އިނާޒް އިސްތިއުފާދެއްވުމުން، ޕެންޝަން އޮފީހަށް ޗެއާޕާސަނެއް ހޯދަނީ

ރައްޔިތުންގެ ރިޓަޔާމަންޓަށް ފައިސާ ރައްކާތެރިކޮށް, އިންވެސްޓް ކުރާ, ޕެންޝަން އޮފީހުގެ ޗެއާޕާސަނެއް ހޯދުމަށް އެ އޮފީހުން މިއަދު އިއުލާނުކޮށްފިއެވެ. އެ މަގާމަށް ބޭފުޅަކު ހޯދަން އިއުލާނުކުރީ، އެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އިނާޒް އިއްޔެ އިސްތިއުފާ ދެއްވުމުންނެވެ. އެ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ވަނީ، ޗެއާޕާސަން ކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައެވެ. އެ މަގާމަށް ކުރިމަތިލެވޭނީ، މި މަހު 16 ވަނަ ދުވަހުގެ 14:00ގެ ކުރިންނެވެ. އެ އިއުލާނުގައިވާ ބުނި ގޮތުގައި، ޕެންޝަން އޮފީހުގެ ޗެއާޕާސަން ކަމަށް ކުރިމަތިލާ މީހެއްގެ ހުންނަން ޖެހެނީ ދެ ޝަރުތެކެވެ. އެއީ އިގުތިޞާދު ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކޮށްފައިވުމާއި، ޕެންޝަން ނުވަތަ އިންވެސްޓުމަންޓުގެ ދާއިރާގައި މަސައްކަތްކޮށް، ތަޖުރިބާ ހާސިލުކޮށްފައިވުމެވެ. ޕެންޝަން އޮފީހަށް ޗެއާޕާސަނެއް ހޯދާއިރު، އެ މަގާމުގައި ހުންނެވި އިނާޒު އިސްތިއުފާ ދެއްވީ، ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ނަގަން މަސައްކަތް ކުރާ, 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައެވެ. އޭނާ އިސްތިއުފާދެއްވީ، އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއްކަމަށް ފަންނީ ގޮތުން ގަބޫލުކުރެވޭ ކަމަށް ވިދާޅުވެއެވެ. https://sun.mv/217447 ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވި ގޮތުގައި، އިނާޒް އިސްތިއުފާދެއްވީ، މި ސަރުކާރުން ޕެންޝަން އޮފީސް މެދުވެރިކޮށް މަނީ ލޯންޑާ ކުރަން އުޅޭތީއެވެ. ފާހަގަކުރެވޭ ގޮތުގައި، ޕެންޝަން އޮފީހުން އެ ފައިސާގެ މުއާމަލާތް ކުރަން ނިންމި ފަހުން، ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމާއި ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ވަނީ އިސްތިއުފާ ދެއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ