އޮސްޓްރޭލިއާގެ މުސްލިމުންގެ ދިރިއުޅުމާއި ތާރީޚު ދައްކުވައިދޭ މައުރަޒެއް މާލޭގައި ފަށައިފި

އޮސްޓްރޭލިއާގައި މުސްލިމުންގެ ދިރިއުޅުމާއި ތާރީޚު ދައްކުވައިދޭ މައުރަޒެއް ކަމަށްވާ، "ބައުންޑްލެސް ޕްލެއިންސް" އެގްޒިބިޝަން މާލޭގައި ހުންނަ ނެޝަނަލް އާޓް ގެލަރީގައި މިއަދު ހުޅުވައިފިއެވެ. އިސްލާމިކް މިއުޒިއަމް އޮފް އޮސްޓްރޭލިއާ (އައިއެމްއޭ) އާއި ދިވެހިރާއްޖޭގައި ހުންނަ އޮސްޓްރޭލިއާގެ ހައިކޮމިޝަން ގުޅިގެން، މާލޭގެ ނެޝަނަލް އާޓް ގެލަރީގައި މައުރަޒު ހުޅުވައިދެއްވީ، ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލެވެ. އިސްލާމިކް މިއުޒިއަމް އޮފް އޮސްޓްރޭލިއާއިން ތައްޔާރުކޮށްފައިވާ މި މައުރަޒަކީ އޮސްޓްރޭލިއާގައި ދިރިއުޅެފައިވާ އަދި ދިރިއުޅެމުން އަންނަ މުސްލިމުން ދައްކުވައިދޭ މައުރަޒެކެވެ. އޭގެ ތެރޭގައި މީގެ އެތައް އަހަރެއް ކުރިން އޮސްޓްރޭލިއާއަށް ދަތުރުކުރި އަފްޣާނިސްތާނާއި މެލޭޝިއާގެ މުސްލިމުންނާއި، ދާދި ފަހުން ރެފިއުޖީންގެ ގޮތުގައި ހިޖުރަކޮށްފައިވާ މުސްލިމުންގެ ވާހަކަަތައް އެ މައުރަޒުން ކިޔައިދެއެވެ. މީގެ އިތުރުން، އިންޑޮނޭޝިއާ އާއި އޮސްޓްރޭލިއާއާ ދެމެދު އޮތް ޒަމާންވީ ކަނޑުދަތުރުފަތުރުގެ ގުޅުންތަކުގެ މައްޗަށް ވެސް މި މައުރަޒުގައި އަލިއަޅުވާލާފައިވެއެވެ. "ބައުންޑްލެސް ޕްލެއިންސް" ފޮޓޯ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: މި މައުރަޒު ހުޅުއްވަވައި ދެއްވީ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް-----/ ފޮޓޯ އޮސްޓްރޭލިއަން ހައިކޮމިޝަން ޚާއްސަކޮށް، އިންޑޮނޭޝިއާގެ މަކައްސަން މަސްވެރިންނާއި އޮސްޓްރޭލިއާގެ އަސްލު ވަޒަންވެރިން ކަމަށްވާ ޔޮލްނޫ ދަރިކޮޅުގެ މީހުންނާ ދެމެދު އޮތް ގުޅުމަކީ، ވިލާތުގެ މީހުން އެ ސަރަހައްދަށް ވަޒަންވެރިވުމުގެ މާ ކުރިން، އިންޑިއާ ކަނޑުގެ ސަރަހައްދުގައި އޮތް ސަގާފީ ގުޅުމާއި އިޙުތިރާމް ރަމްޒުކޮށްދޭ ކަމެއްކަން މި މައުރަޒުން ދައްކުވައި ދެއެވެ. މި މައުރަޒުގައި ހިމެނޭ ހިތްގައިމު ފޮޓޯތަކާއި ކިޔައިދީފައިވާ ވާހަކަތަކުން، އޮސްޓްރޭލިއާ އާއި އިސްލާމީ ދުނިޔެއާ ދެމެދު އޮތް ތާރީޚީ އަދި ސަގާފީ ގުޅުންތައް ހާމަވެގެންދެއެވެ. އިސްލާމިކް މިއުޒިއަމް އޮފް އޮސްޓްރޭލިއާގެ ބާނީ މުސްތަފާ ފަހޫރު ވިދާޅުވީ، މާލޭގައި މި މައުރަޒު ބޭއްވުމަކީ އިންޑިއާ ކަނޑުގެ ގައުމުތަކުގެ މެދުގައި އޮތް ބަދަހި ގުޅުން މިއަދުވެސް ދެމިއޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. މި މައުރަޒަކީ އޮސްޓްރޭލިޔާގެ މުސްލިމުންގެ ތާރީޚަކީ މާ ކުރީއްސުރެ ދުނިޔޭގެ އެހެން ހިސާބުތަކާ ގުޅިފައިވާ، ކަނޑުދަތުރުފަތުރާއި ވިޔަފާރީގެ މުއާމަލާތްތަކުގެ މައްޗަށް ބިނާވެފައިވާ ކަމެއްކަން ހަނދާންކޮށްދޭ ކަމެއް، މި ގުޅުންތަކުގެ ސަބަބުން މިއަދުވެސް އަޅުގަނޑުމެންގެ މުޖުތަމައުތައް ގުޅުވައިދޭ އޮސްޓްރޭލިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު، ޑޭވިޑް ޖެސަޕް ވިދާޅުވީ، ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމުގައި ތައުލީމާއި ސަގާފީ ދާއިރާ މުހިންމުކަން މި މައުރަޒުން ހާމަކޮށްދޭ ކަމަށެވެ. އަދި އޮސްޓްރޭލިއާގެ މުސްލިމުންގެ ތާރީޚު ދިވެހީންނާ ހިއްސާކުރުމުން، ދެ ގައުމުގެ ރައްޔިތުންގެ ގުޅުން ބަދަހިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "ބައުންޑްލެސް ޕްލެއިންސް" އަކީ މެލްބަންގައި ހުންނަ އިސްލާމިކް މިއުޒިއަމް އޮފް އޮސްޓްރޭލިޔާގެ ދާއިމީ މައުރަޒުތަކުގެ ބައެކެވެ. މި މައުރަޒުގެ އެއް ބޭނުމަކީ، އޮސްޓްރޭލިޔާއަށް މުސްލިމުން ކޮށްދީފައިވާ މުހިންމު ޚިދުމަތްތައް ފާހަގަކުރުމެވެ. "ބައުންޑްލެސް ޕްލެއިންސް" މައުރަޒު ތެރެއިން: މި މައުރަޒަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވަނީ އާންމުކޮށް ހުޅުވާލާފަ---/ ފޮޓޯ އޮސްޓްރޭލިއަން ހައިކޮމިޝަން މި މައުރަޒަށް އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ކުރިޔަށް ދާއިރު، އާންމުންނަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން ހަވީރު 6:00އަށް މައުރަޒަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވައިފައިވާ މި މައުރަޒު، މީގެ ކުރިން ޔޫއޭއީގެ އަބޫދާބީ، އިންޑޮނޭޝިއާގެ ޖަކާޓާ، ބުރުނާއީ އަދި މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ވަނީ ދައްކާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ