އެޕަލްއިން މިހަފްތާގައި ތައާރަފުކުރަން ހަމަޖެހިފައިވާ އަގުހެޔޮ އައިފޯން އެސްއީގެ އާ މޮޑެލް މިއަންނަ ހަފްތާއަށް ލަސްކޮށްފި އެވެ.
ބްލޫމްބާގްގެ މާކް ގާމަންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، އެޕަލްއިން ރާވާފައި އޮތީ ބޮޑެތި ލޯންޗްތަކާ ޚިލާފަށް ޕްރެސް އިވެންޓެއް ނުބާއްވައި، ވެބްސައިޓް މެދުވެރިކޮށް މި ފޯނު ތައާރަފުކުރުމަށެވެ. އެހެންނަމަވެސް، ކުޑަ އިއުލާނެއްކުރުން މިހަފްތާ ކުރިއަށް ގެންދާނެކަމަށް އޭނާ ބުނެފައިވެ އެވެ.
މީގެ އިތުރުން އެޕަލްއިން ކުރިއަށް އޮތް ހަފްތާތަކުގައި އެޕަލް ވިޝަން ޕްރޯ އަދި އެމް4 ޗިޕް ހިމެނޭ އާ މެކްބުކް އެއާ ތައާރަފުކުރަން ރާވާފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
2016 ގައި ފުރަތަމަ ތައާރަފުކުރި އައިފޯން އެސްއީގެ އާ މޮޑެލްގައި ގިނަ ބަދަލުތަކެއް ގެނެސްފައިވެ އެވެ. ވީ59 ކޯޑްނޭމްގައި ތައްޔާރުކުރާ މި މޮޑެލްގައި، ކުއަލްކޮމްގެ ހާޑްވެއާގެ ބަދަލުގައި އެޕަލްގެ އަމިއްލަ ސެލިއުލާ މޮޑެމް ބޭނުންކުރާނެ އެވެ. މީގެ އިތުރުން ފުރަތަމަ ފަހަރަށް ފޭސް އައިޑީ ތައާރަފުކޮށް، ފިޒިކަލް ހޯމް ބަޓަން ނައްތާލާނެ އެވެ.
އެޕަލްގެ އާ އާޓިފިޝަލް އިންޓެލިޖެންސް ސޮފްޓްވެއާ، އެޕަލް އިންޓެލިޖެންސް ރަނގަޅަށް ބޭނުންކުރުމަށްޓަކައި، އައިފޯން 16 ގައި ބޭނުންކުރާ އޭ18 ޗިޕް މި މޮޑެލްގައިވެސް ހިމަނާނެކަމަށް ބެލެވެ އެވެ.
މި އަޕްޑޭޓް އަންނަނީ އެޕަލްގެ ހޮލިޑޭ ކުއާޓަރުގައި އައިފޯން ވިއްކުން %1 ދަށްވެ، ލަނޑުދަނޑިތައް ހާސިލުނުކުރެވުނު ދަނޑިވަޅެއްގަ އެވެ. އަގުހެޔޮކޮށް ހައިޓެކް ފީޗާތައް ހިމެނޭ ފޯނުތަކަށް ޑިމާންޑް ބޮޑު ޗައިނާ އަދި އިންޑިއާ ފަދަ މާކެޓްތަކުގައި، އާ އައިފޯން އެސްއީން އެޕަލްގެ ވާދަވެރިކަން އިތުރުކޮށްދޭނެކަމަށް ބެލެވެ އެވެ.
މިހާރު އެމެރިކާގައި އައިފޯން އެސްއީގެ އަގަކީ 429 ޑޮލަރެވެ. މިއީ އައިފޯން 16 ގެ އަގުކަމަށްވާ 799 ޑޮލަރަށްވުރެ ވަރަށް ބޮޑަށް ކުޑަ އަގެކެވެ.
އާ އައިފޯން އެސްއީ 4ގެ ފޮޓޯތައް ލީކްވެއްޖެ
އައިފޯނާބެހޭ މައުލޫމާތު ލީކްކުރާ މީހެއްކަމުގައިވާ މަޖިން ބޫ ހިއްސާކުރި ފޮޓޯތަކުން އައިފޯން އެސްއީ 4 ގެ ޑިޒައިން ސާފުކޮށް ފެނެ އެވެ. މި ފޮޓޯތަކުން ފެންނަ ގޮތުން، ފޯނުގެ ފަހަތުގައި ހުންނާނީ އެންމެ ކެމެރާއެކެވެ. އަދި ހަރު މެޓަލް ފްރޭމަކާއި ބެކްބޯން ކަންމައްޗެއް ހިމެނެ އެވެ. ސްކްރީނުގައި ނޮޗެއް ހުރުމުން، އައިފޯން އެސްއީގެ ސިލްސިލާގައި ފުރަތަމަ ފަހަރަށް ފޭސް އައިޑީ ހިމެނޭނެކަން ކަށަވަރުވެ އެވެ.
މީގެ އިތުރުން މިހާރުގެ މޮޑެލްގައި ހުންނަ މިއުޓް ސްވިޗްގެ ބަދަލުގައި، ކަސްޓަމައިޒް ކުރެވޭ އެކްޝަން ބަޓަނެއް ހުންނާނެކަންވެސް ފޮޓޯތަކުން ދައްކަ އެވެ. މިއީ ކުރިން ލީކްވެފައިވާ މައުލޫމާތަކާވެސް ދިމާވާ ކަމެކެވެ.
ލީކްވާ މައުލޫމާތުތަކަކީ އަބަދުވެސް ޔަގީންކަމާއެކު ބަލައިގަނެވޭ އެއްޗެއް ނޫންނަމަވެސް، މި ފޮޓޯތައް ކުރިން ލީކްވެފައިވާ މައުލޫމާތުތަކާ ދިމާވުމުން، މިއީ އައިފޯން އެސްއީ 4 ގެ ހަގީގީ ސިފަކަމަށް ބެލެވެ އެވެ.
ފޯނުގެ އެތެރޭގެ ސިފަތައް މި ފޮޓޯތަކުން ނުފެނުނު ނަމަވެސް، ކުރިން ލީކްވެފައިވާ މައުލޫމާތުގައިވާ ގޮތުން، މި ފޯނުގައި 8ޖީބީ ރޭމް، އޭ17 ޕްރޯ ނުވަތަ އެއަށްވުރެ ވަރުގަދަ ޗިޕްސެޓެއް އަދި 12 މެގަޕިކްސެލްގެ ކެމެރާއެއް ހިމެނޭނެއެވެ. މީގެ އިތުރުން 6.1 އިންޗީގެ 60ހާޓްޒް އޯލެޑް ސްކްރީނެއް ހިމެނޭނެއެވެ.
އެޕަލް ޓީވީ ޕްލަސް އެޕް އެންޑްރޮއިޑަށް ނެރެފާނެ
ބްލޫމްބާގްގެ މާކް ގާމަން ބުނާގޮތުގައި، އެޕަލްއިން ބުދަދުވަހު އެންޑްރޮއިޑަށް އެޕަލް ޓީވީ ޕްލަސް އެޕް ނެރުމަށް ހަމަޖެހިފައިވެ އެވެ. މި އެޕް މެދުވެރިކޮށް އެންޑްރޮއިޑް ފޯނު އަދި ޓެބްލެޓް ބޭނުންކުރާ ފަރާތްތަކަށް ވެބް ބްރައުޒާ މެދުވެރިނުކޮށް އެޕަލް ޓީވީ ޕްލަސްގެ ކޮންޓެންޓް ބެލޭނެ އެވެ.
އެޕަލްއިން އައިއޯއެސް ޑިވައިސްތަކަށް އެޕަލް ޓީވީ އެޕް ކުރިން ވަނީ ނެރެފައެވެ. އަދި އެންޑްރޮއިޑް ބޭސްޑް ސްމާޓް ޓީވީތަކާއި ސެޓް-ޓޮޕް ބޮކްސްތަކަށްވެސް އެޕަލް ޓީވީ އެޕް ލިބެން ހުރެ އެވެ. އާ އެޕަލް ޓީވީ އެންޑްރޮއިޑް އެޕް އެންޑްރޮއިޑް ސްމާޓްފޯނުތަކުގައި އިންސްޓޯލްކުރެވޭނެ އެވެ. މި އެޕް ނެރުމުގެ މަގްސަދަކީ އެޕަލް ޓީވީ ޕްލަސްގެ ސަބްސްކްރައިބަރުންގެ އަދަދު އިތުރުކުރުމެވެ.
އެޕަލްއިން އެންޑްރޮއިޑަށް ނެރެފައިވާ އެހެން އެޕްތަކުގެ ތެރޭގައި އެޕަލް މިއުޒިކް އަދި އެޕަލް މިއުޒިކް ކްލެސިކަލް ހިމެނެ އެވެ.
އެޕަލް ޓީވީ ޕްލަސްގެ މަހު ސަބްސްކްރިޕްޝަންގެ އަގަކީ 9.99 ޑޮލަރެވެ. ނަމަވެސް އެންޑްރޮއިޑް ބޭނުންކުރާ އާ ސަބްސްކްރައިބަރުންނަށް ހިލޭ ޓްރަޔަލް ލިބޭނެއެވެ.
އެޕަލްގެ އަގުހެޔޮ އައިފޯން އެސްއީގެ އާ މޮޑެލް ނެރުން އަންނަ ހަފްތާއަށް ލަސްކޮށްފި؛ މި ފޯނުގައި އޭ18 ޗިޕާއި ފޭސް އައިޑީ ހިމެނޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ