ސެކިއުރިޓީ މައްސަލައަކަށް ހައްލު ހޯދުމަށް އައިއޯއެސްގެ އައު އަޕްޑޭޓެއް ރިލީޒްކޮށްފި

އައިފޯނުގެ ސެކިއުރިޓީ މައްސަލައަކަށް ހައްލު ހޯދުމަށް iOS 18.3.1 އަޕްޑޭޓް އެޕަލް އިން ރިލީޒްކޮށްފިއެވެ. އެޕަލްއިން ހޯމަ ދުވަހު ރިލީޒްކުރި އައިފޯނުގެ އައު އަޕްޑޭޓް iOS 18.3.1 ގައި، ކުރިން ފާހަގަކުރެވުނު ނުރައްކާތެރި ސެކިއުރިޓީ މައްސަލައަކަށް ހައްލު ހޯދާފައިވެއެވެ. މި މައްސަލައަކީ ޔޫއެސްބީ ރެސްޓްރިކްޓެޑް މޯޑްގެ ތެރެއިން ފާހަގަކުރެވުނު މައްސަލައެކެވެ. މި މައްސަލައިގެ ސަބަބުން ލޮކްކޮށްފައި ހުންނަ އައިފޯނަކަށް ވަކި ބަޔަކަށް ވަދެވޭގޮތް ވަނީ ވެފައެވެ. އަދި މި މައްސަލައިގެ ތެރެއިން ހެކަރުން ވަކި ފަރުދުންތަކަކަށް އަމާޒުކޮށް ހަމަލާ ދީފައިވާކަން އެޕަލްއިން ވަނީ ކަށަވަރުކޮށްދީފައެވެ. ޔޫއެސްބީ ރެސްޓްރިކްޓެޑް މޯޑަކީ 2018ވަނަ އަހަރު iOS 11.4.1 އާއެކު ތަޢާރަފުކުރެވުނު ސެކިއުރިޓީ ފީޗާއެކެވެ. މި ފީޗާގެ ސަބަބުން ޔޫއެސްބީ އެކްސެސަރީއެއް ގުޅާލުމަށް ކުރިން ފޯނު އަންލޮކްކުރަން ޖެހެއެވެ. އަދި ފާއިތުވި އެއް ގަޑިއިރުގެ ތެރޭގައި ފޯނު އަންލޮކް ނުކުރާނަމަ އެކްސެސަރީއެއް ނުގުޅޭނެއެވެ. ޓޮރޮންޓޯ ޔުނިވާސިޓީގެ މަންކް ސްކޫލްގެ ދަ ސިޓިޒަން ލެބްގެ ރިސާޗާ ބިލް މާޒަކް މި މައްސަލަ ފާހަގަކުރުމާ ގުޅިގެން، އޭނާ ވަނީ އައިފޯނު ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ވެސް އަވަހަށް އަޕްޑޭޓް ކުރުމަށް އިލްތިމާސްކޮށްފައެވެ. މި އަޕްޑޭޓް ލިބެނީ އައިފޯނު 16 ސީރީޒް އަދި އައިފޯނު XS އިން ފެށިގެން މަތީގެ މޮޑެލްތަކަށެވެ. އަޕްޑޭޓް ކުރުމަށްޓަކައި ސެޓިންގްސް އެޕް ހުޅުވުމަށްފަހު ޖެނެރަލް > ސޮފްޓްވެއާ އަޕްޑޭޓް > އިންސްޓޯލް ނައު އަށް ފިތާލުމުން އަޕްޑޭޓް އިންސްޓޯލްވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ