މަސްޖިދުއް ނަބަވީގެ އިމާމްއާ ރައީސް މުއިއްޒު ބައްދަލު ކުރައްވައިފި މަސްޖިދުއް ނަބަވީގެ އިމާމްއާ ރައީސް މުއިއްޒު ބައްދަލު ކުރައްވައިފި

ސަރުކާރުގެ ދައުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މަސްޖިދުއް ނަބަވީގެ އިމާމް ޑރ. ސަލާހުލްބުދައިރު އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފި އެވެ.
މިއަދު ހެދުނު ރައީސް އޮފީހުގައި އޮތް އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ، އިމާމަށް މަރުހަބާ ދަންނަވައި ސައުދީއާއެކު ރާއްޖެއިން ބާއްވާ ގާތް ގުޅުމަށް އަލިއަޅުއްވާލައިފަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް މުއިއްޒު، އިމާމުގެ މި ދަތުރު ސިފަކުރެއްވީ ދެ ގައުމުގެ ގުޅުން ބަދަހިކުރަން އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގަ އެވެ.
މީގެ އިތުރުން، ރައީސްގެ ވާހަކައިގައި ހައްޖާއި އުމްރާގެ އަޅުކަމުގެ އިންތިޒާމުތައް ފަސޭހަކޮށްދިނުމާއި، ހައްޖާއި އުމްރާވެރިންނަށް ސައުދީ ސަރުކާރުން ފޯރުކޮށްދެމުންދާ މެހެމާންދާރީއަށް އެމަނިކުފާނު ހާއްސަ ޝުކުރެއް ދެންނެވި ކަމަށް ރައީސް އޮފީހުން އާންމުކުރި ހަބަރުގައި ބުނެފައިވެ އެވެ.
އެ އޮފީހުން ބުނި ގޮތުގައި އިމާމު ސަލާހުލް ބުދައިރުގެ ވާހަކައިގައި، ދެ ގައުމުގެ ގުޅުމަކީ އިސްލާމީ ވަހުދަތުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމަށް ވިދާޅުވެ، އެގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ.
ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒް އަލްސައުދު އާއި އެގައުމުގެ ވަލީއަހުދު، އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާންގެ ހެޔޮ އެދުންތައް އިމާމު، ރައީސް މުއިއްޒު އަށް ރައްދުކުރެއްވި އެވެ.
ދަތުރުގެ ތެރެއިން މަސްޖިދުއް ނަބަވީގެ އިމާމް ޑރ. ސަލާހުލްބުދައިރު މިއަދު ހުކުރު މިސްކިތް ބައްލަވާލައްވަނީ --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ސަރުކާރުގެ ދައުވަތަކަށް އިމާމު ރާއްޖެ ވަޑައިގެންނެވީ އިއްޔެ އެވެ. އިމާމްއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އެވެ. މިއަދުގެ ބައްދަލުވުމުގައި ޝަހީމުގެ އިތުރުން ސައުދީން ރާއްޖެއަށް ކަނޑަޅާފައި ހުންނަވާ ސަފީރު ވެސް ބައިވެރިވި އެވެ.
އެ ދަތުރުގެ ތެރެއިން އިމާމު ވަނީ މިއަދު މާލޭގެ ބައެއް މިސްކިތްތަކަށް ޒިޔާރަތްކުރައްވާފަ އެވެ. މީގެއިތުރުން އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާއި ދީނީ އިލްމުވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އިމާމު ވަނީ އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކުޑަކުދިންތަކަކާއެކު ވެސް ވަގުތު ހޭދަކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ