އިންޑިއާގެ ސަގާފީ "ކޮލްހަޕޫރު" ފައިވާނުގެ ޑިޒައިން ކޮޕީކުރި ކަމަށް ބުނެ ފާޑުކިޔުން އަމާޒުވިތާ މަސްތަކެއް ފަހުން، ދުނިޔޭގެ މަޝްހޫރު ފެޝަން ބްރޭންޑް ޕްރާޑާއިން އިންޑިއާގައި ލިމިޓެޑް އެޑިޝަން ފައިވާން ކަލެކްޝަނެއް އުފައްދަން ނިންމައިފި އެވެ.
އިޓަލީގެ މި ލަގްޒަރީ ބްރޭންޑުން ހާމަކުރި ގޮތުގައި، އިންޑިއާގެ މަހާރަޝްތުރާ އަދި ކަރްނާޓަކާ ސްޓޭޓްގެ ސަރުކާރު ކުންފުނިތަކާ ގުޅިގެން 2،000 ޖޯޑު ފައިވާން އުފެއްދުމަށް، ބުރާސްފަތި ދުވަހު އޮތް "އިޓަލީ-އިންޑިއާ ބިޒްނަސް ފޯރަމް 2025" ގައި ސޮއިކޮށްފައިވެ އެވެ. އޭގެ ފައިވާން ޖޯޑެއްގެ އަގު އުޅޭނީ ގާތްގަނޑަކަށް 939 ޑޮލަރުގަ އެވެ.
މި ފައިވާން ނެރޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
މިދިޔަ ޖޫން މަހު ޕްރާޑާއިން ނެރުނު ފައިވާނެއް، އިންޑިއާގެ ކޮލްހަޕޫރު ފައިވާނާ ވަރަށް ބޮޑަށް ވައްތަރު ނަމަވެސް، އެއީ އިންޑިއާގެ ޑިޒައިނެއްކަން ހާމަނުކުރުމުން ސަގާފަތް ވަގަށް ނެގުމުގެ ތުހުމަތު އެ ކުންފުންޏަށް އަމާޒުވި އެވެ.
އޭރު ޕްރާޑާއިން އެ ފައިވާނަށް ކިޔާފައިވަނީ ހަމައެކަނި "ލެދަރ ފުޓްވެއާ" އެވެ. ނަމަވެސް ފަހުން އެ ކުންފުނިން ވަނީ އެއީ އިންޑިއާގެ ފަންނުވެރިކަމެއްކަން ގަބޫލުކޮށްފައެވެ.
މަހާރަޝްތުރާގެ ސޯޝަލް ޖަސްޓިސް މިނިސްޓަރު ސަންޖޭ ޝިރްސަތު ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ކޮލްހަޕޫރު ފައިވާން ހަދާ 200 ފަންނުވެރިންނަށް އިޓަލީގައި ތިން އަހަރު ދުވަހުގެ ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ ނިންމާފައެވެ.
ޕްރާޑާގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ވެރިޔާ ލޮރެންޒޯ ބާޓެލީ ވިދާޅުވީ މި މަސައްކަތުގައި އަސްލު އުފެއްދުންތެރިންގެ ހުނަރާއި ޕްރާޑާގެ ޓެކްނިކްތައް އެއްކޮށްލާނެ ކަމަށެވެ.
ކޮލްހަޕޫރު ފައިވާނަކީ 12 ވަނަ ގަރުނުން ފެށިގެން އިންޑިއާގައި ބޭނުންކުރަމުން އަންނަ، ގުދުރަތީ ކުލަތައް ބޭނުންކޮށްގެން އަތުން ހަދާ ވަރުގަދަ ފައިވާނެކެވެ.
ފާޑުކިޔުން އަމާޒުވުމަށް ފަހު ކޮލްހަޕޫރު ފައިވާން އުފައްދަން ޕްރާޑާއިން އިންޑިއާގެ ފަންނުވެރިންނާ ގުޅިއްޖެ ފާޑުކިޔުން އަމާޒުވުމަށް ފަހު ކޮލްހަޕޫރު ފައިވާން އުފައްދަން ޕްރާޑާއިން އިންޑިއާގެ ފަންނުވެރިންނާ ގުޅިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ