ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މުހިންމު މަޝްވަރާތަކެއް
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މައުލޫމާތު ރައީސް މުހައްމަދު މުއިއްޒު އާ ހިއްސާކޮށްފި އެވެ.މި ބައްދަލުކުރެއްވުން ބޭއްވެވީ މިއަދު ރައީސްގެ އޮފީހުގަ އެވެ. ރައީސް އޮފީހުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ، އެސްއޯއީތަކުން ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ މުހިއްމު ޕްރޮޖެކްޓުތަކުގެ މައުލޫމާތު ރައީސް އާ ހިއްސާ ކުރެއްވީ އެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ވެސް ހިއްސާކުރައްވައި މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.އެގޮތުން ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާއި، ފެނަކައާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަދި މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އި ފަދަ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު އެ ކުންފުނިތަކުން ހިއްސާކޮށްފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މަޝްރޫއުތައް ނިންމަން ކަނޑައަޅާފައިވާ ތަރީހުތަކަށް މަޝްރޫއުތައް ނިންމުމަށް ބާރުއަޅުއްވައި އެކަންކަން ފުރިހަމަކުރުމަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވާފަ އެވެ. އަދި ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީން ފާހަގަކުރެއްވި ކަންކަމަށް މަގުފަހިކުރުމަށް އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރައްވައި، މަޝްރޫއުތަކުގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.މީގެ އިތުރުން ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ވީހާވެސް ގިނައިން ރައްޔިތުންނަށް ފޯރުކޮށްދެއްވައި ދެފުއްފެންނަ ގޮތެއްގައި މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިއުމަށް ވެސް ރައީސް ވަޒީރުންގެ ކިބައިން އެދިވަޑައިގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނުހިނގާ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރެ އެވެ.ފާއިތުވެ ދިޔަ އަހަރު ވެސް މަޝްރޫއުތަކުގެ މަސައްކަތް ވަނީ ހުއްޓިފައެވެ. ސަބަބެއްގެ ގޮތުގައި ސަރުކާރުން ބުނީ 19ވަނަ ރައްޔިތުންގެ މަޖިލީހުން 2024ވަނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގެ ތެރެއިން މަޝްރޫއުތަކަށް އެކަށޭނެ ބަޖެޓެއް ނެތުމެވެ.ނަމަވެސް ސަރުކާރުގެ މެޖޯރިޓީ އޮތް 20ވަނަ މަޖިލީހުން މިއަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓާއެކު މިއަހަރު މަޝްރޫއުތައް ހިނގައިގަންނާނެ ކަމަށް ސަރުކާރުން ބުންޏެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.މީގެ އިތުރުން ވީހާވެސް ގިނައިން ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ އަދާހަމަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވައި ދެފުއްފެންނަ ގޮތެއްގައި މަސައްކަތްތައް ބާރަށް ކުރިއަށްގެންދިއުމަށްވެސް ބާރުއެޅުއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ