ހެލްތު މިނިސްޓްރީން މިއަދު ވަނީ ވޭޕު އަތުލުމުގެ ބާރު ފުލުހުންނަށް ދީ، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ އައު ގަވާއިދެއް ގެޒެޓުކޮށްފައެވެ. މި ގަވާއިދުގެ ދަށުން އެއްވެސް ތަނެއްގައި ވޭޕް، އިލެކްޓްރިކް ސިނގިރޭޓް ނުވަތަ ވޭޕްކުރަން ބޭނުންކުރާ އެއްވެސް އާލާތެއް ގެންގުޅުމަކީ މަނާ ކަމެކެވެ.
އައު ގަވާއިދުގެ ދަށުން މިފަދަ އެއްޗެއް ގެންގުޅޭ ތަން ފެނިއްޖެނަމަ، އެ އެއްޗެއް ބޭނުން ނުކުރި ކަމުގައި ވިޔަސް، 2،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ އެއްޗެއް އަތުލަން އުޅުމުން އެކަމަށް ދެކޮޅު ހަދައިފިނަމަ، ވަކި ފަރުދެއްނަމަ 50،000 ރުފިޔާއިން އަދި ވިޔަފާރި ޝަޚްޞިއްޔަތެއްނަމަ 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
މި ގަވާއިދުގެ ދަށުން ކުރެވޭ ޖޫރިމަނާތައް ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި 14 ދުވަހުގެ ތެރޭގައި މީރާއަށް ދައްކަންޖެހޭނެއެވެ. އަދި އަތުލެވޭ ތަކެތި ނައްތާލުމަށްފަހު، ކޮންމެ ހަ މަހަކުން އެއްފަހަރު ނައްތާލެވުނު ތަކެތީގެ ރިޕޯޓު ހެލްތު މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ.
މީގެއިތުރުން، މި ގަވާއިދުގައި މިސްކިތްތަކާއި، ސްކޫލްތަކާއި، އިޖުތިމާޢީ ތަންތަނާއި، އާންމު ޚިދުމަތްދޭ ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކޮށްފައިވެއެވެ. އަދި ދައުލަތުގެ އެންމެހައި އިދާރާތަކާއި، ސަރުކާރުގެ ކުންފުނިތަކާއި، ޤާނޫނީ ޝަޚްޞުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިމާރާތްތަކާއި ގޯތިތެރޭގައިވެސް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވާނެއެވެ.
މި ގަވާއިދުގެ ދަށުން މީހަކު ބަލައި ފާސްކުރަނިކޮށް ނުވަތަ ރާއްޖެއަށް ބޭރުން އަންނަ މީހެއްގެ އަތުން ވޭޕެއް ފެނިއްޖެނަމަ، އެ އެއްޗެއް އަތުލުމުގެ ފުރިހަމަ ބާރު ތަންފީޒީ އިދާރާތަކަށް ލިބިގެންވެއެވެ.
ވޭޕު އަތުލުމުގެ ބާރު ފުލުހުންނަށް ދީ، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގަވާއިދު އާންމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ