ހިމާޔަތްކޮށްފައިވާ ތަންތަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ "ރޭންޖަރސް" ތަމްރީންކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން ވަނީ ހިމާޔަތްކޮށްފައިވާ ތަންތަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ "ރޭންޖަރސް" ތަމްރީނުކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފައެވެ. އެންދެރި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އާންމުކޮށް ހުޅުވާލައިގެން ހިންގާ ޕްރޮގްރާމެކެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލާމު ގަމު ކެމްޕަހުގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އިޖްތިމާޢީ އަދި އިދާރީ ހިންގުމުގެ ޚާއްޞަ ސިފަތަކަށް އަމާޒުކޮށް ފަރުމާކުރެވިފައިވާ ތަމްރީނު ޕްރޮގްރާމެކެވެ. ލާމު އަތޮޅުގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ލިބިފައިވާ ޤާބިލު ރޭންޖަރުން ތަމްރީނުކުރުން މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
12 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި 5 މޮޑިއުލެއް ހިމެނެއެވެ. އެގޮތުން ތިމާވެށީގެ ސައިންސް، ތިމާވެށީގެ ޤާނޫނާއި ތަންފީޛީ މަސައްކަތް، އިޖްތިމާޢީ ބައިވެރިވުމާއި ހޭލުންތެރިކަން އިތުރުކުރުން، އަސާސީ ކޮމްޕިއުޓަރ މަސައްކަތް އަދި ނިޔަމިކަމުގެ މާއްދާތައް ހިމެނެއެވެ.
މި ޕްރޮގްރާމުގައި ތިއަރީ އަދި ޢަމަލީ ސެޝަންތައް ހިމެނޭއިރު، ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ނިޔަމިކަމުގެ ސެޓްފިކެޓް ދޫކުރެވޭނެކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ