އެޕްސްޓީންގެ ރަހުމަތްތެރިޔާ ވަހީދު އަދިވެސް ހުންނެވީ މުއިއްޒުގެ ހާއްސަ މުޝީރުގެ މަގާމުގައި އެޕްސްޓީންގެ ރަހުމަތްތެރިޔާ ވަހީދު އަދިވެސް ހުންނެވީ މުއިއްޒުގެ ހާއްސަ މުޝީރުގެ މަގާމުގައި

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގަމުންދިޔަ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ބޭއްވިކަން ފަޅާއެރުމުން ވެސް، ރައީސް މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން އެމަނިކުފާނު ވަކި ކުރަން ސަރުކާރުން ޖެހިލުންވެއްޖެ އެވެ.
ވަހީދު މަގާމުގައި ދެމިހުންނެވިކަން ޔަގީންކުރުމަށް އަދަދު އިން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދުއާ ސުވާލުކުރުމުން ވިދާޅުވީ ވަހީދު ހުންނެވީ އަދިވެސް ހާއްސަ މުޝީރުގެ މަގާމުގައި ކަމަށެވެ.
އެޕްސްޓީން އާއި ވަހީދުއާ ދެމެދު ގާތް ގުޅުމެއް އޮތްކަން ފަޅާއެރީ އެމެރިކާގެ ސެނެޓުން ފާސްކޮށް މި ހަފުތާ ބަންދުގައި އާންމުކުރި އެތައް މިލިއަން ލިޔެކިޔުމެއް ހިމެނޭ "އެޕްސްޓީން ފައިލްސް" އިންނެވެ.
އެޕްސްޓީން އަދި އޭނާގެ ގާތް މީހުންނާ ވަހީދު އަދި އޭނާގެ އާއިލާގެ ބައެއް މެންބަރުން ބައްދަލު ކުރިކަން ވެސް އެ ފައިލްތަކުން އެނގެ އެވެ. ކުރިން އާންމު ކުރި ބައެއް ފައިލްތަކުން ވެސް އެކަން ހާމަވި އެވެ.
އެގޮތުން ވަހީދުގެ ދަރިފުޅު، ޖެފްރީ ސާލިމް ވަހީދު އާއެކު ނިއުޔޯކުގައި ހުންނަ އެޕްސްޓީންގެ ގޭގައި 2014 ގައި ބައްދަލުކުރި ކަމާއި އޭގެ އިތުރުން ވެސް އެތައް ފަހަރެއްގެ މަތިން ވަހީދު، އެޕްސްޓީން އާއި ބައްދަލުކުރިކަން ފައިލްތަކުން ހާމަވެ އެވެ.
ދެހާސްތޭރައިގައި ވަހީދު އަށް އެންމެ ފަސް ޕަސެންޓު ވޯޓު ލިބުނު ރިޔާސީ އިންތިހާބުގެ ކެމްޕޭނު ރޭވުމަށް އެޕްސްޓީންގެ އެހީއަށް ވަހީދު އެދުމުން، ކެމްޕޭން ރާވާނެ ގޮތުގެ ޕްރޮޕޯސަލްތަކާއި އިތުރު ވާހަކަތައް އެޕްސްޓީންގެ ގާތް ބަޔަކު ވަހީދުއާ ވަނީ ބަދަލުކޮށްފަ އެވެ.
މީގެއިތުރުން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކޮށްފައިވާ އެތައް މިލިއަން ލިޔެކިޔުމެއްގެ ތެރޭގައި ވަހީދު އެޕްސްޓީން އާއެކު ފުއްގިރީގެ ވާހަކަ ދައްކާފައިވާ އަށް ޑޮކިއުމެންޓެއް ހިމެނެ އެވެ.
ފުއްގިރި އާއި ކ. އިންނަހެރެ ފަޅުގައި ފަސް ރަށް ތަރައްގީކުރުން ހިމެނޭ ވަކި ދެ މަޝްރޫއެއްގެ ވާހަކަ ވަހީދު އެންމެ ފުރަތަމަ އެޕްސްޓީން އާ ހިއްސާކުރީ މެއި 25، 2014 ގައި ފޮނުވި މެއިލް އެއްގަ އެވެ. އޭގެތެރެއިން ފުރަތަމަ މަޝްރޫއެއްގެ ގޮތުގައި ވަހީދު ހިމަނާފައިވަނީ ފުއްގިރި މަޝްރޫއެވެ.
މިކަމާ ގުޅިގެން ވަހީދުގެ ބަހެއް ހޯދުމަށް މި ނޫހުން ތަކުރާރުކޮށް ގުޅާ މެސެޖުކުރުމުން އެއްވެސް ޖަވަބެއް ދެއްވާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ