ޕާޓީތަކަށް ވަގުތު އޮތް؛ 2 އިންތިހާބު އެއްކުރާ ވޯޓު އިތުރަށް ލަސްކުރާކަށް ނުޖެހޭ: ޕީއެންސީ

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮލުމާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށް ޕާޓީތަކަށް ވަގުތު ލިބިގެން ގޮސްފައިވާ ކަމަށާއި އެ ކަމަށް ފެންނަ ނުފެންނަ ވޯޓެއް ބޭއްވުން އިތުރަށް ލަސްކުރުމުގެ ބޭނުމެއް ނެތް ކަމަށް ވެރިކަންކުރާ ޕީއެންސީން މިއަދު ބުނެފި އެވެ.
ވީކިހިނެއް؟ - ދެ އިންތިހާބު އެއްކޮށްލަން ޖެހޭ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލުގެ ދިރާސާކުރަމުންދާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު މެންދުރު ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދުމަށް ތާވަލުކުރި އެވެ.
އެ ބައްދަލުވުމުގައި ވެރިކަންކުރާ ޕީއެންސީ ފިޔަވައި އެހެން ސިޔާސީ ޕާޓީތަކުން ވަނީ ކައުންސިލް އިންތިހާބުގެ ވޯޓާ އެކު ރެފެރެންޑަމް ބާއްވާނަމަ ރައްޔިތުން ހޭލުންތެރިކުރުމަށް އެކަށޭނަ ވަގުތު ނުލިބިދާނެ ކަމުގެ ކަންބޮޑުވުމެވެ.
ތަފްސީލް - ޕީއެންސީގެ ފަރާތުން ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި އެ ޕާޓީގެ ނައިބު ރައީސް އަދި ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެ ދެ އިންތިހާބު އެކުގައި ބޭއްވުމަކީ އަބަދު ވެސް ޕީއެންސީން ދައްކަމުންދާ ވާހަކައެއް ކަމަށެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނުގައި ވެސް ޕީއެންސީގެ ފަރާތުން ރައްޔިތުންނަށް ވިއްކާފައިވާ ސިޔާސަތެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމަށް ވެސް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވޭތުވެގެން ދިޔައިރު ދެ އިންތިހާބު އެއްކޮށްލަން އުޅޭ އުޅުމަކީ ކުއްލިއަކަށް ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
"ދެ އިންތިހާބު އެއްކޮލުން ފަދަ އަޅުގަނޑުމެންގެ މި ފަލްސަފާތަކާ އެކު ނުކުމެގެން ކެމްޕެއިންކޮށް، އަޅުގަނޑުމެންގެ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ 75 ގޮނޑި ރައްޔިތުން ދިނީ ވެސް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕާޓީން މި ދިޔައި މި ވާހަކަތައް އަބަދު ވެސް ދައްކަމުން. އެހެން ޕާޓީތަކުން ނުދައްކާ ތިބުމަކީ އެ ޕާޓީތަކުގެ މައްސަލައެއް،" އޭނާ އިތުރަށް ވިދާޅުވި އެވެ.
ދެ އިންތިހާބު އެކުގައި ބޭއްވުމުގެ ސަބަބުން ލިބޭނެ ފައިދާ އާއި ގެއްލުންތައް ވަޒަންކުރުމަކީ މާ ބޮޑު ދިރާސާއެއް ވެސް ބޭނުންވާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބުއްދީގެ ހަމަތަކުން ވިސްނިއަސް އެނގޭނެ ކަންކަން މި ހުރީ. މާ ބޮޑު ދިރާސާއެއް ހަދަން ވަގުތު ނަގަން ޖެހޭ ކަމެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މިހާރު ރާއްޖޭގައި ސަރުކާރުތަކުގެ މުޅި ދައުރު ދަނީ އިންތިހާބުތަކަށް ކެމްޕެއިން ކުރުމުގައި ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. 'އިންތިހާބީ ހުމެއް'ގެ ތެރޭގައި ސަރުކާރު އޮންނަން ޖެހޭ ކަމަށް އާދަމް ޝަރީފް ސިފަކުރެއްވި އެވެ.
އޭގެ އިތުރުން ސަރުކާރު އެކުލަވާލުމަށް ފަހު ފުރަތަމަ ހަ މަސްދުވަހު ރައީސް ވެސް އުޅުއްވަން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ އެތެރޭގައި އޮންނަ އޮއިވަރެއްގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ. އެ ހަ މަސް ދުވަސް ސަރުކާރަށް ގެއްލިގެންދާ ކަމަށް ވެސް ވިދާޅުވި އެވެ.
"އިދިކޮޅު ޕާޓީގެ މެންބަރުން މަޖިލީހުގައި ގިނަވެއްޖެއްޔާ ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރަން އުޅުމަކީ ވެސް މި ވޭތުވެދިޔަ މާޒީގައި ފެނުނު ކަމެއް،" އޭނާ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ ހިންގުމަށް ވެސް އެންމެ ފައިދާ ބޮޑު ގޮތަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ކޮމިޓީގައި ބައިވެރިވި ޕާޓީތަކުގެ ތެރެއިން އާދަލަތު ޕާޓީ އާއި އެމްޑީއޭ އިން ފާހަގަކުރީ ދެ އިންތިހާބު އެއްކުރުމަށް ތާއީދުކުރި ނަމަވެސް ކައުންސިލް އިންތިހާބުގެ ވޯޓާއެކު ރެފެރެންޑަމް ކުރިއަށް ގެންދަން ނުފެންނަ ކަމަށެވެ.
ޕީއެންއެފް އިން ވެސް ގޮވާލީ ބިލު އަނބުރާ ގެންގޮސް ރައްޔިތުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ރަނގަޅަށް ހިންގުމަށް ފަހު އެ ވޯޓު ނެގުމަށެވެ. ދެ އިންތިހާބު އެއްކޮށްލުމަކީ ވެސް ވަރަށް ބޮޑު ގޯހެއްގެ ގޮތުގައި އެ ޕާޓީން ފާހަގަކުރި އެވެ.
އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް ހިސާން ހުސައިން ވިދާޅުވީ އަވަސްއަރުވާލައިގެން މި ކަންކުރާތީ ވަރަށް ދަތިވާ ކަމަށެވެ. ގާނޫނުއަސާސީއަށް އެހާ ބޮޑެތި ބަދަލުތައް ގެނައުމަކީ އެހާ އަވަސްއަރުވާލައިގެން ކުރަން ވާނެ ކަމެއް ވެސް ނޫން ކަމަށެވެ.
އެމްޑީޕީއަކީ ލީޑަރު އެކަނި ވަކި ގޮތެއް ނިންމާ ޕާޓީއެއް ނޫން ކަމަށާއި ޕާޓީގެ އާންމު މެންބަރުންގެ ހިޔާލު ހޯދައިގން ގޮތްތައް ނިންމާ ޕާޓީއަކަށް ވާތީވެ، މި ގޮތަށް ކުއްލިއަކަށް ހިޔާލު ދިނުމަށް އެންގުމުން ވަރަށް ދަތިވާ ކަމަށް ވިދާޅުވި އެވެ.
އޭގެ ފަހުގައި ހިސާން އާއި އެ ޕާޓީގެ ފަރާތުން ދެން ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ކޮމިޓީ ދޫކުރައްވައި ވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ