ބީއެމްއެލުން ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފި

ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ދޫކުރަމުން އަންނަ ލޯނުތަކަށް ހެޔޮބަދަލުތަކެއް ގެނެސްފިއެވެ.
ބީއެމްއެލުން ވިޔަފާރިތަކަށް ދޫކުރަމުން އަންނަ ލޯނުތަކަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން އެ ބޭންކުން ބުނީ، ރިއަލް އެސްޓޭޓް ފައިނޭންސިން އާއި، ގެސްޓްހައުސް ފައިނޭންސިންގެ އިތުރުން ވަރކިން ކެޕިޓަލް ފައިނޭންސް ދޫކުރުމުގައި ހެޔޮ ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.
މިގޮތުން ރިއަލް އެސްޓޭޓް ފައިނޭންސް ކުރަން ބޭނުންވާ ފަރާތްތަކަށް މީގެކުރިން އަމިއްލައަށް ކުރަންޖެހޭ ޚަރަދު 30 އިންސައްތައިގަ އޮތްނަމަވެސް މިހާރު އެއަދަދު 20 އިންސައްތައަށް ދަށްކޮށް، ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކޮށްދީފައިވާނޭކަމަށެވެ. މި ގެނައި ބަދަލާއެކު ދިގު މުއްދަތަކަށް ކުއްޔަށް ހިފުމަށާއި، ކޮންޓްރެކްޓަރުންނާއި، ރިއަލް އެސްޓޭޓް، ޑިވެލޮޕަރުންނާއި، ކުންފުނިތަކާއި، މުއައްސަސާތަކާއި، ރަޖިސްޓްރީކޮށްގެން ހިންގާ އެހެނިހެން އިދާރާތަކަށްވެސް ކުލީގެ އެގްރީމަންޓާއެކު މިހާރު ލޯނަށްއެދި ހުށަހެޅޭނޭކަމަށް ބީއެމްއެލުން ބުނެއެވެ.
Advertisement
ބީއެމްއެލުން ބުނީ ގެސްޓްހައުސް ފައިނޭންސިންއަށް ގެނައި ހެޔޮ ބަދަލާއެކު މިހާރު ފައިނޭންސިންއަށް ހުށަހަޅާ ގެސްޓްހައުސް ރަހުނުގެ ގޮތުގައި ހުށަހެޅޭނޭކަމަށެވެ. ގެސްޓްހައުސް ހިންގާތާ 2 އަހަރަށްވުރެ ގިނަދުވަސް ވެފައިވާނަމަ، 11 އިންސައްތާގައި ފައިނޭންސް ލިބޭނޭކަމަށާއި އަލަށް ފަށާ ގެސްޓްހައުސްތަކަށް 12 އިންސައްތައިގެ ރޭޓްގައި ފައިނޭންސް ލިބޭނޭކަމަށް ބީއެމްއެލުން ބުނެއެވެ.
ވަރކިން ކެޕިޓަލްއަށް ފައިނޭންސްއަށް ގެނައި ހެޔޮ ބަދަލަށް ބަލާއިރު، ވިޔަފާރިއަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 2.5 ގުނަ އިތުރަށް މިހާރު ފައިނޭންސް ނެގުމުގެ ފުރުސަތު ލިބިގެންދާއިރު، ގިނަ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ވަނީ ޝަރުތުތައް ލުއިކޮށްދީފައެވެ. 
ބީއެމްއެލުން މިގެނައި ބަދަލާ ގުޅޭގޮތުން ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ މި ބަދަލަކީ ދިވެހި ވިޔަފާރިތަކަށް އެ ބޭންކުން ދޭ އަހަމިއްޔަތުކަން ހާމަވާ މުހިއްމު ބަދަލެއް ކަމަށެވެ. ޝަރީފް ވިދާޅުވީ ބީއެމްއެލުން ދަނީ ވިޔަފާރިތައް ކުރިއަރުވައި ވާދަވެރި މާކެޓެއްގައި ވިޔަފާރިތަކަށް ދެމިތިބުމުގެ ފުރުސަތުތައް ފަހިކޮށްދެމުން ކަމަށެވެ.
ބީއެމްއެކުން ވިޔަފާރިތަކަށް ދޭ ލޯން ނުވަތަ ފައިނޭންސްސިންއަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާއިރު، އެ ބޭންކުން ވަނީ މިދިޔަ އަހަރު ސާފްދައިދާގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ރިޕޯޓްކޮށްފައެވެ. ބީއެމްއެލުން ބުނީ މިދިޔަ އަހަރު ކުންފުނީގެ އެސެޓް 3 ބިލިއަން ރުފިޔާއަށް އިތުރުވެގެންދިޔައިރު، އުފެއްދުންތެރި ލޯނުގެ އަދަދު އިތުރުވެ، ވިޔަފާރިތަކަށް 5.2 ބިލިއަން ރުފިޔާގެ ލޯނު ދޫކުރެވިފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ