އަލިފުށީ އެއާޕޯޓް މަޝްރޫއު ވާނުވާ ބަންދެއްގައި..!؟

ރ. އަލިފުށީގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް އަމަލީ ގޮތުން ފެށީ ނިމުނު ރައީސް ސޯލިހުގެ ވެރިކަމުގައި އެވެ.އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.އެއީ 750 ދުވަސްތެރޭގައި ނިންމަން ހަމަޖައްސާފައިވާ، 451 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން، އެންމެ ފަހުން ކުރީ އަލިފާން ނިއްވާ އިމާރާތުގެ ކޮންކްރީޓް މަސައްކަތެވެ. އެކަން ވެސް ނުނިމި މިހާރުވަނީ މަސައްކަތް ހުއްޓިފަ އެވެ.ރައީސް ސޯލިހު ސަރުކާރު ނިމި ވެރިކަމުގެ ހުވާ ރައީސް މުއިއްޒު ކުރި ހިސާބުން އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫތަކެއް އަތޮޅު ތެރެއިން ވަނީ ހުއްޓިފަ އެވެ.ރ. އަލިފުށީގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަން ބޭނުންވާ ބިން އެ ރަށު ފަޅު ތެރެއިން ހިއްކުމުގެ މަސައްކަތް ފެށި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ މި މަސައްކަތަކީ އަލިފުށީ ރައްޔިތުންގެ ވަރަށް ގިނަ ދުވަސްވީ ހުވަފެނެއް ކަމަށެވެ."ރައްޔިތުން އަބަދުވެސް ގެންދިޔައީ ވައިގެ މަގުން މި އެކަހެރިކޮށް އޮތް ރަށަށް އާދެވޭނެ ގޮތެއް ހޯދުމުގެ ވާހަކަ ދައްކަމުން، އެ އަޑު އަޅުގަނޑުގެ ކަންފަތުގައި އަބަދުވެސް އިވިއިވި ހުރޭ،" ބިގޭ ވިދާޅުވި އެވެ.އަލިފުށީ ރައްޔިތުން ވަނީ ސޯލިހު ސަރުކާރުން އެއާޕޯޓެއް އަޅައިދޭތީ މަރުހަބާ ކިޔާ، މިއީ އަލިފުށީގެ އިގުތިސޯދު ބަދަލުކޮށްލާނެ ކަމެއް ކަމަށް ބުނެފަ އެވެ. ނަމަވެސް އެ މަސައްކަތް ރައީސް މުއިއްޒު ސަރުކާރު ހޮވުނު ފަހުން "ވާނުވާ ބަންދެއް" ގައި އޮތުމުން އެ ރަށު ރައްޔިތުން މިއަދު ތިބީ ވަރަށް މާޔޫސްވެފަ އެވެ.ނަމަވެސް ނިމުނު ރިޔާސީ އިނތިހާބަށް 2023 ވަނަ އަހަރުގެ އޮގަސްޓް 29 ވަނަ ދުވަހު އަލިފުޓަށް ވަޑައިގެން މުއިއްޒު ވިދާޅުވެފައި ވަނީ އޭނާގެ ވެރިކަމެއްގައި ރ. އަލިފުށީގެ އެއާޕޯޓު މަޝްރޫއު ހުއްޓާނެ ކަމަށް ބުނެ ވާހަކަ ފަތުރަނީ ވަރަށް ފިނޑިބައެއް ކަމަށާއި މާ ބާރު ސްޕީޑުގައި އެއާޕޯޓް ނިންމަވައިދެއްވާނެ ކަމަށެވެ.ނަމަވެސް ރައީސްގެ ވައުދާ ހިލާފަށް މިހާރު ވަނީ އަލިފުށީ އެއާ ޕޯޓް މަސައްކަތުގެ "ބާރު ސްޕީޑު" ގެއްލި މަސައްކަތައް ބޭނުން ކުރި ސާމާނު އެރަށުން ބާލާ އެރަށު އެއާޕޯޓް ސައިޓް ފަޅުވެފަ އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ