މިޔަރު ހަމަލާގައި ފުން ޒަޚަމްތަކެއް ލިބުނު މީހާގެ ހާލު ރަނގަޅު، ފަރުވާދެނީ ވޯޑުގައި
ކުޅުދުއްފުށި ސިޓީ ކައިރިއަށް މޫދަށް މަސް ހިފަން ފައިބައިގެން އުޅެނިކޮށް މިޔަރެއް ކޮނޑަށް ހަމަލާދީ ޒަޚަމްވި މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ. މިދިޔަ ހޮނިހިރު ދުވަހު މަސްބާނަން މޫދަށް އެރި އުޅެނިކޮށް މިޔަރެއް ހަމަލާދީ ޒަޚަމްކޮށްލީ ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނަކަށެވެ. "ސަން"އަށް މައުލޫމާތު ދެމުން އޭނާގެ ބޭބެ އާޒިމް އަބްދުލްވައްހާބް މިއަދު ބުނީ އޭނާއަށް މިހާރު ފަރުވާދެމުން ދަނީ އައިޖީއެމްއެޗްގެ ވޯޑުގައި ކަމަށެވެ. އޭނާގެ ހާލު މިހާރު ސީރިއަސް ނޫން ކަމަށާއި ހާލު ރަނގަޅު ކަމަށް އޭނާގެ ބޭބެ ވަނީ މައުލޫމާތު ދީފައެވެ. ހާލު ރަނގަޅު، ދެން ރިއްސާތީ އުޅޭނެތާ. އެއީ މިހަރު ކުރިމަތިވާ ކަމަކީ. އޭނަ ވަރަށް ސްޓޭބަލް ހަމަ. ދެން ޑިސްޗާޖުކުރާނެ ދުވަހެއް އެނގޭނީ ބުރަސްފަތި ދުވަހު ބްރޭސިން ބަދަލުކުރީމައި. އެ ދުވަހު ބަލާފަޔޯ ބުނީ އެނގޭނީ. އޭނާގެ ބޭބެ އާޒިމް ބުންޏެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ އޭނާގެ ކަނައަތު ކޮނޑު ހުޅުގެ ތިރިއަށެވެ. ހޮނިހިރު ދުވަހު މި ނޫހަ ވާހަކަ ދައްކަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ކޮނޑުހުޅުން ނެއްޓިފައި ވާކަމަށާއި އެ ހިސާބުގެ ހަންގަނޑު ވެސް ނެއްޓިފައިވާ ކަމަށެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ މާލެ ގެންދިޔައިރު، ރާއްޖޭގައި ހުރި ހަމައެކަނި ޕްލާސްޓިކް ސާޖަން ޑރ. މުޙައްމަދު ވަހީދުގެ ފަރާތުން ފަރުވާ ހޯދުމަށް ރިފާކޮށްފައި ވާކަމަށެވެ. ނަމަވެސް، މި ސާޖަރީ އަދި ނުކުރާކަމަށް މިއަދު އާޒިމް ބުންޏެވެ. https://sun.mv/204962 މި ހާދިސާގައި ލިބިފައިވާ އަނިޔާގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު، ފޮޓޯތަކުން ފެންނަނި ކޮނޑުގެ މަސްގަނޑު ވަރަށް ބޮޑަށް އިރައިގެން ގޮސް ލޭތަށް ފައިބާފައިވާ ތަނެވެ. އަދި މި ބޮޑު ޒަޚަމް ވަށައިގެން ގިނަ އަދަދެއްގެ ކުދި ޒަޚަމްތައް ހުއްޓެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށް ބުނެފައެވެ. މީގެ ކުރިން ވެސް މިޔަރު ހަމަލާ ދީގެން މީހުންނަށް އަނިޔާވެ، ދުނިޔެ ދޫކޮށްފައި ވެސް އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ