ރަށުން ބޭރުގައި އަލަވޭސް އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް

ސްޕެނިޝް ލަލީގާގައި މިރޭ ރަށުން ބޭރުގައި ޑިޕޯޓިއޯ އަލަވޭސް އާއި ދެކޮޅަށް ކުޅުނު މެޗު ރެއާލް މެޑްރިޑުން، ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ.
ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި ސެލްޓަވިގޯ އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ލީގުގައި އަލަވޭސް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ރެއާލް ސޮސިއެޑާޑް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެއާލް މެޑްރިޑުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ރެއާލް މެޑްރިޑުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު 17 މެޗުގައި އެމްބާޕޭ ކާމިޔާބުކުރި 17 ވަނަ ލަނޑެވެ.
އަލަވޭސް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އޭގެ މިނެޓެކުރިން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ފޯވާޑް ކާލޯސް ވިންސެންޓޭ އެވެ. އަދި މިމެޗުން ރެއާލް މެޑްރިޑް މޮޅުވި ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ވިނީސިއަސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލްގެ ފޯވާޑް ރޮޑްރިގޯ އެވެ.
މީއީ މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުން ލަލީގާ މެޗެއްގައި ރޮޑްރިގޯ ޖެހި ފުރަތަމަ ލަނޑެވެ. އަދި ރެއާލް މެޑްރިޑްގެ ތާރީޚުގައި މިހާތަނަށް ފޯވާޑަށް ކުޅޭ ކުޅުންތެރިއަކު އެންމެ ގިނަ މެޗު (32)، ލަނޑެއް ނުޖެހި ދިއުމަށްފަހު ރޮޑްރިގޯ ވަނީ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީއާއި ދެކޮޅަށް އެޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ލަނޑުޖަހައި އެރެކޯޑް ނިމުމަކަށް ގެނެސްފައެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 17 މެޗުން ރެއާލް މެޑްރިޑަށް 39 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި އަލަވޭސް އިން ލީގުގައި ކުޅުނު 16 މެޗުން ހޯދި 18 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 12 ވަނައިގައެވެ.
ލީގުގައި ރެއާލް މެޑްރިޑަށް ކުރިއަށް އޮތީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ސެވިއްޔާ އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި އަލަވޭސް އިން ނުކުންނާނީ އޮސަސޫނާއި ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ