ކެލޮރީ މަދު ކާނާއިން ސިކުނޑީގެ ޒުވާންކަން ދަމަހައްޓައިދޭ ކެލޮރީ މަދު ކާނާއިން ސިކުނޑީގެ ޒުވާންކަން ދަމަހައްޓައިދޭ

ކެއުމަށް ބޭނުންކުރާ ތަކެތިން އިންސާނާގެ ހަށިގަނޑަށް، ހީވެސް ނުކުރާހާ ބަދަލުތައް އާދެއެވެ. ކެއުން ބުއިމަކީ ހަމައެކަނި ދިރިހުރުމަށްޓަކައި ކުރާ ކަމެއްގެ ގޮތުގައި ގަބޫލުކުރެވުނަސް، އެމީހެއްގެ ކާނާއަކީ އޭނާގެ ސިކުނޑީގެ ދުޅަހެޔޮކަމާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ.
ދާދި ފަހުން ސައެންސްވެރިން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ކޮންމެ ދުވަހަކު ހަށިގަނޑަށް އެތެރެވާ ކެލޮރީގެ ނިސްބަތް، ވިހި އަހަރު ވަންދެން 30 އިންސައްތައަށް މަދުކޮށްލައިފިއްޔާ، އެމީހެއްގެ ސިކުނޑި މުސްކުޅިވުމުގެ އަލާމާތްތައް ފާޅުވާން ފެށުން ލަސްވާނެއެވެ. ސައެންސްވެރިން މި ދިރާސާ ކުރީ ރީސަސް ކިޔާ ބާވަތެއްގެ ރާމާމަކުނުގެ ހަށިގަނޑުގައެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި ހަށިގަނޑަށް އެތެރެވާ ކެލޮރީގެ މިންވަރު ދަށްވި ވަރަކަށް ސިކުނޑީގެ ގްލިއަން ސެލްތަކުގެ ސަލާމަތްތެރިކަން އިތުރުވެ، ނާރުތަކުގެ ދެމެދުގައި ހިނގާ މުވާސަލާތީ ހަރަކާތްތައް ވެސް އިތުރުވެއެވެ. އެހެން ނަމަވެސް، އިންސާނުންގެ ހަށިގަނޑުން އެހާ ބޮޑަށް ކެލޮރީ މަދުކޮށްލުމަކީ ސައެންސްވެރިންނާއި ޑޮކްޓަރުން އިރުޝާދުދޭ ކަމެއް ނޫނެވެ.
ނަމަވެސް، މި ދިރާސާއިން އެނގިފައިވާ ގޮތުގައި ކޮންމެ ދުވަހަކު ހަށިގަނޑަށް މިހާރު ކެލޮރީ ލިބޭ މިންވަރަށް ވުރެ 30 އިންސައްތަ މަދުކޮށްލައިފިއްޔާ، އެމީހެއްގެ ސިކުނޑި ފުރިހަމަ ގޮތުގައި މަސައްކަތްކުރާ މުއްދަތު ދިގުވެގެންދާނެއެވެ. އެހެންކަމުން މިއީ އިންސާނާގެ ސިކުނޑީގެ ޒުވާންކަން ދަމަހައްޓައިދޭނެ ކަމެއް ކަމަށް ސައެންސްވެރިން ދެކެއެވެ.
އޭޖިން ސެލް ކިޔާ ޖާނަލްގައި މިހާރު ޝާއިއުކޮށްފައިވާ މި ދިރާސާ ހަދާފައިވަނީ އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮން އޭޖިންއާ ގުޅިގެން ބޮސްޓަން ޔުނިވަސިޓީގެ ސައެންސްވެރިންނެވެ.
މި ދިރާސާގައި ބޭނުންކުރި ރީސަސް ކިޔާ ބާވަތުގެ ރާމާމަކުނުތަކަށް، ވިހި އަހަރުވަންދެން ކާންދީފައިވަނީ، އާންމު ދިރިއުޅުމުގައި އެސޮރުމެންގެ ހަށިގަނޑަށް ކެލޮރީ ލިބޭ މިންވަރަށް ވުރެ 30 އިންސައްތަ މަދުކޮށްގެންނެވެ. އެއަށް ފަހުގައި އޭގެ ތެރެއިން މަކުނެއް ގުދުރަތީ މަރަކުން މަރުވުމުން، އޭގެ ޕޯސްޓް-މޯޓެމް ތަހުލީލުތައް ހަދައިގެން ބެލުމުން ސިކުނޑިއަށް އައިސްފައިވާ ބަދަލުތައް ދެނެގަނެއެވެ.
މި ގޮތުން ސައެންސްވެރިންނަށް ފާހަގަކުރެވުނީ، އުމުރުން ދުވަސްވުމުން ސިކުނޑީގެ ގްލިއަލް ސެލްއޭ ކިޔާ ސެލްތަކަށް ކުރިމަތިވާ، ފުރިހަމައަށް މަސައްކަތް ނުކުރުމުގެ ގޮތް، އެ ސެލްތަކުގައި ވަރަށް ކުޑަ ކަމެވެ. މި ދިރާސާ ހަދަން ފަށާފައިވަނީ 1980ގެ އަހަރުތަކުގައެވެ. މި ދިރާސާގައި ބައިވެރިކުރީ އުމުރުން 22 އަހަރާއި 37 އަހަރާ ދެމެދުގެ 24 ރާމާމަކުނެވެ.
މި ދިރާސާގައި މަކުނުތައް ދެ ބަޔަކަށް ބަހާލައި އެއް ބަޔަކަށް ދިނީ، ހަށިގަނޑަށް ބޭނުންވާ ސިއްހީ މިންގަނޑުން މެދުމިނުގެ ކާނާއެކެވެ. އަނެއް ބަޔަކަށް ދިނީ ވެސް ހަމަ އެ ކާނާ އެވެ. ނަމަވެސް ކެލޮރީގެ މިންވަރު 30 އިންސައްތަ މަދުކޮށްފައެވެ. ދިރާސާގެ ބޭނުމަކީ، މަކުނުގެ ހަށިގަނޑަށް އެތެރެވާ ކެލޮރީގެ މިންވަރު މަދުކުރުމުން އެސޮރުމެންގެ އުމުރު ދިގުވޭތޯ ބެލުމެވެ. އެކަން ކަށަވަރުވިއެވެ.
މި ބާވަތުގެ ރާމާމަކުނު ޖަންގަލިތަކުގައި ދިރިއުޅޭ އިރު އެސޮރުމެން ދުނިޔޭގައި އުޅޭ އެވްރެޖް އުމުރަކީ 19 އަހަރެވެ. ނަމަވެސް ލެބޯޓެރީގައި އެސޮރުމެންނަށް ތައްޔާރުކޮށްފައިވާ މާހައުލުގައި، ކެލޮރީ މަދު ކާނާ ދީގެން ގެންގުޅުމުން، ސާޅީސް އަހަރާ ގާތްކުރަންދެން ދިރިތިބެއެވެ. އިންސާނުންގެ އެވްރެޖް އުމުރާ އަޅައި ބަލާއިރު، ރާމާމަކުނުގެ އުމުރަށް މިއައި ބަދަލަކީ އިންސާނުންގެ އުމުރުން ނަމަ، ގާތްގަނޑަކަށް 108 އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ