންސީއާ ދެކޮޅަށް ވޯޓުލާން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ގޮވާލައްވައިފިއެވެ. މިރޭ އެ ޕާޓީން ބޭއްވި ހަރުގެ ޖަލްސާގައި ޝާހިދު ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޝާހިދު ވިދާޅުވީ، ޕީޕީއެމަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު މަސައްކަތް ކުރަނީ ރައްޔިތުންގެ އަތުގައި އޮތް ބާރުތައް އަތުލައި، ޚުދުމުހުތާރު ވެރިކަމެއް ބިނާ ކުރުމަށް ކަމަށެވެ. އެގޮތުން، ކޮންމެ ދިމާލަކަށް ބަލައި، މިންކުރިޔަސް ފެންނަނީ، މަރުކަޒު ކުރުމާއި ރައްޔިތުން އަތުން ބާރުތައް އަތުލާ ތަން ކަމަށް އޭނާ ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ، މިހާރު ރާއްޖެ މި އޮތީ ޒުވާނުންގެ އަތް މަތީގައި ކަމަށެވެ. އެމްޑީޕީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި އެމްޑީޕީގެ އިސްވެރިން --- ފޮޓޯ/ އެމްޑީޕީ އަޅުގަނޑު ހަމަ އެ ގޮތަށް މި ދަންނަވަނީ ޒުވާނުންނަށް، ނުކުމެވަޑައިގަންނަވާށޭ. ވޯޓު ފޮއްޓަށް ތިޔަ ބޭފުޅުން ޕީއެންސީއާ އިދިކޮޅަށް ވޯޓު އަޅުއްވާށޭ.އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އޭނާ ތުހުމަތުކުރެއްވި ގޮތުގައި، ރާއްޖޭގެ ކަންކަން މިހާރު މިސްރާބު ޖަހާފައި ހުރީ ސަރުކާރުން ބޭނުންވާ ގޮތަށް 'ރިމޯޓަށް ފިތުމުން ކަން ހިނގާ ގޮތަށް' ކަމަށެވެ. މީގެ އިތުރުން ޝާހިދު ވަނީ، ރައްޔިތުންގެ މަޖިލީހަކީ، ރައީސް އޮފީހުން ހިންގާ ޑިޕާޓުމަންޓަކަށް ބަދަލުކޮށްފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ. އެއީ، އެ ތަނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާ ގޮތަށް ނޫނީ ވާހަކަނުދެއްކޭތީ ކަމަށާއި އެ މަނިކުފާނާ ދެކޮޅަށް ވާހަކަދައްކަވާ މެންބަރަކު ވިއްޔާ ހުންނަނީ ބިރުވެރިކަމަަކަށް ވައްޓާލާފައި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ސަރުކާރުން މަޖިލީހުގެ "އަނގަ މަތީގައި މަލަން" އަޅާލީ، މަޖިލީހުގެ މެންބަރުން އަދާކުރަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާ މަސްއޫލިއްޔަތުތައް އަދާނުކުރެވޭނެ ގޮތަށް ކަމަށް ޝާހިދު ތުހުމަތުކުރެއްވިއެވެ. އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލާއި ޑަބްލިއުޑީސީ އިންތިޚާބުގައި އެންމެ ގޮނޑިއެއް ވެސް ޕީއެންސީއަށް ދީގެން ނުވާނެ ކަމަށެވެ. މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާލަން ބޭނުންވަނީ ހީފުޅުނުކުރައްވައްޗޭ ރާއްޖޭގެ ރައްޔިތުންނަކީ މުށި ބުދުތަކެކޭ. ހިތުހުރި ގޮތެއް ހެދިދާނެޔޭ. އެއްގޮތަކަށް ތިޔަ ބޭފުޅުން ހީކުރައްވާ ގޮތަށް ކަން ކުރެއްވިއްޔަ ނުދޭނަން. އަޅުގަނޑުމެން މި ސަރުކާރު ބަލިކޮށްލާނަންއެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެ ޕާޓީން ''އެންމެ އިންޗެއް'' ވެސް ފަހަތަށް ނުޖެހޭނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައިވެއެވެ. ލޯކަލް ކައުންސިލް އިންތިޚާބު އޮތީ އަންނަ އޭޕްރީލް ހަތަރެއްގައެވެ. އިދިކޮޅު އެމްޑީޕީއާއި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ކަށަވަރުކޮށްފައިވާއިރު، ދެ ޕާޓީން އަންނަނީ ބޮޑު ކެމްޕެއިނެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ