ދެ އިންތިހާބު އެއްކޮށްލަން ބޭއްވި ކޮމިޓީގެ މަޝްވަރާ ބައްދަލުވުން ދޫކޮށް އެމްޑީޕީ ނުކުމެއްޖެ ދެ އިންތިހާބު އެއްކޮށްލަން ބޭއްވި ކޮމިޓީގެ މަޝްވަރާ ބައްދަލުވުން ދޫކޮށް އެމްޑީޕީ ނުކުމެއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރަން ހުށަހަޅާފައިވާ ބިލަށް މަޝްވަރާ ކުރަން ބޭއްވި ކޮމިޓީ ބައްދަލުވުން ދޫކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނުކުމެއްޖެ އެވެ.
ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ މައްސަލަ ދިރާސާކުރަމުންދާ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުން އެމްޑީޕީން ވޯކްއައުޓްކުރީ އެކަމާ ގުޅޭގޮތުން އެ ޕާޓީ އެތެރޭގައި މިކަމާ ގުޅިގެން މަޝްވަރާ ކުރުމަށް ވެސް ވަގުތު ދީފައިނުވާ ކަމަށް ބުނެ އެވެ.
ކޮމިޓީގައި އެމްޑީޕީގެ ނައިބުރައީސް ހިސާން ހުސައިން ވިދާޅުވީ އަވަސް އަރުވާލައިގެން ކޮމިޓީން މައްސަލައިގައި ގޮތް ނިންމަން އުޅުމުގެ ސަބަބުން ޕާޓީ އެތެރޭގައި މަޝްވަރާ ކުރުމުގެ ފުރުސަތު ނުލިބުމުގެ އިތުރުން އާންމު ރައްޔިތުންނަށް ވެސް މިކަމާ ގުޅިގެން ރަނގަޅު ނިންމުމެއް ނުނިންމޭނެ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ހަގީގަތުގައި ޕާޓީތަކާ މަޝްވަރާކޮށް މިކަމާ ގުޅޭގޮތުން ގޮތެއް ނިންމުމުގެ ފުރުސަތެއް ވެސް ތިބޭފުޅުން މިއަދު ކަންތައް ކުރެއްވި ގޮތުން ނުލިބޭ. އަދި އެއާއެކު ތިބޭފުޅުން ކަންތައް ކުރައްވާ ގޮތުން ރައްޔިތުންނަށް އިންފޯމްޑް ޑިޒިޝަނެއް ނެގުމުގެ ފުރުސަތުވެސް ލިބިގެނެއް ނުދޭ. ހަގީގަތުގައި އަޅުގަނޑުމެން މިކަންތައްތައް ފާހަގަކޮށް ދަންނަވަން ބޭނުމީ އަޅުގަނޑުމެން މި ޕްރޮސެސްގައި ބައިވެރިވާން އޭޒް އަ ޕާޓީ އުޒުރުވެރިވާ ވާހަކަ،" ހިސާން ވިދާޅުވި އެވެ.
އެމްޑީޕީއަކީ ހަމައެކަނި ޕާޓީގެ ލީޑަރު ގިނިކަންޏާ ގޮތް ނިންމާ ޕާޓީއެއް ނޫންކަން ފާހަގަކުރައްވާ ހިސާން ވިދާޅުވީ މިފަދަ ބޮޑެތި ކަންކަކަމުގައި އެ ޕާޓީން ކަންކަމުގައި ގޮތް ނިންމަނީ އެ ޕާޓީގެ އެތެރޭގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްގެން ކަމަށެވެ.
"އެމްޑީޕީއަކީ ޕާޓީގެ ލީޑަރު ގިނިކަންޏާ ގޮތް ނިންމާ ޕާޓީއެއް ނޫން. އަޅުގަނޑުމެންގެ ޕާޓީއަކީ ޕާޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކޮށްގެން މެންބަރުންގެ ހިޔާލު ހޯދައިގެން ގޮތް ނިންމާ ޕާޓީއެއް. ރަށު ހިންގާ ކޮމިޓީން ޕާޓީގެ ކޮމިޓީތަކުން، ގައުމީ މަޖިލީހުން މަޝްވަރާ ކޮށްގެން ނޫނީ ގައުމީ މަސްލަހަތާ ގުޅޭ މި ޒާތުގެ ބޮޑު ކަމެއްގައި އަޅުގަނޑުމެންގެ ޕާޓީއަކަށް އަޅުގަނޑުމެންނަކަށް ގޮތެއް ނުނިންމޭނެ،" އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ހިސާން ވިދާޅުވީ މަޖިލިސް ޗުއްޓީގައި އޮތް މިވަގުތު ރައްޔިތުންނާއި މުޅި ގައުމުގެ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް މިފަދަ ބޮޑު އިސްލާހެއް ހުށަހަޅައިގެން އަވަސް އަރުވާލުމަށްފަހު ގޮތް ނިންމުމަށް މަސައްކަތް ކުރަނީ ކީއްވެގެންކަން އޭނާއަށް ނުވިސްނޭ ކަމަށެވެ.
މި އިސްލާހާ ގުޅޭ ފުރިހަމަ މައުލޫމާތު މިހާރު އަމަލުކުރަމުން މިދާ ގޮތުން ރައްޔިތުންނަށް ނުލިބޭނެ ކަމަށާއި ރައްޔިތުންނަށް އިސްލާހާ ގުޅޭ ފުރިހަމަ މައުލޫމާތު ލިބެންޖެހޭ ކަމަށް ހިސާން ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ދެ އިންތިހާބު އެއްކޮށްލާ ވޯޓު، ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާއެކު ނަގާނަމަ، އެންމެ ލަސްވެގެން ވެސް މި މަހުގެ 18 ގެ ކުރިން ގާނޫނުއަސާސީއަށް ބަދަލުގެންނަން ޖެހޭނެ ކަމަށެވެ.
ދެ އިންތިހާބު އެއްކޮށްލާ ވޯޓު، ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާއެކު ނަގަން ވެސް ތައްޔާރަށް އޮތް ކަމަށާއި ދެ ވޯޓު އެއްފަހަރާ ނަގާނަމަ އިތުރު 20 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ ޖެނުއަރީ 4، ގަ އެވެ.
20 ވަނަ މަޖިލީހުގެ އުމުރު މި ބަދަލު އައިސްފިނަމަ ހަމަވާނީ ޑިސެމްބަރު 1، 2028، އަށެވެ. އެ ދުވަހުގެ ކުރިން އައު މަޖިލީހުގެ އިދާރީ ކަންކަން ފުރިހަމަކުރަން ވެސް ޖެހޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ