މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިހާރު ކުރިއަށްގެންދާ ލޭބަރ ފޯސް ސާރވޭގެ ބުރެއް ކޮންމެ މަހަކު ފަސް ދުވަހު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމުގައި އެ އިދާރާގެ ޑެޕިއުޓީ ސްޓެޓިސްޓީޝަން، މުޙައްމަދު ޙަބީބް ވިދާޅުވެއްޖެއެވެ.
މިގޮތުން "މެންދުރު ޓީވީ" ގެ މައުޟޫޢު ޕުރޮގުރާމުގައި ވާހަކަދައްކަވަމުން ޙަބީބް ވިދާޅުވީ، މިއީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް ކަމަށާއި، ކޮންމެ މަހަކު އެއް ފަހަރު މި ސާރވޭގެ ބުރެއް އޮންނާނެ ކަމަށެވެ.
މީގެ އިތުރުން ޙަބީބް ވިދާޅުވީ ކޮންމެ ބުރަކުވެސް ފަސް ދުވަހު އެ އިދާރާގެ ޓީމުތަކުން ގޭބިސީތަކަށް ޒިޔާރަތްކުރާނެ ކަމަށާއި، ގޭގެއަށް ޒިޔާރަތްކުރާނީ ސާރވޭ ކުރާ ދުވަސްތަކުގެ ހެނދުނު 9:00 އިން ހަވީރު 6:00 އަށް ކަމަށާއި، އާންމުންނަށް އެ ޓީމުގެ މެންބަރުން ދެނެގަނެވޭނީ އެ ފަރާތްތަކުގެ އައިޑީ ކާޑުން ކަމަށެވެ.
"މި ސާރވޭގައި އަޅުގަނޑުމެން ބޭނުން ކުރަނީ ރޭންޑަމްކޮށް ނަގާފައިވާ ސާމްޕަލެއް ކަމަށްވާތީ، ދިވެހީންނާއި ބިދޭސީންނާއި އަދި ބިދޭސީން ތިބޭ ލޭބަރ ކުއާޓާސްއާއި މި ހުރިހާ ތަންތަނެއް ހިމެނޭނެ"، ޙަބީބް ވިދާޅުވިއެވެ.
މި ޕުރޮގުރާމުގައި ދެއްކެވި ވާހަކަފުޅުގައި ޙަބީބް ވިދާޅުވީ މި ސާރވޭގައި މަޢުލޫމާތު ހޯދުމަށް ބޭނުންކުރަނީ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) އިން ޑިވެލޮޕްކޮށްފައިވާ އެންޑްރޮއިޑް އެޕްލިކޭޝަނެއް ކަމަށްވުމާއެކު، މި ސާރވޭގެ ޑޭޓާ އެއްކުރަނީ ޓެބްލެޓެއްގެ އެހީގައި ކަމަށެވެ.
"މި ސާރވޭގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ބާރުއަޅަން ގޭބިސީގައި ދިރިއުޅުއްވާ ފަރާތްތަކާ އަޅުގަނޑުމެންގެ ޓީމްތަކާ ސީދާ ސީދާ ދިމާވެ ވާހަކަދެއްކި، ފޭސް-ޓު-ފޭސް އިންޓަރެކްޝަނަކާއެކު މި ސާރވޭ ކުރިއަށްގެންގޮސް ދެއްވުމަށް"، ޙަބީބް ވިދާޅުވިއެވެ.
އެހެންނަމަވެސް، ފޯނު މެދުވެރިކޮށްވެސް ސާރވޭ ކުރިއަށްގެންދެވިދާނެ ކަމަށާއި، އެކަމަކު ފޭސް-ޓު-ފޭސް ކޮށް ސާރވޭ ކުރިއަށްގެންދެވުމަކީ އެ އިދާރާއިން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމުގައި ޙަބީބް ވިދާޅުވިއެވެ. އަދި ވަގުތު އޮތް ވަރަކުން އެކި ވަގުތުތަކަށް ބަހާލައިގެންވެސް ސާރވޭ ކުރިއަށްގެންދެވިދާނެ ކަމުގައި ޙަބީބް ވިދާޅުވެފައިވެއެވެ.
މި އެޕްރީލް މަހުގެ 20 އިން 26 އަށް މާލެ ސަރަހައްދުގައި އެމް.ބީ.އެސް ކުރިއަށް މި ގެންދާ ލޭބަރ ފޯސް ސާރވޭގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި އިޤުތިޞާދީ ގޮތުން ހަރަކާތްތެރިވާ އާބާދީ ދެނެގަތުމާއި، ލޭބަރ ފޯސް ޕާޓިސިޕޭޝަން ރޭޓް ދެނެގަތުމާއި، އަލަށް ވަޒީފާ އުފެދޭވަރު ދެނެގަތުމުގެ އިތުރުން އެމްޕްލޮއިމަންޓް އަދި އަންއެމްޕްލޮއިމަންޓް ރޭޓް ދެނެގަތުން ހިމެނެއެވެ.
މީގެ އިތުރުން ހިޖުރަކުރުމުގެ ރޭޓު ހޯދައި އާބާދީގެ ޕްރޮޖެކްޝަންސްތައް އަދާހަމަކުރުމަށް ބޭނުންވާ ޑޭޓާ ހޯދުމާއި، "ޑީސެންޓް ޖޮބްސް އިންޑިކޭޓަރ" އެކުލަވާލުމަށް ބޭނުންވާ ޑޭޓާ ހޯދުން އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުވާ މިންވަރު ދެނެގަތުމަކީވެސް މި ސާރވޭގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ.
ހަބަރު: ސަރުކާރު
ކޮންމެ މަހަކު ފަސް ދުވަހު ލޭބަރ ފޯސް ސާރވޭގެ ބުރެއް އޮންނާނެ: ޑެޕިއުޓީ ސްޓެޓިސްޓީޝަން ޙަބީބް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ