ބޯޓެއްގައި ރާއްޖެއަށް މަސްތުވާތެކެތި އެތެރެކުރަން އުޅުނު އިންޑިއާގެ ހަތަރު މީހަކު ބަންދުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާގެ ހަތަރު މީހަކު މަސްދުވަހަށް ބަންދު ކޮށްފިއެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްޔެ ކުރި އަމުރުތަކުގައި ވަނީ، އެ މީހުން ބަންދުކުރީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށެވެ. މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ، 22، 26، 30 އަދި 58 އަހަރުގެ ފިރިހެނެކެވެ. ކޯޓު އަމުރުގައިވަނީ އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އެ ގޮތުން މި މައްސަލައިގައި ހުށަހެޅުނު ހެއްކެއްގެ ބަޔާނުން، ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި އެ ބޯޓުން ފެނިފައިވާ ކަމަށް ބުނެފައިވެއެވެ. އަމުރުގައި ބުނެފައި ވަނީ، އެ ތަކެއްޗަކީ ރާއްޖެއަށް އެތެރެކޮށް، އޭގެ ވިޔަފާރިކުރުމަށް އެތެރެކުރި ތަކެތި ކަމުގައި ބެލެވޭ ކަމަށެވެ. އެ މީހުން ބަންދުކުރަނީ އެ މީހުންގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ފެންނާތީއާއި، އެ މީހުން ދޫކޮށްލައިފިނަމަ، ފިލައިގެން ގޮސްދާނެތީ ކަމަށް ކޯޓު އަމުރުގައިވެއެވެ. ރާއްޖޭގައި އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލައަކީ މަސްތުވާތަކެއްޗެވެ. މިފަދަ މައްސަލަތަކުގައި ބިދޭސީން ވެސް ޝާމިލުވެއެވެ. މިދިޔަ މާޗްމަހު އިންޑިއާ ކަނޑުން ރާއްޖެ އެތެރެކުރަން އުޅުނު 59 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެގައުމުން ވަނީ އަތުލައިގެންފައެވެ. https://sun.mv/203454 ތަފާސްހިސާބުން ދައްކާ ގޮތުގައި، އަހަރުގެ މިހައިތަނަށް މަސްތުވާތަކެތީގެ 494 މައްސަލައެއްގެ ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ