ފަޤީރުކަމުން ހައިހޫނުކަންމަތީގަ ދުނިޔޭގަ އުޅޭ އެތައް ބައަކު މަރުވާނީ ބިލިއަނަރުންނަށްވުރެ މާބޮޑު ތަނަވަސްކަމުގަކަން އެނގޭތަ؟

ފުރަތަމަކަމަކަށްވެސް ވިސްނައިލާށެވެ! ފައިސާ ބޭނުންވަނީ ދުނިޔެއިން ބޭނުންވާ ކަންކަން ޙާޞިލުކުރުމަށެވެ. މަރުގެ މަލާއިކަތާ ލޮލަށް ފެންނަ ހިސާބުން ފައިސާގެ އެއްވެސް ބޭނުމެއް ނެތެވެ. އެހިސާބުން ފެށިގެން ފައިދާކުރާނީ ހަމައެކަނި ތިމާއަށް ކުރެވިފައިވާ ހެޔޮ ޢަމަލުތަކުންނެވެ. ހިތާމައަކީ ގިނަ ބައަކަށް އެކަން ޤަބޫލުނުކުރެވޭ ކަމެވެ.
ﷲ ތަޢާލާ މީސްތަކުންނަށް އަންގަވާފައިވަނީ ދުނިޔެއާއި ޢާޚިރަތް ހޯދަން މަސައްކަތްކުރުމަށެވެ. ނަމަވެސް ގިނަބައަކަށް މަސައްކަތްކުރެވެނީ އެގޮތަކަށް ނޫނެވެ. ގިނަ ބައަކަށް މަސައްކަތްކުރެވެނީ ދުނިޔެ ކާމިޔާބުކުރެވޭތޯއެވެ. އެހެންކަމުން ވިސްނައިލުން މުހިންމު ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.
ދުނިޔޭގައި އުޅުނު އެންމެ ބޮޑެތި ފަޤީރުން އެންމެ ބޮޑެތި މުއްސަނދިންގެ ގޮތުގައި މަރުވާކަމަށް ބުނުމުން ހައިރާންވެދާނެއެވެ. ނަމަވެސް ދުނިޔޭގައި ބަނޑުފުރެންދެން ކާން ނުލިބި ދަތިޙާލުގައި އުޅޭ އެތައް ބައަކު އެންމެ ބޮޑެތި މަހުޖަނުންގެ ގޮތުގައި މަރުވެއެވެ. އަދި އެއީ ބުރަފަތިލަފުޒެއްވެސް އަރަތެއްވެސް ނޫނެވެ. ޙަޤީޤަތް ވަރަށް ފަސޭހައިން އެނގެން އޮތް ކަމެކެވެ.
އެހެން އެކަން އެވަނީ ކޮންމެ ދުވަހަކުވެސް ހެޔޮ އަމަލުތައް ކުރުންމަތީގައި ދުނިޔޭގައި އުޅުނީތީއެވެ. މަރުގެ މަލާއިކަތާ މަރު ހިއްޕަވަން ވަޑައިގަންނަވާއިރު އެމީހުންގެ އަތުގައި އެއްވެސް ފައިސާއެއް ނުހުރެއެވެ. މާފުރިހަމަ ގެދޮރާއި މުދަލެއްވެސް ނުހުރެއެވެ. ނަމަވެސް އެމީހުން ދުނިޔޭގައި އެއްކޮށް ޖަމާކުރި ހެޔޮ އަމަލުތައް އެމީހުންނާއިއެކުގައިވެއެވެ. އެހެންކަމުން ދުނިޔެ ދޫކޮށް އެމީހުން އެދަނީ އެންމެ ބޮޑެތި މުއްސަނދިންގެ ގޮތުގައެވެ.
ދުނިޔޭގައި އެމީހުން ދިރިއުޅުނީ ޖިފުޓިއެއްގައި ކަމަށްވެދާނެއެވެ. ކައްވަޅުގައި އެމީހުންނަށް ލިބޭނީ ނިޢްމަތްތަކެވެ. ޤިޔާމަތް ދުވަހު އެމީހުން ވަންނާނީ ނިޢްމަތްތަކުން ފުރިގެންވާ ސުވަރުގެއަށެވެ. ހިތަށް އަރުވައިލުމުން ޙާޞިލު ނުކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ! އިން ޝާ ﷲ!
މީސްތަކުންނޭވެ! މަސައްކަތް ކުރަންވީ މިބުނި ކަންކަމަށް ވިސްނައިގެންނެވެ! ބޯހިޔާވަހިކަމެއް ނެތި މިދުނިޔޭގައި މަގުމަތީގައި ނިދަން ޖެހުމަކީ ވެސް މައްސަލައެއް ނޫނެވެ. ސުވަރުގެއިން ޖާގައެއް ލިބިއްޖެނަމަ ދުނިޔޭގައި އުޅުނު ދަތި ޙާލު ހަނދާންވެސް ނުވާނެއެވެ. ނަމަވެސް ނަރަކައަށް ވަންނަން ޖެހިއްޖެ ނަމަ އަލިފާނުގައި އަނދައަނދައި އޮންނައިރު ދުނިޔޭގައި އުޅުނު ގޮތް ހިތަށް އަރައި އަބަދުވެސް ޖެހޭނީ ރޯށެވެ! ވީމާ ބޭނުން ގޮތެއް އަވަހަށް އިޚްތިޔާރުކުރާށެވެ!
ދުނިޔޭގައި ވަރަށް ބޮޑެތި ފައިސާވެރިން އުޅެއެވެ. މިލިއަނަރުންނާއި ބިލިއަނަރުންނެވެ. ނަމަވެސް އެއިގެ ތެރެއިން އެންމެ ގިނަ ބައަކު މަރުވަނީ އެންމެ ބޮޑެތި ފަޤީރުންގެ ގޮތުގައެވެ. އަތުގައި އެއްވެސް އެއްޗެއް ނެތިއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟
އެކަން އެހެން އެވަނީ އެމީހުންގެ ހިތްތައް މަރުވެފައިވާތީއެވެ. އެކައުންޓުގައި ބިލިއަނުން ފައިސާހުރުމުން ތިމާ ބޭނުންހައި ގޮތަކަށް ހުރިހާ ކަމެއް ކުރެވޭނެ ކަމަށް ޤަބޫލުކުރެވޭތީއެވެ. ތިމާ ބޭނުންހައި ދުވަހަކު ދުނިޔޭގައި ހުރެވޭނެ ކަމަށް ޤަބޫލުކުރެވޭތީއެވެ. އެހެންވެ ކޮންމެ ދުވަހަކުވެސް މާދަމާ ތައުބާވެ ހެޔޮ އަމަލުތައް ކުރަން ވިސްނައިގެން ހުންނާތީއެވެ. އެގޮތަށް ކޮންމެ ދުވަހަކު މާދަން ހެޔޮ އަމަލުތައް ކުރަން ހިތުއަޅައިގެން ޙަޔާތުގެ ދުވަސްތައް ވޭތިކުރަމުން ދަނިކޮށް އިންތިޒާރުކުރާ މާދަމާ ނާންނަނީސް މަރުގެ މަލާއިކަތާ ވަޑައިގެން ބައްދަލުކުރާތީއެވެ.
މިހެން މިކަން މެދުވެރިވަނީ ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން އެ ތަނަވސްކަން އެއިގެ އެތައް ގުނައަކަށް އިތުރުކުރުމުގެ ޝައުޤުވެރިކަން ބޮޑުވެ މުދަލާއި ފައިސާގެ ދަހިވެތިކަން ބޮޑުވުމުންނެވެ. އިތުރަށް ތަނަވަސްކަން ހޯދަން ބޭނުންވާ ވަރުން ﷲ ތައާލާ ތިމާގެ މައްޗަށް ފަރުޟު ކުރެއްވެވި ކަންކަން ހަނދާން ނެތޭތީއެވެ. އެކަންކަން ކުރަން ވަގުތު ނުދެވޭތީއެވެ.
އެހެންކަމުން މިބުނި ފަދަ މުއްސަނދިން މަރުވަނީ ހުސްތާއެވެ. ﷲ ތަޢާލާގެ ހަޟްރަތަށް ގެންދާނެ އެއްވެސް ހެޔޮކަމެއް ނެތިއެވެ. އެހެންކަމުން އެމީހުން އެ މަރުވަނީ އެންމެ ބޮޑެތި ފަޤީރުންގެ ގޮތުގައެވެ. ދުނިޔޭގައި އެމީހުން ދިރިއުޅުނީ ކިތަންމެ ފުރިހަމަ ގެއެއްގައި ނަމަވެސް މަރުވާ ވަގުތުން ފެށިގެން ހުރިހާ ނިޢްމަތަކުން މަޙްރޫމްވެފައިވާ މީހުންގެ ގޮތުގައެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ