އެއާކޯގެ އޮޕަރޭޝަނެއްގައި ލަންކާގެ 2 ބޯޓު އަނެއްކާވެސް އަތުލައިގަތްފި

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓް އަނެއްކާވެސް އަތުލައިގެންފި އެވެ. 
ތަފްސީލް - އެމްއެންޑީއެފް އިން މިއަދު ބުނީ، އެ ދެ ބޯޓު ހިފަހައްޓާފައި ވަނީ، އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއާ ކޯއިން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގައި ކަމަށެވެ.
މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި އިއްޔެ މެންދުރު 2:02 ހާއިރު، ހއ. ކެލާގެ އިރުން 109 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަނިކޮށެވެ.
މި ދެ ބޯޓު ކުޅުދުއްފުށި ސިޓީ ބަނދަރަށް ވައްދައި ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ގުޅުންހުރި ކަމެއް - ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ އުޅެނިކޮށް، އެމްއެންޑީއެފްގެ އެއާ ކޯއިން ވަނީ މިދިޔަ ނޮވެމްބަރު މަސްތެރޭ ވެސް ލަންކާގެ މަސް ބޯޓެއް އަތުލައިގަތްފަ އެވެ. އެ ބޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާއިރު، އެ ބޯޓުން އެ ގައުމުގެ ފަސް މީހަކު ހައްޔަރުކުރި އެވެ. އެ މައްސަލަ ތަހުގީގުކުރަމުންދާއިރު، އެމީހުން މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަންނަ މަސްބޯޓުތަކުގެ ތެރޭގައި ލަންކާގެ ބޯޓުތައް ގިނަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ