2 އިންތިހާބު އެއްކޮށްލަން އަދި ކައުންސިލް އިންތިހާބާ އެކު ހިޔާލު ހޯދުމުގެ ވޯޓު ނަގަން ވެސް ގާނޫނީ ހުރަހެއް ނެތް: އޭޖީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނުގައި ހުރަހެއް ނެތް ކަމަށާއި އެކަމަށް ނަގާ ހިޔާލު ހޯދުމުގެ ވޯޓު ކުރިއަށް އޮތް ކައުންސިލް އިންތިހާބު ބާއްވާ ދުވަހު ނަގަން ވެސް ގާނޫނީ ހުރަހެއް ނެތް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ. ދެ އިންތިހާބު އެއްކޮށްލަން ފާސްވެއްޖެ ނަމަ، ސަރުކާރުން ނިންމާފައިވަނީ އެކަމަށް ނަގާ ހިޔާލު ހޯދުމުގެ ވޯޓު ކުރިއަށް އޮތް ކައުންސިލް އިންތިހާބު އޮންނަ ދުވަހު ބޭއްވުމަށެވެ.
ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އަންނަ 4 އޭޕްރީލްގަ އެވެ.
މި ބިލު ދިރާސާކުރާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު އަންނަނީ އެކަމާ މެދު ބަންޑާރަ ނައިބުގެ އޮފީސް އަދި ސިޔާސީ ޕާޓީތަކުގެ އިތުރުން އީސީން ދެކޭ ގޮތް ބެލުމަށް އެ ފަރާތްތަކާ ބައްދަލުކޮށް ހިޔާލު ހޯދަމުންނެވެ. މި ކޮމިޓީން މިއަދު ފުރަތަމަ ބައްދަލުކުރީ، ބަންޑާރަ ނައިބުގެ އޮފީހާއި އިލެކްޝަންސް ކޮމިޝަން (އީސީ)އާ އެވެ.
ބުނީ ކީކޭ؟ - މި ބައްދަލުވުމުގައި ދެ އިންތިހާބު އެއްކޮށްލަން ގާނޫނީ އެއްވެސް ހުރަހެއް އޮތްތޯ ސުވާލު ކުރުމުން އުޝާމް ވިދާޅުވީ، އެކަމުގައި ގާނޫނީ ގޮތުން ފުށޫއަރާ ކަމެއް ނެތް ކަމަށެވެ. އަދި ދެ އިންތިހާބު އެއްކޮށްލަން މަޖިލީހުން ނިންމައިފި ނަމަ އެންމެ ރަނގަޅު ގޮތެއް ކަމަށް ގަބޫލުކުރަނީ، ގާނޫނުގައި ބުނާ 45 ދުވަހުގެ މުއްދަތު ލިބޭ ނަމަ ކުރިއަށް އޮތް ކައުންސިލް އިންތިހާބާ އެކު އެ ވޯޓު ކުރިއަށް ގެންދިއުން ކަމަށް އުޝާމް ވިދާޅުވި އެވެ.
"މަޖިލީހުން ފާސްކޮށްފައި ރިފަރަންޑަމް ގާނޫނުގައި ބުނަނީ [އާންމުން ހޭލުންތެރިކުރަން] 45 މުއްދަތެއްގެ ވާހަކަ. އެހެންވީމާ އަޅުގަނޑު ގަބޫލުކުރަނީ މި ގާނޫނުގައި އޮތް 45 ދުވަހުގެ މުއްދަތަކީ ހަމަ އެކަށީގެންވާ މުއްދަތެެއް ގާނޫނުގައި އޮތް ގޮތުން. އެހެންވީމާ މަޖިލީހުން ފާސްްކޮށްފައި އޮތް ގާނޫނާ އެއްގޮތަށް އެކަން ކުރިއަށްދާނީ،" އުޝާމް ވިދާޅުވި އެވެ.
ދެ އިންތިހާބު އެއްކޮށްލަން މަޖިލީހުން ފާސްކުރާ ހާލަތުގައި ހިޔާލު ހޯދުމުގެ ވޯޓެއް ނަގާނީ ކެބިނެޓުގެ މަޝްވަރާއާ އެކު ރައީސް މުހައްމަދު މުއިއްޒު ނެރުއްވާ ގަރާރުކަން ފާހަގަކުރައްވައި އުޝާމް ވިދާޅުވީ، އެ ގަރާރުގައި ހިޔާލު ހޯދުމުގެ ވޯޓު ނަގާނެ ތާރީހެއް އޮންނާނެ ކަމަށެވެ. އެ ތާރީހަކީ ކައުންސިލް އިންތިހާބު ބާއްވާ ދުވަސް ކަމަށް ގަރާރުގައި ކަނޑައަޅައިފި ނަމަ ވެސް، އެއީ ގާނޫނު ފުށޫއަރާ ކަމެއް ނޫން ކަމަށް އުޝާމް ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބާ އެކު ހިޔާލު ހޯދުމުގެ ވޯޓު ނަގަން ތާއީދު ކުރައްވާ އުޝާމް ވިދާޅުވީ:
މިފަދަ ކަމެއް ކުރާ ނަމަ އެންމެ ރަނގަޅު ގޮތަކީ އިންތިހާބެއް ކުރިމަތީގައި އޮންނަ ނަމަ އެ އިންތިހާބާއެކީ ކުރިއަށް ދިއުން
އެއީ އީސީން ފާހަގަކުރި ގޮތަށް ވަކިން ހިޔާލު ހޯދުމުގެ ވޯޓެއް ނަގާ ނަމަ ވަރަށް ބޮޑު ހަރަދެއް އެބަ ހިނގާ
"އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގާނޫނުގައި އޮތް 45 ދުވަހުގެ މުއްދަތު ލިބޭ ކަމުގައި ވަންޏާ އެންމެ ރަނގަޅު ގޮތަކީ ކައުންސިލް އިންތިހާބު އޮންނަ ދުވަހު ހަމަ ރިފަރަންޑަމްގެ ކަންކަން ވެސް ކުރިއަށް ގެންދިއުން. ދެން ގާނޫނުގައި އެކަމަށް ހުރަހެއް އޮތް ކަމަކަށް ގަބޫލެއް ނުކުރަން،" އުޝާމް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، މަޖިލީހުން ނިންމާ ގޮތަކަށް ހިޔާލު ހޯދުމުގެ ވޯޓެއް ބޭއްވުމަށް އެ ކޮމިޝަނުން އޮތީ ތައްޔާރަށް ކަމަށާއި އެކަމަކު އެކަމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރަން 45 ދުވަހުގެ މުއްދަތެއް ބޭނުންވާނެ ކަމަށެވެ. އަދި ކައުންސިލް އިންތިހާބާ އެކު ހިޔާލު ހޯދުމުގެ ވޯޓެއް ނަގާ ނަމަ، އެކަމަށް އެންމެ އެކަށީގެންވާ މުއްދަތަކީ ދެ އިންތިހާބު އެއްކޮށްލުމާ މެދު މިމަހުގެ 18ގެ ކުރިން މަޖިލީހުން ގޮތެއް ނިންމުން ކަމަށެވެ.
އެފަދަ ބޮޑު ކަމަކަށް އާންމުން ހޭލުންތެރިކުރަން 45 ދުވަހުގެ މުއްދަތަކީ އެންމެ އެކަށީގެންވާ މުއްދަތެއްތޯ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް ނަސީމް މި ބައްދަލުވުމުގައި ސުވާލު އުފެއްދެވި އެވެ. އެކަމަށް ސީދާ ޖަވާބެއް ނުދެއްވާ، މަޖިލީހުން ނިންމާ ތާރީހެއްގައި އެކަން ކުރަން އީސީން އޮތީ ތައްޔާރަށް ކަމަށް ޒާހިދު ވިދާޅުވާތީ، މިއަދުގެ ބައްދަލުވުން ހޫނު ވެސްވި އެވެ.
އެކަމަކު ޒާހިދު ތަކުރާރުކޮށް ވިދާޅުވީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބާ އެކު ހިޔާލު ހޯދުމުގެ ވޯޓު ނަގަން ކަނޑައަޅައިފި ނަމަ، އެ ތާރީހުގައި އެކަން ކުރާނެ ކަމަށާއި އެކަން އެހެން ވެދާނެ ކަމަށް ބަލައިގެން މިހާރު ވެސް އީސީން ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން، ކައުންސިލް އިންތިހާބަށް އޮފިޝަލުން ތައްޔާރުކުރުވުމަށް ހިންގާ ޕްރޮގްރާމުތަކުގައި އެފަދަ ހާލަތަކަށް ތައްޔާރުވުމަށް ހޭލުންތެރިކަން އިތުރުކުރުވަމުންދާ ކަމަށް ޒާހިދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ