ގޫގުލްއިން "ފައިންޑް މައި ޑިވައިސް" ނެޓްވޯކް ރިބްރޭންޑްކޮށްފި
ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި ގޫގުލްއިން އެ ކުންފުނީގެ "ފައިންޑް މައި ޑިވައިސް" ނެޓްވޯކް އަލުން ރިބްރޭންޑްކޮށްފިއެވެ. މިގޮތުން މި ނެޓްވޯކްގެ ނަން "ފައިންޑް ހަބް" އަށް ބަދަލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުދަ ދުވަހު ބޭއްވި "ދި އެންޑްރޮއިޑް ޝޯ: އައި/އޯ އެޑިޝަން" ގައި ވަނީ އިއުލާނުކޮށްފައެވެ. ގޫގުލްއިން މި ބަދަލު ގެނައުމާއެކު، އައު ދެ ޚިދުމަތެއް ތަޢާރަފުކުރާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި މި ނެޓްވޯކް މެދުވެރިކޮށް ތަކެތި ހޯދުމުގެ ޚިދުމަތް ފުޅާކުރުމަށްޓަކައި ގިނަ ކުންފުނިތަކަކާއި އެއަރލައިންތަކަކާއެކު ވަނީ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. ގޫގުލްއިން ބުނާ ގޮތުގައި، މި ނެޓްވޯކް މެދުވެރިކޮށް ތަކެތި ހޯދުމުގެ ޚިދުމަތް ދޭ ބްރޭންޑްތަކުގެ ތެރޭގައި ޖުލައި، މޮކޮބާރާ، ޕީކް އަދި ޕިކްސްބީ ހިމެނެއެވެ. މިގޮތުން ޖުލައި އަދި މޮކޮބާރާއިން ޓްރެކާ ހަރުކޮށްފައިވާ ޚާއްޞަ ދަތުރު ފޮށިތަކެއް ނެރޭނެ ކަމަށާއި، މި ފޮށިތައް މެދުވެރިކޮށް ފަސޭހައިން ދަތުރުތަކުގައި ފޮށިތައް ހޯދޭނެ ކަމަށް ބުނެފައިވެއެވެ. އަދި މޮންޓާނާގެ ސްކީ ކުންފުންޏެއް ކަމަށްވާ ޕީކްއިން ޓްރެކާ ހަރުކޮށްފައިވާ ސްކީތަކެއް ނެރޭނެ ކަމަށާއި، އޮސްޓްރޭލިއާގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ހަދާ ވެއަރަބަލް ބްރޭންޑެއް ކަމަށްވާ ޕިކްސްބީއިން ޑިޒްނީ ތީމްކޮށްގެން ހަދާފައިވާ ބްލޫޓޫތު ޓެގްތަކެއް ނެރޭނެ ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން ވެސް ގޫގުލްއިން އަލްޓްރާ-ވައިޑް ބޭންޑް (ޔޫޑަބްލިއުބީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ ޓެގްތަކަށް "ނިއަބައި ފައިންޑިން"ގެ ޤާބިލުކަން ތަޢާރަފުކުރާނެ ކަމަށް ބުނެފައިވެއެވެ. މި ޓެކްނޮލޮޖީ ބޭނުންކުރާ ފުރަތަމަ ޓްރެކާަކީ އިންޑިއާގައި ފަހުން ތަޢާރަފުކުރި "މޮޓޯ ޓެގް" އެވެ. މޮޓޯ ޓެގްގައި "ފައިންޑް ހަބް" ނެޓްވޯކްގެ ސަޕޯޓް ލިބޭނެ ކަމަށާއި، "ޕްރެސިޝަން ފައިންޑިން" ނަމަކަށް ކިޔާ އައު ފީޗަރއެއް މެދުވެރިކޮށް ގެއްލިފައިވާ ތަކެތި ހޯދުމަށް އެހީތެރިވެދޭނެ ކަމަށް ބުނެފައިވެއެވެ. މި ޓްރެކާ އޮފްލައިންކޮށް ހުރި ނަމަވެސް ރަނގަޅަށް މަސައްކަތްކޮށް ތަކެތި ހޯދޭނެ ކަމަށް ވެސް ބުނެފައިވެއެވެ. މި ޓްރެކާގެ އަގަކީ 2,299 ރުފިޔާ ކަމަށާއި، ޖޭޑް ގްރީން އަދި ސްޓާލައިޓް ބްލޫ ކުލަތަކުގައި ލިބެން ހުންނާނެ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، ގޫގުލްއިން "ފައިންޑް ހަބް" އާއެކު ސެޓެލައިޓް ކަނެކްޓިވިޓީ ތަޢާރަފުކުރާނެ ކަމަށް ބުނެފައިވެއެވެ. މި ޚިދުމަތުގެ ސަބަބުން، މޯބައިލް ނެޓްވޯކް ނުލިބޭ ސަރަޙައްދުތަކުގައި ވެސް ރައްޓެހިންނާއި އާއިލާއާ ގުޅުން ބޭއްވޭނެއެވެ. މި ޤާބިލުކަން މި އަހަރުގެ ފަހުކޮޅު ތަޢާރަފުކުރާނެ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ވެސް ގޫގުލްއިން އެއާ ލިންގަސް، ބްރިޓިޝް އެއާވޭޒް، ކެތޭ ޕެސިފިކް، ލައިބީރިއާ އަދި ސިންގަޕޯ އެއާލައިންސްއާ ގުޅިގެން މަސައްކަތްކުރާނެ ކަމަށް ބުނެފައިވެއެވެ. މި އެއްބާރުލުމުގެ ސަބަބުން، ދަތުރުވެރިންނަށް އެ މީހުންގެ ބްލޫޓޫތު ޓެގްތަކުގެ ލޮކޭޝަން އެއާލައިންތަކާ ހިއްސާކުރެވޭނެއެވެ. މިކަމުގެ ސަބަބުން ގެއްލިފައިވާ ދަތުރު ފޮށިތައް ފަސޭހައިން ހޯދުމަށް އެއާލައިންތަކަށް މަގުފަހިވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ