ސެމްސަންގް ގެލެކްސީ އެސް26 ގައި ސިލިކޮން-ކާބަން ބެޓެރީ ޓެކްނޮލޮޖީ ބޭނުންކުރަން ނިންމައިފި: ބެޓެރީ ކެޕޭސިޓީ %50 އިތުރުވާނެ

ސެމްސަންގުން އަންނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ ގެލެކްސީ އެސް26 ސްމާޓްފޯނު ސީރީޒްގައި ސިލިކޮން-ކާބަން (އެސްއައި-ސީ) ބެޓެރީ ޓެކްނޮލޮޖީ ބޭނުންކުރަން ނިންމައިފި އެވެ. ނަމަވެސް ގިނަ ފަރާތްތަކުން ދެކޭގޮތުގައި މި ޓެކްނޮލޮޖީ ވާންޖެހޭނީ މިހާރުގެ އެސް25 ގައިވެސް ހުންނަންޖެހޭ އެއްޗަކަށެވެ.
ދެކުނު ކޮރެއާގެ އެފްއެން ނިއުސްއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، މި އާ ޓެކްނޮލޮޖީގެ ސަބަބުން ގެލެކްސީ އެސް25 ގައި ހުރި 4000އެމްއޭއެޗްގެ ބެޓެރީގެ ކެޕޭސިޓީ، އެސް26 ގައި 6000އެމްއޭއެޗްއަށް އިތުރުވެގެންދާނެ އެވެ.
ސީރީޒްގެ އެންމެ މަތީ ފަންތީގެ މޮޑެލްކަމަށްވާ ގެލެކްސީ އެސް25 އަލްޓްރާގެ 5000އެމްއޭއެޗް ބެޓެރީ، އެސް26 އަލްޓްރާގައި 7000އެމްއޭއެޗްއަށް އިތުރުވާނެކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ވާދަވެރި ބްރޭންޑް ވަންޕްލަސްގެ 13 ވަނަ މޮޑެލްގައި މިހާރުވެސް 'ސިލިކޮން ނެނޯސްޓެކް' ބެޓެރީ ބޭނުންކުރަމުންދެ އެވެ. މި ފޯނުގައި 6000އެމްއޭއެޗްގެ ބެޓެރީއެއް ހުރިއިރު، ފޯނުގެ ބަރުދަނާއި ބޯމިން ވަންޕްލަސް 12 އަށްވުރެ ކުޑައެވެ. ވަންޕްލަސް 12 ގައި ހުރީ 5400އެމްއޭއެޗްގެ ބެޓެރީއެކެވެ.
ޝިއަވްމީއިންވެސް މި ޓެކްނޮލޮޖީ ކުރިއަށް އޮތް މިކްސް ފްލިޕް 2 ފޯލްޑަބަލް ފޯނުގައި ބޭނުންކުރަން ނިންމާފައިވާކަމަށް ޚަބަރުތައް ބުނެއެވެ. މިކަމުން ސެމްސަންގްގެ ގެލެކްސީ ޒެޑް ފްލިޕް 6 އަދި ފްލިޕް 7 ގެ ބެޓެރީ ކެޕޭސިޓީ ކުޑަކަމަށް ފާހަގަކުރެވޭނެ އެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުން، ސެމްސަންގުން މި ޓެކްނޮލޮޖީ ތައާރަފުކުރުން ލަސްވެފައިވަނީ ޗައިނާގެ ވާދަވެރިންނާ އަޅާބަލާއިރު އުފައްދަންޖެހޭ ޔުނިޓުތަކުގެ އަދަދު ގިނަވުމުގެ ސަބަބުންނެވެ. ނަމަވެސް، އަބަދުވެސް ޕޯޓަބަލް ޗާޖަރެއް ހިފައިގެން އުޅެންޖެހޭތީ، ބެޓެރީ ގިނައިން ބޭނުންކުރާ ފަރާތްތަކުން މިއީ އެކަށީގެންވާ އުޒުރެއް ނޫންކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ