ކުޅިވަރުގައި މަނާ ބޭސް ބޭނުން ކުރުމުގެ ނުރައްކާތެރިކަމަށް އަހުލުވެރިވާންވީ ހަމައެކަނި އެތްލީޓުންނާއި ކޯޗުން އެކަނި ނޫންކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.
ޠަލާލް މިހެން ވިދާޅުވީ "ކްލީން ސްޕޯޓް ޓްރެއިނިންގ ފޯރ ސައުތް އީސްޓް އޭޝިއާ" ގެ ނަމުގައި ސައުތް އޭޝީއަން ރީޖަނަލް އޮގަނައިޒޭޝަން ފޯ އެންޓި ޑޯޕިން (ޑޯސަރަޑޯ) އިން އިންތިޒާމުކޮށްގެން މިއަދު ބޭއްވި ސެމިނަރގައި ވާހަކަ ދައްކަވަމުންނެވެ.
ޠަލާލް ވިދާޅުވީ ކުޅިވަރުގައި މަނާ ބޭސް ބޭނުން ކުރުމުގެ ނުރައްކާތެރި ކަމަށް މުޅި މުޖުތަމައު އަހުލުވެރިވާން ޖެހޭނެކަމަށާއި، ވަކިން ޚާއްސަކޮށް ބެލެނިވެރިންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަކީ މިކަމަށް އަހުލުވެރި ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ.
"ބުންވަރާއި ހަކަތަ ޖެއްސުމަށް ބޭނުންކުރާ މަސްނޫޢީ ތަކެތީގެ ސަބަބުން އެލިބެނީ ދާއިމީ ހައްލެއް ނޫން. ކުޅިވަރުގައި ގިނަ ދުވަހަށް ދެމިގެންދާ ލެގަސީއެއް ބޭނުން ނަމަ އަޅުގަނޑުމެން އެބަ ޖެހޭ މަނާ ބޭހާއި ދުރުވެ، ކްލީން ސްޕޯޓްސްއަށް މަރުހަބާކިޔަން" ޠަލާލް ވިދާޅުވިއެވެ.
"ޒުވާން އެތްލީޓުންގެ ވިސްނުން ވަކި ގޮތަކަށް ބައްޓަން ކުރުވާ ހޭނުއްވުމުގައި ބެލެނިވެރިން ކުޅޭ ދައުރު ވަރަށް ބޮޑު. އެހެންކަމުން މިކުދިންނަށް އެންމެ ފުރަތަމަވެސް އެބަ ޖެހޭ މިކަމުގެ ނުރައްކާތެރިކަން ބުނެދޭން، އޭރުން ރަނގަޅު ވެލިއުތައް ކުދިންގެ ގައިގައި ފުރަތަމައިނުންވެސް އެބަ އަށަގަނޭ" ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ޠަލާލް ވިދާޅުވިއެވެ.
ކުޅިވަރުގައި މަނާ ބޭސް ބޭނުން ކުރުން ހުއްޓުވުމަށް ގާނޫނެއް ހެދިފައިވަނީ މުހިންމު ސަބަބަކަށްޓަކައި ކަމަށްވެސް ޠަލާލް ފާހަގަކުރެއްވިއެވެ. މީގެ ތެރެއިން ބައެއް ބޭހަކީ އެބޭސް ބޭނުންކުރުމުން ވަގުތީ ގޮތުން ކުޅުންތެރިންނަށް ބުންވަރާއި ހަކަތަ ލިއްބައިދޭން ބޭސްތަކެއް ނަމަވެސް މިއީ ވަގުތީ ކަމެއްކަން ކޮމިޝަނަރ އޮފް ސްޕޯޓްސް ފާހަގަކުރެއްވިއެވެ.
ކުޅިވަރުގެ ހަގީގީ އުފާވެރިކަން ލިއްބައިދޭ ކަންކަން ބިނާވެފައިވަނީ ރިވެތި އަޚްލާޤާއި، ބުރަ މަސައްކަތާއި، ގަދަ އަޅާ ކުރާ މަސައްކަތުގެ މައްޗައްކަމަށްވެސް ޠަލާލް ވިދާޅުވިއެވެ. އަދި މި ސިފަތައް ހޯދައިގެންފިނަމަ ލިބޭ ކާމިޔާބީއަކީ އުމުރަށް ލިބިގެންދާނެ ކާމިޔާބީއެއްކަމަށްވެސް ޠަލާލްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ދެކުނު އޭޝިއާގެ ޤައުމުތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު މި ސެމިނަރގައި ދިވެހިރާއްޖެ ހިމެނޭހެން ބައިވެރިވި އެހެން ޤައުމުތަކަކީ ބަންގްލަދޭޝް، ބޫޓާން، ނޭޕާލް އަދި ޝްރީލަންކާއެވެ. ކުޅިވަރާއި ގުޅުންހުރި އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމާޒުކުރެވިގެން ކުރިއަށް ގެންދެވުނު މި ސެމިނަރ ބާއްވާފައިވަނީ ހެންވޭރު ބޯޅަ ގޭގައެވެ.
ކުޅިވަރުގެ 'ލެގަސީއެއް' ބޭނުން ނަމަ މަނާ ބޭހާ ދުރުވާން ޖެހޭ: ކޮމިޝަނަރ އޮފް ސްޕޯޓްސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ