ރާއްޖެއަށް ބޮޑު ބަދަލެއް ގެނެވޭނީ "ހުދު ވަލުގައި" ހިފައިގެން

ރާއްޖެއަށް ބޮޑު ބަދަލެއް ގެނެވޭނީ އޭނާގެ "ހުދު ވަލުގައި" ހިފައިގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ވަނީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކުރައްވާފަ އެވެ.
އަންނަ ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް 1000 ދުވަސް ފާހަގަ ކުރަން ބާއްވާ "ކައުންޓް ޑައުން" އިވެންޓުގައި ވާހަކަދައްކަމުން އުމަރު ވިދާޅުވީ ރާއްޖެއަށް ހަގީގީ ބަދަލެއް ބޭނުންވާނަމަ ސިޔާސީ ޕާޓީތަކަށް ނޫނެކޭ ބުނުން ނޫން އެހެން އެއްވެސް ގޮތެއް ނެތް ކަމަށެވެ.
"މި ހުރިހާ ސިޔާސީ ޕާޓީތައް ޖެހޭނީ ގެއަށް ފޮނުވާލަން. ގެއަށް ފޮނުވާލާފައި ޖެހޭނީ ސާފު ހުދު ވަލުގައި، އަޅުގަނޑުގެ ހުދު ވަލުގައި ތިބޭފުޅުން ޖެހޭނީ ހިއްޕަވަން. ރާއްޖެއަށް ހަގީގީ ބަދަލެއް އޭގެ ހަގީގީ މާނައިގައި ގެނެސްދޭނަން،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސިނާއަތެއް އޭނާ ދިވެހިންގެ އަތްމައްޗަށް ނަގައިދޭނެ ކަމަށާއި އަދި އެ ސިނާއަތްތައް ފައިދާވާ ސިނާއަތަކަށް ހަދައިދޭނެ ކަމަށެވެ. ސިޔާސީ ޕާޓީތައް ރާއްޖެ އައިތާ 15 އަހަރުވެފައިވާއިރު، ރާއްޖެއަށް ގެނެސްދެވުނު އެއްޗެއް ނެތް ކަމަށާއި ޕާޓީތަކުން ގައުމު ހަލާކުކޮށްލީ ކަމަށް އުމަރު ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުން ބޭނުންވަނީ ވެރިކަމަށް އައުމަށްފަހު ތިޖޫރި ގެންދިޔުމާއި، ފަޅުރަށްތައް ބަހާލުމާއި ބިންތައް ބަހާލުން ކަމަށާއި ފާއިތުވި 15 އަހަރު ޕާޓީތަކުން ގެނެސްދިނީ މި ކަންތައް ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި އުމަރު ދިޔައީ ހަތަރުވަނަށެވެ. ޖުމްލަ 8 ކެންޑިޑޭޓުން ވާދަކުރި އިންތިހާބުގައި އޭނަ އަށް ލިބިވަޑައިގަތީ 6،343 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ