ޕެނަލްޓީ ޖަހައިގެން، 7-5 އިން އއ. މަތިވެރި އަތުން މޮޅުވެ، އދ. މަހިބަދޫން ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މަހިބަދޫން އދ. އަތޮޅު ފައިނަލުގައި މި ފަހަރު ވަނީ މަންދޫ އަތުން ބަލިވެފަ އެވެ. އެކަމަކު، ޒޯން ބުރުގައި ކުޅުން ރަނގަޅުކޮށް، ޒޯން ބުރުގެ ފަހު މެޗުގައި، މަތިވެރިއާ ލަނޑެއް ނުޖެހި އެއްވަރުކޮށް، ފައިނަލަށް ދަތުރުކޮށް، ފައިނަލުގައި މި ޒޯނުގެ އެންމެ ފަހުގެ ޗެމްޕިއަން، މަތިވެރި ބަލިކުރީ މެޗުގެ ފުރިހަމަ ވަގުތުގައި 3-3 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެންނެވެ.
ފައިނަލް މެޗުގައި، މަތިވެރީގެ ލަނޑުތައް ޖެހީ މުހައްމަދު ސަފުރާޒް، އަބްދުﷲ ފިޒާން އަބްދުލް ގަފޫރު (ފިޒޭ) އަދި އަލީ އަލްސަން އެެވެ.
މި މެޗުގައި، މަހިބަދޫގެ ގޯލުތައް ޖެހީ އެ ޓީމަށް މޮޅު ކުޅުމެއް ދައްކައިދިން، އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)، އާދަމް ފަހުމާން އަދި އިބްރާހިމް އުސާމާ ހަސަން މަޖީދު އެވެ.
ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، މަހިބަދޫން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. އެއީ، ބިޗަޑް އާއި އުސާމާގެ އިތުރުން، ސުއައިދު ސައީދު އާއި ގާސިމް ސައްމާމު ފޮނުވާލި ޕެނަލްޓީ އެވެ. މަތިވެރި ޓީމަށް ދެ ޕެނަލްޓީ ނާކާމިޔާބުވިއިރު، އެ ޓީމުން ޕެނަލްޓީ ކާމިޔާބުކުރީ، ސަފުރާޒްގެ އިތުރުން، އަހުމަދު ފިރާޝް (ކަހޫ) އެވެ.
މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، މަހިބަދޫގެ ބިޗަޑް އެވެ. އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ، މަންދޫގެ އާދަމް އިމްރާން (އިންމި) އެވެ.
މަހިބަދޫން ގަދަ 16 ބުރުގައި ކުޅޭނީ ފ. ދަރަނބޫދޫއާ އެވެ. އަދި މަތިވެރިން ބައްދަލުކުރާނީ، ދ. ކުޑަހުވަދޫއާ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް: މަތިވެރި ބަލިކޮށް މަހިބަދޫ އަށް ފުރަތަމަ ޒޯން ތަށި ގޯލްޑަން ފުޓްސަލް ޗެލެންޖް: މަތިވެރި ބަލިކޮށް މަހިބަދޫ އަށް ފުރަތަމަ ޒޯން ތަށި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ