ގާނޫނުއަސާސީގައި ލިޔެވިފައި އޮތް ނަމަވެސް މިއަދު ދިވެހިރާއްޖޭގައި އޮތީކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ނޫނެވެ. ދިވެހިރާއްޖޭގެ މިއަދުގެ ހަގީގަތަކީ ވެރިކަން ހިންގުމުގެ ބާރާއި އަދުލް އިންސާފު ގާއިމް ކުރުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރު އޮތީ ވެސް އެކެއްގެ އަތް މަތީގައި ކަމެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ކޮންޓްރޯލް ކުރައްވާ ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިޔާލީ ތުހުމަތެއް އުފައްދައި، ހިންގި ގައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން، ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުން، ބާރު އޮތީ ކޮން ބޭފުޅެއްގެ އަތުގައި ކަން ސާފެވެ.
ރާއްޖޭގެ ހުރިހާ ބާރެއްގެ މިލްކުވެރި ފަރާތަކީ މިއަދު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒެވެ. ވެރިކަން ހިންގަވަނީ ރައީސް މުއިއްޒެވެ. ގާނޫނު ހަދަނީ ވެސް އެމަނިކުފާނެވެ. އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ބާރަކީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮނޑި ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހަޅާފައި އޮއްވައި، ސުޕްރީމް ކޯޓު ހުއްޓުވާލައި، ފަނޑިޔާރުންތަކެއް ވަކިކޮށްލި މި ދުވަސް ތާރީހުގައި ލިޔެވޭނީ ކަޅު، އަނދިރި ދުވަހެއްގެ ގޮތުގަ އެވެ.
މެއި 14، 2025، އަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ މަރުވި ދުވަހެވެ. އޭގެ ބަދަލުގައި އުފަންވީ ޑިކްޓޭޓާޝިޕެކެވެ. ބާރުގަދަ ވެރިއެކެވެ. ވެރި މީހާ ދެއްވީމާ މެނުވީ ހައްގުތައް ނުލިބޭ ދުވަސްތައް އަލުން އިއާދަވީ އެވެ. ޑިމޮކްރަސީ ހޯދަން އަނެއްކާ ވެސް ދިވެހިން މަސައްކަތް ކުރަން ޖެހުނީ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ސަރުކާރުން ފެންމަތި ކުރުވީ، ސަރުކާރަށް ސިޔާސީ ގޮތުން ގެއްލުންވެދާނެ ކަހަލަ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަން ފެށުމުންނެވެ.
އެ މައްސަލައަކީ، މަޖިލީހުގެ މެންބަރުން ތަޅުއަޅުވަން ގާނޫނުއަސާސީއަށް ނޮވެމްބަރު، 2024، ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސެއިން ހުށަހެޅުއްވި އެ މައްސަލަ ބަލަން ފެށުމުން، މަހާޒް އާއި އަޒްމިރާލްދާގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް "އުފަންވި" އެވެ.
އެކަމަކު، ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަން ފެށުމާއެކު ސުއޫދު އިސްތިއުފާ ދެއްވި އެވެ. ސުއޫދު އިސްތިއުފާ ދެއްވީ، ރައީސް މުއިއްޒާއި އެމަނިކުފާނުގެ ބަންޑާރަނައިބު އަހުމަދު އުޝާން ފަނޑިޔާރުންނަށް ބިރު ދައްކައި ނުފޫޒު ފޯރުވާތީ އެކަމަށް އިހުތިޖާޖު ކުރެއްވުމުގެ ގޮތުންނެވެ.
އަލީ ހުސެއިން ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބަލައިގަނެ އެ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ތާވަލު ކުރީ ފެބްރުއަރީ، 2025، ގަ އެވެ. ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ މައްސަލަ ބަލަން ނިންމައި މައްސަލައިގެ އަޑުއެހުމެއް ހަމަ އެ ދުވަހު ތާވަލުކޮށްފައި އޮއްވައި ފެބްރުއަރީ 26، ގަ އެވެ.
ފަނޑިޔާރު ސުއޫދުގެ މައްސަލައަކަށްވީ މީގެ ދެ އަހަރު ކުރިން ހިނގާފައިވާ ހާދިސާއެކެވެ. އެއީ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ހިމެނޭ ލިޔެކިޔުންތައް ސުޕްރީމް ކޯޓަށް ފޮނުވަން ދެކޮޅު ހެދުމުން، ހައި ކޯޓުގެ ރަޖިސްޓްރާ، ހާޒިރުކޮށް ޖަވާބުދާރީ ކުރުވި މައްސަލަ އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އަދި މަހާޒްގެ މައްސަލައަކަށްވީ، ޑިސެމްބަރު، 2025، ގައި އަޒްމިރާލްދާގެ ފިރިކަލުން މައްސަލައެއްގައި ހައްޔަރުކޮށް ބަންދު ޖެހުމަށް ކޯޓަށް ގެންދިޔުމުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެކެވެ. ދެ މަސް ކުރިން ހިނގި އެ ހާދިސާ މައްސަލައަކަށްވީ ސުޕްރީމް ކޯޓުން ދުސްތޫރީ މައްސަލަ ބަލަން ފެށުމުންނެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށީ ނިކަން ހުދުމުހުތާރުކޮށެވެ. މައްސަލައިގެ ހުރިހާ އަޑުއެހުންތައް ކުރިއަށްގެންދިޔައީ ސިއްރުކޮށްގެންނެވެ. ވަކީލެއް ބޭނުންކޮށްގެން ދިފާއުވުމުގެ ފުރުސަތު އަޒްމިރާލްދާއަށް ނުދިނެވެ. އަދި ދިފާއުގައި ހެކި ހުށަހެޅުމުގެ ފުރުސަތު ވެސް ފަނޑިޔާރުންނަށް ނުދިނެވެ.
ހެކި ހުށަހެޅުމުގެ ފުރުސަތު ނުދިނުމަށްފަހު ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނީ، ދިފާއުގައި ހެކި ހުށަހެޅުމުގެ ފުރުސަތު ދިން ނަމަވެސް އެ ކޮމިޝަނުގެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށެވެ. އެ ނިންމުމުގެ ސަބަބުން ވެސް ތަހުގީގު "ވަކި ގޮތަކަށް ނިންމަން ކޮމިޝަނުން ހިފާލާފައި" ހުރި ކަން ހާމަވި އެވެ.
އެންމެފަހުން ކޮމިޝަނުގެ ތަހުގީގު ނިމުނުއިރު، "ހުކުމް އައީ" ކުރިން ވެސް ހީކުރެވިފައި އޮތް ގޮތަށެވެ. ކޮމިޝަނުން ނިންމީ ފަނޑިޔާރުން ވަކި ކުރުމަށެވެ. ކޮމިޝަނުގެ ތަހުގީގު ރިޕޯޓަށް ބެލުމުން، ފަނޑިޔާރު މަހާޒް ދަށު ކޯޓަށް ނުފޫޒު ނުފޯރުވާކަން ހާމަވެ އެވެ. މަހާޒް ނުފޫޒު ފޯރުވި ކަމަށް ބުނާ ދެ ގާޒީން ތަހުގީގުގައި ހެކި ބަސް ދިނީ މަހާޒުގެ ފަރާތުން އެއްވެސް ނުފޫޒެއް އައިސްފައިނުވާ ކަމަށެވެ.
ފަނޑިޔާރު އަޒްމިރާލްދާގެ ކުށަކަށްވީ، އޭނާއަށް ދަށު ކޯޓަށް ނުފޫޒު ފޯރުވިދާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުންނަށް ހީވުމެވެ. އަޒްމިރާލްދާ ނުފޫޒެއް ފޯރުވިކަމުގެ އެއްވެސް ހެއްކެއް ނެތެވެ. އެކަމަކު ވެސް ކޯޓުން ނިންމީ އޭނާ ކުށްވެރިވާ ކަމަށެވެ. ފަނޑިޔާރުގެ ކުށެއް ނެތީސް ކޮމިޝަނަށް ފެނުނީ ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރަންޖެހޭ ކަމަށެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ނިންމުން ރައްޔިތުންގެ މަޖިލީހަށް ފޮނުވުން އެ މަޖިލީހުން އެ މައްސަލަ ފޮނުވީ ޖުޑިޝަރީ ކޮމިޓީއަށެވެ. ޖުޑިޝަރީ ކޮމިޓީގެ 11 މެންބަރުންގެ ތެރެއިން ނުވަ މެންބަރުންނަކީ ވެރިކަން ހިންގާ ޕާޓީގެ މެންބަރުންނެވެ.
ކޮމިޓީއިން ކުރަންޖެހޭ މައިގަނޑު މަސައްކަތަކީ، ޖޭއެސްސީ އިން ތަހުގީގު ހިންގީ އިޖުރާއަތްތަކާ އެއްގޮތަށްތޯ ކަނޑައެޅުމެވެ. އެކަމަކު، އެފަދަ އެއްވެސް މައްސަލައެއް ބެލުމުގެ ޝައުގުވެރިކަން އަދި ނިޔަތް އެ ކޮމިޓީގައެއް ނެތެވެ. ތަހުގީގުން ފާހަގަވި ބައެއް މައްސަލަތައް އިދިކޮޅު މެންބަރުން ފާހަގަ ކުރެއްވުމުން ވެރިކަން ހިންގާ ޕާޓީގެ މެންބަރުން ނަގައިލީ ކޮމިޓީގެ މަސްލަހަތެވެ.
އެންމެފަހުން، ކޮމިޓީގައި އިންނެވި މެންބަރަކު ހުށަހެޅުއްވީ ކޮމިޓީ ވެސް ސިއްރުކޮށްގެން ކުރިއަށްގެންދާށެވެ. ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދިޔުމަށްފަހު، ޖޭއެސްސީގެ ތަހުގީގު ރިޕޯޓުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އިން ފާސްކޮށްލި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރިޕޯޓުގައި މައްސަލައެއް ނެތް ކަމަށް މަޖިލީހުގެ ކޮޮމިޓީ އިން ނިންމި އިރު، އެ ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ފަނޑިޔާރުންނަށް ދިނުމަށް ވަރަށް ގިނަ ބަޔަކު ދިޔައީ ގޮވައިލަމުންނެވެ. ކޮމިޓީއަށް ވަޑައިގެން ޖަވާބުދާރީވުމުގެ ފުރުސަތެއް ދިނުމަށް ދެ ފަނޑިޔާރުން ވެސް އެދިވަޑައިގެންނެވި އެވެ.
ޖަވާބުދާރީވުމުގެ ފުރުސަތު ފަނޑިޔާރުންނަށް ދިނުމަށް ގޮވާލި ބައެއް ފަރާތްތައް:
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރިޕޯޓުގައި މައްސަލައެއް ނެތް ކަމަށް ޖުޑިޝަރީ ކޮމިޓީއިން ނިންމި ނަމަވެސް، ރައްޔިތުންނަށް މަޖިލީހަށް ގާނޫނީ ލަފާ ދިނުމުގެ އެންމެ އިސް ޒިންމާ ނަންގަވަންޖެހޭ އެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ޖޭއެސްސީގެ ރިޕޯޓުން ބައިވަރު މައްސަލަ ފާހަގަކޮށްފަ އެވެ.
ފިލްޒާ ފާހަގަ ކުރެއްވި ކަންބޮޑުވުންތަކުން ހާމަވީ، ފަނޑިޔާރުންގެ މައްސަލަތައް ކޮމިޝަނުން ބަލަން ފެށީ މައްސަލައެއް އުފައްދައިގެން ކަމެވެ. މައްސަލަ ހުށަހެޅި ފަރާތެއް ވެސް ޖޭއެސްސީގެ ރިޕޯޓުން ސާފެއް ނޫނެވެ. ޖުމުލަކޮށް ފިލްޒާ ވިދާޅުވެފައި ވަނީ ފަނޑިޔާރުންގެ ތަހުގީގު ކުރިއަށްގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށެވެ.
ކައުންސެލް ޖެނެރަލް ފާހަގަ ކުރެއްވި ކަންބޮޑުވުންތައް
ފަނޑިޔާރުން ވަކި ކުރަން މަޖިލީހުގައި މިއަދު ނެގި ވޯޓުގައި، 68 މެންބަރުން ވޯޓު ދިނީ ފަނޑިޔާރުން ވަކި ކުރުމަށެވެ. ވޯޓުގައި ބައިވެރިވެވަޑައިނުގަތީ ޕީއެންސީގެ އެންމެ މެންބަރެކެވެ. އެއީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އެވެ.
އެ މައްސަލައަށް މިއަދު ބަހުސް ކުރެއްވި ވަގުތު ޕީއެންސީގެ ގިނަ މެންބަރުން ވާހަކަ ދެއްކެވީ ހަމައެއް ގަބޫލު ކުރައްވައިގެނެއް ނޫނެވެ. ގިނަ މެންބަރުން ދައްކަވަމުން ގެންދެވީ ކުރީ ސަރުކާރުގެ ވާހަކަ އެވެ. އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމުގައި ކަން ހިނގި ކަމަށް އެބޭފުޅުންނަށް ފެނިވަޑައިގެންނެވި ގޮތުގެ ވާހަކަ އެވެ.
މަޖިލިސް މެންބަރުން މިއަދު ވޯޓު ދެއްވި ގޮތް އެންމެ ރަނގަޅަށް ސިފަ ކުރެއްވީ މަގާމުން ވަކި ކުރެވުނު ފަނޑިޔާރު އަޒްމިރާލްދާ އެވެ. އޭނާ ވިދާޅުވީ ވެރިކަން ހިންގާ ޕާޓީގެ މެންބަރުން މިއަދު މަސައްކަތް ކުރެއްވީ "އަޅުވެތި ސޯބުތަކެއް" ގޮތަށެވެ.
"އެ ނިންމެވުން ނިންމަވާފައިވަނީ އަޅުގަނޑު އެއްވެސް ކުށެއް ނުކުރާކަން ވެރިކަން ހިންގާ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ ސުޕަ މެޖޯރިޓީ މެންބަރުންނަށް ވެސް އެނގިވަޑައިގެން ތިއްބަވައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި ސިޔާސީ އެންގުންތަކަށް ބަޓަނަށް ފިތާލާ، ބުއްދީގެ ހަމަތަކާއި އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން،" އަޒްމިރާލްދާ ވިދާޅުވި އެވެ.
މަޖިލީހުގެ އެ ނިންމުމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. މަޖިލީހުގެ ވޯޓަށްފަހު މަގުމައްޗަށް ނުކުމެވަޑައިގެން، ފަނޑިޔާރުން ވަކި ކުރުމާ ދެކޮޅަށް އެތަނުގައި މުޒާހަރާ ކުރަން ތިބި މީހުން ކައިރިއަށް ވަޑައިގެން ނާޒިލް ވިދާޅުވީ، މި ގައުމުގައި ދެން އިންސާފެއް ނުލިބޭނެ ކަމަށެވެ.
"ރާއްޖޭގެ އެންމެ މަތީ ކޯޓެއްގެ ދެ ފަނޑިޔާރެއްގެ ވާހަކަ މި ދަންނަވަނީ. އެ ބޭފުޅުންނަކަށް އިންސާފެއް ނުލިބޭ. ފުލުހުންނާއި ސިފައިން ތި ތިއްބެވީ. ތިބޭފުޅުންނަށް މާދަމާ އިންސާފު ލިބޭނެ ކަމުގެ އެއްވެސް ހައްގެއް ތިބޭފުޅުންނަކަށް ނެތް. އަޅުގަނޑު ގަބޫލެއް ނުކުރަން. ވަކި މީހެއްގެ އަތުގައި އެ ހައްގު އޮތީ. އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ތެރެއިން އެކަކަށް ވެސް ނެތް އިންސާފު ލިބޭނެކަމުގެ ޔަގީންކަމެއް. މިއީ ދެންމެ ރައްޔިތުންގެ މަޖިލީހުގައި ނެގިގެން ދިޔަ ވޯޓުން އަޅުގަނޑުމެންނަށް ޔަގީންވާ ކަންކަން،" ނާޒިލް ވިދާޅުވި އެވެ.
މަޖިލީހުން އެ ވޯޓު ނެގުމުގެ ކުރިން، ހުދުމުހުތާރުކޮށް ފަނޑިޔާރުން ވަކިނުކޮށްލުމަށް ޕީއެންސީ މެންބަރު އަޒާން ގޮވައިލަމުންދިޔަ އެވެ. ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތެއް ދިނުމަށް އަޒާން އެދިވަޑައިގެންނެވި އެވެ.
"އަޅުގަނޑު ގޮވާލަނީ އަޅުގަނޑުމެން މިގޮތަށް މި ރިޕޯޓަށް ގޮތެއް ނިންމުމުގެ ކުރިން ކީއްތޯއޭ ވާނީ ފަނޑިޔާރުންނަށް ކޮންމެވެސް ކަހަލަ ޖަވާބެއް ދެއްވަން އިއްޒަތްރެރި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފުރުސަތެއް ދެއްވަން. އަޅުގަނޑުމެންގެ ސުޕާމެޖޯރިޓީ އެބަ އޮތް. އެހެންވީމާ އެބޭފުޅުންނަށް ޖަވާބުދާރީވާން ފުރުސަތު ދެއްވުމަކުން މި އިއްޒަތްރެރި މަޖިލީހުގެ މެންބަރުން ނަގާ ޑިޒިޝަނަކަށް ބަދަލެއް އަންނާނީއެއް ވެސް ނޫން،" އަޒާން ވިދާޅުވި އެވެ.
އަޒާންގެ ވާހަކައިގައި، ރާއްޖޭގެ އަދުލު އިންސާފު އޮތް ހާލަތު ވަރަށް ސާފުކޮށް ވިދާޅުވި އެވެ. އަދުލު އިންސާފަކީ ވެރި މީހާ ދެއްވީމާ ލިބޭ އެއްޗަކަށްވެފައިވާ ކަމަށް އަޒާން ވިދާޅުވި އެވެ. ވެރިކަން ހިންގާ ބާރުން ފަނޑިޔާރުގެއަށް އަތް ބާނައި، ޖުޑިޝަރީއަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"[ފެހި] ގާނޫނުއަސާސީ ވުޖޫދި ފަހުން ކޮންމެ ވެރިކަމެއްގައި ވެސް އަޅުގަނޑުމެންނަށް ފެނުނީ ފަނޑިޔާރުގެއަށް އަތް ބާނާ ތަން، ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ތަން. އެއިރު ވެސް މިހާރު ވެސް ފެންނަމުން މި ދަނީ ހަމަ އެ މަންޒަރު،" އޭނާ ވިދާޅުވި އެވެ.
~~
ގައިރު ގާނޫނީކޮށް ފަނޑިޔާރުން ވަކިކޮށްލުމުގެ ހިތި ނަތީޖާ މުޅި ގައުމުން ފެންނާނެ އެވެ. ރާއްޖޭގައި ވާނުވާ ބަލަން ތިބި އެހެން ގައުމުތަކަށް ވެސް އެ މަންޒަރު ފެންނާނެ އެވެ. ރާއްޖޭގެ ކޯޓަކުން އިންސާފު ނުލިބޭނެކަން ބޭރުގެ އިންވެސްޓަރުންނަށް ވެސް ފެންނާނެ އެވެ.
ފަނޑިޔާރުގެ މިއަދު މި އޮތީ ވެރިކަން ކުރާ ބާރުގެ މުށު ތެރޭގަ އެވެ. ބަޔަކު ނުކުމެ، އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ބާރު ސުޕްރީމް ކޯޓު ފުނޑާލައިފި އެވެ. ކޯރާޑި ހިއްޕަވައިގެން ހުންނެވީ ގައުމުގެ ވެރިޔާ އެވެ. މިއީ ތާރީހުގައި ލިޔެވޭނެ ކަޅު، އަނދިރި، ބިރުވެރި ދުވަހެކެވެ.
ފަނޑިޔާރުން ވަކި ކުރުން: ގާނޫނުއަސާސީގެ ބާރު ކަނޑުވާލި، ބިރުވެރި ދުވަހެއް ފަނޑިޔާރުން ވަކި ކުރުން: ގާނޫނުއަސާސީގެ ބާރު ކަނޑުވާލި، ބިރުވެރި ދުވަހެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ