އެފްޑީސީ އިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ 704 ފްލެޓް އިމާރާތުގެ މަރާމާތުގެ މަސައްކަތާއި ހަވާލުވެއްޖެ

"ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 704 ފްލެޓް އިމާރާތުގެ މަރާމާތުގެ މަސައްކަތާއި ހަވާލުވުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ނިންމައިފިއެވެ. މި މަސައްކަތުގެ ތެރެއިން މިހާރު ވަނީ އިމާރާތްތަކުގެ ޙާލަތު ދެނެގަތުމުގެ މަސައްކަތް ފަށާފައެވެ.
އެފްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިންސްޕެކްޝަންގެ މައިގަނޑު މަޤްޞަދަކީ އެފްޑީސީއިން މި އިމާރާތްތަކާ ޙަވާލުވުމުގެ ކުރިން ތަނުގެ ޙާލަތު ދެނެގަތުމެވެ.
އިންސްޕެކްޝަންގެ މަސައްކަތުގެ ތެރޭގައި އިމާރާތުގެ ސްޓްރަކްޗަރއާއި، އާންމުން ބޭނުންކުރާ ސަރަޙައްދުތަކާއި އަދި މަރާމާތުކުރަންޖެހޭ ތަންތަން ފާހަގަކުރުމަށް ފްލެޓްތަކަށް ވަކިވަކިން ގޮސް ސަރވޭކުރުން ހިމެނެއެވެ.
މި މަސައްކަތާ ގުޅޭގޮތުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، "މި އިންސްޕެކްޝަންގެ ސަބަބުން ފްލެޓްތަކުގައި މަރާމާތު ކުރަންޖެހޭ ސަރަޙައްދުތައް ފާހަގަކުރެވި، މިހާރުގެ ޙާލަތަށްވުރެ ފްލެޓްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރެވޭނެ" ކަމަށެވެ.
މި މަސައްކަތަކީ ހުޅުމާލޭގެ ފްލެޓްތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުންނަށް ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވޭ މުހިންމު މަސައްކަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ