ކ. ތިލަފުށި ސައިޓެއްގައި މަސައްކަތް ކުރާ ބިދޭސީއަކު ނިޔާވި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ސްރީލަންކާގެ މީހާއަށް ގަސްދަކާ ނުލައި މީހަކު މެރިކަމަށް ތުހުމަތު ކޮށްފިއެވެ.
ތިލަފުށި ސައިޓެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަމީން މިއާ (24އ) މި މަހުގެ 26 ގައި ގެއްލިފައިވާ އިރު، އޭނާ ގެއްލުނު މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އެ ދުވަހު ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށައިގެން ބެލި އިރު އެ ދުވަހު އޭނާ ފެނިފައި ވަނީ ނިޔާވެފައި އޮއްވައެވެ.
އަމީން މިއާގެ މަރާ ގުޅިގެން ހައްޔަރުކުރީ އެކްސްކަވޭޓަރު ދުއްވަން އިން ލަންކާގެ 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކައެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 7 ދުވަސްދީފައެވެ. އަދި އޭނާ ބަންދުކުރުމަށް ނެރުނު އަމުރުގައިވަނީ އޭނާގެ މައްޗަށް ގަސްދަކާނުލައި މީހަކު މެރުމުގެ ތުހުމަތުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވަނީ އެ ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ، އޭގެ ތެރޭގައި ހާދިސާ ރިޕޯޓާއި ސީސީޓީވީ ސްނެޕްޝޮޓްތަކެއް ހުރިކަން ފާހަގަކޮށްފައިވއެވެ. އަދި އަމުރުގައި ބުނެފައިވާ ގޮތުން ލަންކާ މީހާ ދުއްވި އެކްސްކަވޭޓަރުން ޖެހި މީހަކު މަރުވެފައިވާއިރު އޭނާ އެކްސްކަވޭޓަރު އޮޕަރޭޓްކޮށްފައި ވަނީ ބަލަންޖެހޭ މިންވަރަށް ނުބަލައި ކަމަށް އައިއޯ ކޯޓުގައި ބުނެފައިވެ އެވެ.
މި ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. ފުލުހުން ބުނީ އަމީން މިއާ ނިޔާވީ އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި އޭނާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ހިނގި ހާދިސާއެއްގައި ކަމަށެވެ.
ތިލަފުށީގައި ބިދޭސީއަކު ނިޔާވުން: ހައްޔަރު ކުރި މީހާއަށް ގަސްދަކާ ނުލައި މީހަކު މެރިކަމުގެ ތުހުމަތު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ