ގދ.ފިޔޯރީގައި ދަޅުގައި ބަންދުކުރާ ކާރުހާނާ އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މިކަމަށްޓަކައި ފިޔޯރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފެވެ. މި ރަސްމިއްޔާތުގައި މަސްވެރިކަމާ ބެހޭ ވަޒީރު، އަޙްމަދު ޝިޔާމްއާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ، ފިޔޯރީގައި މިއަދު ފެށުނު މަޝްރޫޢުގެ ސަބަބުން އެރަށުގެ އިތުރުން ގދ އަދި ގއ އަތޮޅަށްވެސް އެކަމުގެ ކުރިއެރުންތައް އަންނާނޭކަމަށެވެ. އެގޮތުން އިގްތިސާދީ ފުދުންތެރިކަމާއި، މަސްވެރި އާއިލާތަކަށް އުޖާލާ މުސްތަޤްބަލަކަށް މަގުފަހިވެގެންދާނޭކަމަށް ވިދާޅުވިއެވެ.
ފިޔޯރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން..
ނައިބުރައީސް ވިދާޅުވީ، މި ސަރަހައްދުގައި ދަޅުގައި މަސް ބަންދުކުރާ ކާރުހާނާއެއް ޤާއިމްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި މައިގަނޑު ސަބަބަކީ، ފިޔޯރީ ހިމެނޭ ސަރަހައްދުގައި ދޮށީގެ މަސްވެރިކަން ނުހަނު ބޮޑަށް ފުޅާވެފައި އޮތުމާއެކު، ބާނާމަސް ކޫއްޑޫގައި އެކަނި ބަންދު ކުރެވެން ނެތުމުން، އެފަދަ މަޝްރޫޢެއް ހިންގަން އެންމެ ރަނގަޅު ސަރަހައްދަކީ މިސަރަހައްދު ކަމުގައި ވާތީކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ފިޔޯރީގައި ޤާއިމްކުރާ ކާރުހާނާގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ތެރޭގައި އެތަން އޮޕަރޭޝަނަށް ގެނައުންކަމަށެވެ. އެގޮތުން ބަނދަރުގެ މަސައްކަތް ނިންމައި ބިންހިއްކުމުގެ މަސައްކަތް އަވަހަށް ނިންމާނޭކަމަށް ކޮންޓްރަކްތަރުގެ ފަރާތުން ޔަގީންކަން ލިބިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް ވާހަކަދައްކަވަނީ
ހައުސިން މިނިސްޓަރު ޑރ.މުއްތަލިބް ވިދާޅުވީ، މަސްކާރުހާނާގެ ސަބަބުން ފިޔޯރީއަށް އުމްރާނީ ގޮތުންނާއި އިގްތިސާދީގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނޭކަމަށެވެ. މަސްވެރިކަން އިއާދަކުރުމަށް ސަރުކާރުން މި ފަށާ މަސައްކަތާއެކު މަސްވެރިކަން އިތުރަށް ކުރިއަރައި، އެހެން ރަށްރަށުގެ މީހުން ފިޔޯރީއަށް ހިޖުރަކުރުމުގެ މަގުފަހިވެގެންދާނޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ހައުސިން މިނިސްޓަރު ޑރ.މުއްތަލިބް ވާހަކަދައްކަވަނީ
ފިޔޯރީގައި މަސްކާރުހާނާ އެޅުމަށް ބިންހިއްކަން ފެށުމުގެ އިތުރުން އެރަށު ބަނދަރުގެ މަސައްކަތްވެސް ވަނީ ފެށިގެންގޮސްފައެވެ. މަޝްރޫޢުގެ ދަށުން 6.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ.
މި ދެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިއިރު، ކުރިން ރޭވިފައި އޮތް 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ ބަދަލުގައި، މިހާރުގެ ފަރުމާގައި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 3000 މެޓްރިކް ޓަނަށް އިތުރުކޮށްފައިވާކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ. މީގެ އިތުރުން ދުވާލަކު 100 ޓަނުގެ މަސް، ދަޅުގައި ބަންދުކުރެވޭނެ ކާރުޚާނާއަކާއި، ދުވާލަކު 100 ޓަނުގެ މަސްކުނޑި އުފެއްދޭނެ ފިޝްމީލް ޕްލާންޓެއް ވެސް މި މަޝްރޫޢުގެ ދަށުން ގާއިމުކުރެވިގެންދާނޭކަމަސް ވުޒާރާއިން ވަނީ ބުނެފައެވެ. ފިޔޯރީއަކީ މަސްވެރިކަމަށް މަޝްހޫރު އަދި މަސްވެރިކަމަށް ފުރާ އުޅަނދުފަހަރު ނިސްބަތުން ގިނަ ރަށެކެވެ
ފިޔޯރީގައި ދަޅުގައި މަސް ބަންދުކުރާ ކާރުހާނާ އަަޅަން ބިން ހިއްކަންފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ