ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ނުހިންގަން ހުރިހާ އިދާރާއެއްގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދިއްޖެ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ނުހިންގަން ހުރިހާ އިދާރާއެއްގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދިއްޖެ

މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ކޯޓަށް ނުފޫޒު ނުފޯރުވުމަށް އެންމެހައި އިދާރާތަކުގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދި މައްސަލައެއް ހުށަހަޅައިފި އެވެ.
އެފަދަ އަމުރެއް ނެރެދިނުމަށް ސުޕްރީމް ކޯޓުގައި އެދުނީ، ވެރިކަން ކުރާ ޕީއެންސީ އިސްވެ އޮވެ، ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، އަލީ ހުސެއިން އެވެ.
ސުޕްރީމް ކޯޓުގައި އަލީ ހުސެއިން އެދިފައި ވަނީ، މުޅި ގައުމުގެ އާންމު މަސްލަހަތާ ގުޅިފައި އޮތް މައްސަލައެއް އެ ކޯޓުން ބަލަމުންދާ ދަނޑިވަޅެއްގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަ ބަލައި ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރެވެމުންދާ ނަމަ އޭގެ ސަބަބުން މުޖުތަމައުގެ އާންމު ހަމަޖެހުމަށް އަސަރުކޮށްފާނެ ކަމަށް ފެންނާތީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ ދަށުން ކޯޓު އަމުރެއް ނެރެދިނުމަށެވެ.
މައްސަލަ ހުށަހެޅި ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރުމުގެ މައްސަލަ އަންނަ ހޯމަ ދުވަހަށް ތާވަލު ކޮށްފައި ވަނިކޮށް، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަމުންދާ ކަމަށާއި ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށާއި ފަނޑިޔާރުން މަގާމުން ދުރުކުރުމުގެ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު އާންމުވުމެވެ.
އެގޮތަށް އަޑުތައް ފެތުރިފައިވާއިރު، ފަނޑިޔާރުންނަށް މުސްތަގިއްލު ކަމާއެކު މަސައްކަތް ކުރުމަށް ހުރަސްއެޅިގެންދާ ގޮތަށް އެއްވެސް ފަރާތަކުން އަމަލު ކުރާނަމަ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅިގެންދާނެ ކަމަށް އަލީ ހުސެއިން ބުނެފައިވެ އެވެ. އަދި އެފަދަ ހާލަތްތަކުގައި އަދުލު އިންސާފު ގާއިމުކޮށް ނިޒާމުގެ ނަހަމަ ބޭނުން ހިފިޔަ ނުދިނުމަށް ކުރަންޖެހޭ އަމުރުތައް ކުރުމަކީ ކޯޓުތަކުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓަށް ލިބިދީފައި އޮތް ބާރެއްކަން ވެސް އޭނާ ފާހަގަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ