ސިޔާސީ މައިދާނުގައި ސަމާސަ ބަސްމަގު ބޭނުންކުރުމުގެ ފަންނު

ސިޔާސީ ދާއިރާއަކީ އާންމުގޮތެއްގައި ބާރާއި،
ނުފޫޒާއި، ތަފާތު ހިޔާލުގެ އިތުރުން ސީރިއަސް ނިންމުންތަކާ ގުޅިފައިވާ ދާއިރާއެކެވެ.
އެދާއިރާގައި ކުރާ މަސައްކަތްތަކަކީ ދައުލަތެއްގައި ބަޔަކު ކުރާނޭ އެންމެ ސީރިއަސް
މަސައްކަތެވެ. އެހެންވެ، އެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުޅި މިޒާޖު
ބައްޓަންވެފައި ހުންނާތީ ފެންނަނީ އެ ސީރިއަސް ކަމުގެ މައްޗަށެވެ. އެހެންވިޔަސް،
ދުނިޔޭގެ ކާމިޔާބު ސިޔާސީ ލީޑަރުންނަށް ބަލާއިރު، އެމީހުންގެ މަސައްކަތުގައި
ގެންގުޅޭ ސީރިއަސްކަމުގެ ހިމާޔަތުގެ ކިއްލާއިން ބޭރަށް ނިކުމެލައި، މީހުންނާ
މުހާތަބުކުރާއިރު، އެ ދަނޑިވަޅަކާ ގުޅޭގޮތުން ސަމާސަ ނުވަތަ ސަކަ ބަސް މަގެއް
ހިޔާރުކުރުމަށް އިސްކަން ދީފައި ހުންނާތީ ފެނެ އެވެ. ރާއްޖޭގައި އެހައި އާންމު
ކަމަކަށް ނުވިޔަސް ދުނިޔޭގެ މަގުބޫލު ލީޑަރުންގެ މެދުގައި މިއީ މުހިންމު
ފަންނެކެވެ.
އަބްރަހަމް ލިންކަންގެ ހެއްވާ މަޖާ ވާހަކަތަކުން
ފެށިގެން، ވިންސްޓަން ޗާޗިލްގެ ތޫނުފިލި ރައްދުތަކާއި، ރޮނަލްޑް ރޭގަންގެ ވާހަކަ
ކިޔައިދިނުމުގެ ހުނަރަކީ ފާހަގަކޮށްލެވޭ ކަންކަމެވެ. އެމެރިކާގެ ރައީސް ބަރަކް
އޮބާމާ ފަދަ ޒަމާނީ ސިޔާސީ ޝަހުސިއްޔަތުތަކުން ވެސް ވަނީ، ސިޔާސީ
މުއާމަލާތްތަކުގައި ހިނިތުންވުމާއި މަޖާ ބަސްމަގަކީ ކިހާ ނުފޫޒުގަދަ
ވަސީލަތެއްކަން ސާބިތުކޮށްދީފަ އެވެ.
Villa College
Enterprise Development Industrial Pvt Ltd
MU STORE
MU STORE
Yes Maldives Pvt Ltd
ސިޔާސީ މައިދާނުގައި ސަކަ ބަސްމަގު ބޭނުންކުރުމުގެ
މަގުސަދަކީ ހަމައެކަނި ބަޔަކު ހެއްވާލުމެއް ނޫނެވެ. އޭގެ ސަބަބުން ސިޔާސީ އިދިކޮޅު
ހަމަލާތަކަށް ހުރަސްއެޅި، މަސްރަހުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށްލެވިދާނެ
އެވެ. ދައްކާ ވާހަކަ ފަސޭހައިން މީހުންގެ ހަނދާނުގައި ހަރުލެއްވުމަށް ވެސް މިއީ
މުހިންމު އުކުޅެކެވެ. ހާއްސަކޮށް، ސޯޝަލް މީޑިއާގެ މި ޒަމާނުގައި ދިގު
ތަގުރީރުތަކަށްވުރެ މީހުން ބޮޑަށް ސަމާލުކަން ދޭނީ ސޯޝަލް މީޑިއާގައި ދައުރުވާ
ކުރު ވީޑިއޯތަކަށެވެ. ސިޔާސީ މީހެއްގެ ތޫނުފިލި، މަޖާ އެންމެ ޖުމްލައަކުން މުޅި
ގައުމުގެ ސަމާލުކަން ހޯދިދާނެ އެވެ.
އަދި އެއީ މާ ބޮޑު ފިތުނައަކަށް ނުވާނޭ ގޮތަށް، ތިމާއާ ވާދަވެރި ސިޔާސީ މީހުންނަށް
ފާޑުކިޔަން ވެސް އޮތް މޮޅު އުކުޅެކެވެ.
އެމެރިކާގެ ވައިޓްހައުސް ކޮރަސްޕޮންޑަންޓްސް
ޑިނަރގައި އޮބާމާ ވިދާޅުވި އެވެ. 'ޑޮނަލްޑް ޓްރަމްޕްއަކީ ރައީސް ކަމަށް
އެކަށީގެންވާ ތަޖުރިބާ ހުރި ބޭފުޅެއް ނޫންކަމަށް ރިޕަބްލިކަންގެ ބޭފުޅުން
ވިދާޅުވާތީ ވަރަށް ދެރަވެއްޖެ އެވެ. އޭނާ އެކަމުގެ ތަޖުރިބާ ހޯއްދަވާތާ ކިތަންމެ
ދުވަހެކެވެ. އޭނާ މިސް ސްވިޑަން، މިސް އާޖެންޓީނާ ފަދަ ދުނިޔޭގެ ލީޑަރުންނާ
ބައްދަލުކުރައްވައި އުޅުއްވާތާ ކިތަންމެ ޒަމާނެކެވެ." އޮބާމާ އެ ޖޯކު
ޖެއްސެވީ ޓްރަމްޕްގެ ހިންގަވާ ޓީވީ ޝޯއަށާއި، ޓްރަމްޕާއި މަޝްހޫރު މޮޑެލުންނާ
ދެމެދު އޮންނަކަމަށް މީހުން ތުހުމަތުކުރާ ގުޅުމަށެވެ. މި ވާހަކަ ވިދާޅުވި ގޮތުން
ޓްރަމްޕް ވެސް ދަތްކޮޅު ރޮނޑަށް ދެއްވައިގެން ހިނިފުޅުވަޑުވަން އިންނެވި އެވެ.
ދާދި ފަހުން، ރާއްޖޭގެ ކުރީގެ ތިން ރައީސުން
އެއްކޮށް ބޭއްވި ވަރުގަދަ ނޫސްވެރިންގެ ބައްދަލުވުން ހަނދާން އެބަހުރިހެއްޔެވެ؟ އެ
ބައްދަލުވުމުގެ ކުރިން ގައުމުގެ ސިޔާސީ މަސްރަހުގައި ހިނގި އެންމެ ބޮޑު ކަމަކީ،
ރައީސް ނަޝީދު އެމްޑީޕީގެ ޗެއަރޕާސަންކަމަށް ވާދަކުރައްވައި ކެމްޕޭނު ފެއްޓެވުމެވެ.
ރައީސް ނަޝީދު އެމްޑީޕީއަށް އެނބުރި ވަޑައިގެންފިކަމާއި، ޗެއަރޕާސަންކަމަށް އެބަ
ވާދަކުރައްވާކަން ނޭނގޭނެ ކުޑަކުއްޖަކު ވެސް ގައުމުގައި ނެތެވެ. އެހެންނަމަވެސް އެ
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް ނަޝީދު އެ
ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ދަ ޑިމޮކްރެޓްސްގެ ލީޑަރުގެ
ހައިސިއްޔަތުން ކަމަށެވެ. ރައީސް ނަޝީދު ނިކަން އަވަހަށް ނޫނެކޭ އަޅުގަނޑު
އެމްޑީޕީއޭ ވިދާޅުވުމުން ދެން ވިދާޅުވީ، ބަދަލުވާލެއް ގިނަކަމުން
އެނގިވަޑައިނުގަތީ ކަމަށެވެ. މިއީ ހަގީގަތުގައި ވާދަވެރިޔާ ގައިގައި އަތްދަމާފައި
ލެޑި އެތިފަހަރެކެވެ. އެހެންނަމަވެސް އެ ވާހަކަ ވިދާޅުވި ރާގާއި، އެވަގުތުގެ
މުނާސަބުކަމުން އެ ވާހަކަވީ ރައީސް ޔާމީނުގެ ސަކަ މިޒާޖު ފެނުނު، އަދި އެންމެން
ހެއްވާލި ވާހަކައަކަށެވެ.
ސަމާސަ ބަސްމަގާއި، ސަކަ މިޒާޖުގައި ވެސް
ހަރުދަނާކަމާއި ފަންނުވެރިކަން ހުރުމަކީ މުހިންމު ކަމެކެވެ. ވާދަވެރިންނަށް ޖޯކުޖަހާ
ގޮތަށް އަމިއްލަ ނަފުސަށް ޖޯކު ރައްދުކުރުމަކީ ވެސް މޮޅު އުކުޅެކެވެ. އޭގެ ސަބަބުން،
ވާދަވެރިންގެ ފާޑުކިޔުންތަކުގެ ކުރިމަރާލެވޭ ގޮތް ވެ އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސް
ބައްދަލުވުމުގައި އެމަނިކުފާނުގެ ބަސްފުޅުތަކެއް ހަނދާނަށް އާދެ އެވެ. އޭރު
ސަރުކާރުން އޮތީ މުޅި ރާއްޖޭގައި ފުލެޓު އެޅުމުގެ އެތައް މަޝްރޫއުއެއް
އިއުލާނުކޮށްފަ އެވެ. އިދިކޮޅު ޑީއާރުޕީން ދިޔައީ އެއީ ނުވާނޭ ކަމެއް ކަމަށް
ބުނެ ހަޖޫ ޖަހަމުންނެވެ. އެންމެ ފަހުން ރައީސް ނަޝީދަށް 'ފުލެޓު ދޮންބެއޭ' ވެސް ކިޔަން
ފަށައިފި އެވެ. އެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި އެމަނިކުފާނު ކުރެއްވި ކަމަކީ
ސަރުކާރުން އަޅާންއުޅޭ ފުލެޓުތަކުގެ ލިސްޓު އެކީއެކަށް އެއް ޖުމުލައަކަށް
އަމުނާލައްވައި، މޭގައި އަތްޖައްސަވައި 'މިއީ ފުލެޓު ދޮންބެ' ކަމަށް
އިއުލާނުކުރެއްވުމެވެ. އިދިކޮޅުން ފުރައްސާރައެއް ކަމަށް ހިތައި ހެދި ނަމެއް
އަމިއްލަ ކުރައްވައި އެއީ ޝަރަފަކަށް ހެއްދެވީ އެވެ. އޭގެ ފަހަކުން އިދިކޮޅުން އެ
މަނިކުފާނަށް އެ ލަގަބު ލިސްބަތްކުރި އަޑެއް ނާހަމެވެ.
އެ ޖަލްސާ ބޭއްވުނުއިރު، ގައުމުގެ އެންމެ ހޫނު
މައުލޫއަކަށް އޮތީ ކުރީގެ ރައީސުންނަށް އިނާޔަތްދިނުމުގެ ބިލެވެ. އެ ބިލު
އޮތްގޮތާމެދު ސަރުކާރުން ހިތްހަމައެއް ނުޖެހެ އެވެ. އެހެންނަމަވެސް، މަޖިލީހުގެ އަގުލަބިއްޔަތު
އޮތީ ޑީއާރުޕީ އަށެވެ. އެ މެންބަރުން ތިއްބެވީ، އެ ބޭފުޅުންގެ ލީޑަރު، ރައީސް
މައުމޫނަށް އިނާޔަތާއި އިއްޒަތާއި ޝަރަފު އެރުވުމަށް އެ ބިލު ފާސްކުރުމަށް
ނިންމައިގެންނެވެ. އެކަމަށް އިޝާރާތްކުރައްވައި ރައީސް ނަޝީދު އެ ޖަލްސާގައި
ވިދާޅުވި އެވެ. 'ރައްޔިތުންގެ ލޯތްބަކީ، އަދި އެއްވެސް މީހެއްގެ ލޯތްބަކީ ގަދަ
ބާރުން ހޯދޭނޭ އެއްޗެއް ނޫން. އެއީ އެއްވެސް ބޭފުޅަކަށް ކުރެވޭނެ ކަމެއް ނޫން.
ހިތާއި ހިތުގެ ގުޅުމެއް ލޯތްބަކީ. އަޅުގަނޑަށް ގާނޫނެއް ފާސްކޮށްގެން، ގަވާއިދެއް
އުފައްދައިގެން ރައްޔިތުންގެ ލޯތްބެއް ނުހޯދޭނެ. ރައްޔިތުންގެ ލޯބި ލިބޭނޭ ކަންކަމަކީ،
ތެދުވެރިވުން، ބަހުގައި ހިފެހެއްޓުން، އަމާނާތްތެރިވުން، ދޮގު ނުހެދުން،
އަނިޔާވެރިނުވުން." މި ލިސްޓުގައި ހުރި ނުސިޔާނު ހުރިހައި ކަމަކީ އޭރު ރައީސް
މައުމޫނުގެ ތައާރަފު ކަމަށް އެމްޑީޕީން ވަކާލާތު ކުރި ކަންކަމެވެ. ރައީސް ނަޝީދު
ކުރެއްވި ކަމަކީ، ރައީސް މައުމޫނޭ ވެސް ވިދާޅުނުވެ، ފަލްސަފީ ވާހަކަތަކެއްގެ
ތެރެއިން ރައީސް މައުމޫނަށް ސިޔާސީ ގޮތުން ފާޑުވިދާޅުވުމެވެ.
އޭރު ރައީސް ނަޝީދުގެ ސަރުކާރުން އޮތީ އިންޑިއާގެ ޖީ.އެމް.އާރު އަށް އެއާޕޯޓު ކުއްޔަށްދީފަ އެވެ. އެ ނިންމަށް ހަމައެޅުއްވުމަށް ރައީސް ނަޝީދު އެ ޖަލްސާގައި އެ އެއާޕޯޓުގެ ހާލަތު ސިފަކޮށްދެއްވަމުން ވިދާޅުވީ އެއީ 'ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ ބާލިދީ އެއާޕޯޓު' ކަމަށެވެ. 
އެ ސަރުކާރަށް އެއް އަހަރު ފުރުމާ ދިމާކޮށް ޑީއާރުޕީން ބޭއްވި ޖަލްސާގައި، ސަރުކާރުގެ ސިޔާސަތުތައް ދަރަޖަ ކުރީ ބާލިދީ އަޅުވައިގެންނެވެ. ކޮންމެ ސިޔާސަތެއް އިއުލާނު ކުރުމުން، އެ ސިޔާސަތަކާ ގުޅޭ އިދިކޮޅު ބޭފުޅަކު ތެދުވެވަޑައިގެން، ދެރަވަރު، ފުދޭ، ނުވަތަ ރަނގަޅުގެ ތެރެއިން އެ ބޭފުޅުމަކަށް ފެނިވަޑައިގަންނަވާ ދަރަޖައެއްގައި ބާލިދީ އަޅުއްވަނީ އެވެ.
އެމެރިކާގެ ރައީސް ރޮނަލްޑް ރޭގަންއަށް އަބަދުވެސް
ކުރިމަތިވަމުން ދިޔަ އެންމެ ބޮޑު ފާޑުކިޔުމަކީ އޭނާގެ އުމުރާ ގުޅުވައި ކިޔޭ
ފާޑުކިޔުމެވެ. އޭނާއަކީ ރައީސްކަމަށް ވާދަކުރާ ވަރަށްވުރެ މާ އުމުރުން ދޮށީ
މީހެއްކަމަށް ވާދަވެރި ފަރާތްތަކުން ކިޔާ ފާޑު ކިޔުންތަކާ ގުޅިގެން ނޫސްވެރިޔަކު
ސުވާލުކުރުމުން ވިދާޅުވި އެވެ. މި އިންތިހާބުގެ ކެމްޕޭނުގައި އެއްވެސް
ކެންޑިޑޭޓެއްގެ އުމުރަކީ މައްސަލައަކަށް ހަދައި ފާޑުކިޔާކަށް ތިމަންނާ ގަސްތެއް
ނުކުރަމެވެ. ތިމަންނާގެ ވާދަވެރިޔާގެ އުމުރުގެ ޅަކަމާއި ތަޖުރިބާގެ މަދުކަމަކީ
އަމުދުން މައްސަލައަކަށް ނުހަދާނަމެވެ. ރޭގަން އެ ރައްދު ދެއްވީ އޭނާގެ
ވާދަވެރިޔާއަށެވެ. ކުރު ޖުމުލައަކުން އެ ވިދާޅުވީ އޭނާގެ ދޮށީ އުމުރުގެ މާނައަކީ
ތަޖުރިބާ ކަމަށެވެ. އަދި އޭނާގެ ވާދަވެރިޔާގެ ތަޖުރިބާގެ މަދުކަމަށް ފާޑުވެސް
ވިދާޅުވީ އެވެ.
ދެހާސް ނުވަވަނަ އަހަރު އެމްޑީޕީގެ ޓިކެޓުގައި
ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުން ތައާރަފު ކުރުމަށް ބޭއްވި
ބައްދަލުވުމުގައި، ރައީސް މައުމޫނުގެ ސަރުކާރުގެ ހިޔާނާތާއި ރިޝްވަތުގެ ވާހަކަ
ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ. 'އަޅުގަނޑު ހިތަށްއަރާ ރައީސުލްޖުމްހޫރިއްޔާ
މިފަދަ ވާހަކައެއް ދައްކަވަފާނެބާއޭ. އެހެންނަމަވެސް އަޅުގަނޑަށް ނޫންތޯ އެނގޭނީ،،
އަޅުގަނޑު އަތުގައޭ އެ މައުލޫމާތު ހުރީ އަޅުގަނޑަށް ނޫންތޯ އެނގޭނީ...... ކޮންފަދަ
ބައެއްތޯ؟ މިއަދު ނިކުމެ، ތިމަންނާމެންނަކީ ރައްޔިތުންނަށް ހިދުމަތްކުރާން ތިބި
މީހުންނޭ ބުނީމާ....އަޅުގަނޑު ސިހި ހަލާކުވޭ. ލަދެއް ހަޔާތެއް ހުރިނަމަ.. ދުރޫސުލްއަހުލާގުގެ
ކަންފުޅެއް ހުރިނަމަވެސް މިއަދު ނުކުމެވަޑައިގެން ނުއުޅުއްވާނެޔޭ.."
ވިދިގެން އައިރޭ ޑީއާރުޕީން ބޭއްވި ޖަލްސާގައި އެ
ވާހަކައަށް ރައްދު ދެއްވީ ރައީސް ޔާމީނެވެ. ރައީސް ނަޝީދުގެ ސަރުކާރަށް
އިންތިހާއަށް ފާޑުވިދާޅުވުމަށްފަހު ވާހަކަ ނިންމަވަމުން ވިދާޅުވި އެވެ. "މާތް
މަނިކުފާނޭ މަނިކުފާނަކީ ދުރޫސުލް އަހުލާގުގެ މާތް ސާހިބާއޭ.. އަޅުގަނޑު މިއެޅީ
މުގައްދިމާއޭ.. ފޮޅުވަތްތައް މަނިކުފާނު ފުރުއްވާށޭ.."
ސިޔާސީ މި ސަކަ މިޒާޖު މިހާރު ފެންނަނީ މަދުންނެވެ.
އެހެންނަމަވެސް ދެހާސް ހަތަރެއްގެ ބަދަލުގެ އޮއިވަރުން ފެށިގެން 2013 އާ ހަމައަށް
ސިޔާސީ ބައެއް ލީޑަރުންގެ ކިބައިން މި ހުނަރުވެރި ސަކަ މިޒާޖު ފެނުނެވެ.
އޭރުގެ ސިޔާސީ އެއްވުންތަކާއި ޖަލްސާތަކަށް ދާ މީހުންގެ އަދަދު މިހާރަށްވުރެ
އެތައް ތަނަކުން ގިނަވުމުގެ އެއް ސަބަބަކީ އެއީ ކަމަށް ވެދާނެ އެވެ. ދެހާސް
ބާރައިގަ އޭރުގެ އޮތް ސަރުކާރު ބަދަލުވުމަށްފަހު، ދެން ފެނުނީ ސިޔާސީ މީހުން
ވަރަށް ބޮޑަށް ސީރިއަސްވި ތަނެވެ. މިފަހަކަށް އައިސް ސިޔާސީ ވާދަވެރިކަމަށްވުރެ
ބޮޑަށް ފެންނަނީ ވެސް ސިޔާސީ އަދާވާތްތެރިކަމެވެ. ވާދަވެރި ޕާޓީތަކާއި، ހަމަ އެއް
ޕާޓީއެއްގެ ތެރެއިން ވެސް ފެންނަނީ އެކަމެވެ.
ސިޔާސީންގެ ސަކަ މިޒާޖަކީ ފަހަރެއްގައި ވެސް އެ
ބޭފުޅުންގެ ޝަހުސިއްޔަތުގެ ބަލިކަށިކަން ދައްކުވައި ދޭނޭ ކަމެއް ނޫނެވެ. އޭގެ
ބަދަލުގައި، އެ މިޒާޖުން ފެންނާނީ ރައްޔިތުންނާ އޮންނަ ގާތްކަމާއި، އެމީހާގެ
ޝަހުސިއްޔަތުގެ ހަރުދަނާކަމެވެ. ކޮންމެ ކަހަލަ ހާލަތެއްގައި ވެސް ނަފުސު
ކޮންޓްރޯލްކުރަން ދަންނަކަމާއި، ވާދަވެރިންގެ ފާޑުކިޔުންތަކުން ކުރާ އަސަރު ކުޑަކަން
ދައްކުވައި ދިނުމަކީ މީހުން ގެންގުޅުމުގެ ހުނަރު ހުރިކަމާއި، މީހުންނާ ގުޅޭ މީހެއްކަން ދައްކުވައިދޭނޭ
ކަމެކެވެ.
ދުނިޔޭގެ ތާރީހަށް ބަލާއިރު، ގިނަ ދުވަހު
މަގާމުތަކުގައި ދެމިތިބި ވަރުގަދަ ލީޑަރުންނަކީ ހަމައެކަނި ހަގީގަތްތަކާއި ސިޔާސަތުތަކާއި
ތަފާސްހިސާބުތައް ކިޔައިދިން މީހުންނެއް ނޫނެވެ. އެއީ އިންސާނީ ތަބީއަތް ރަނގަޅަށް
ދަންނަ މީހުންނެވެ. ތަފާސްހިސާބުތަކާއި ސިޔާސަތުތައް ބަޔާންކުރާ ލިޔުންތައް
މީހުންގެ ހަނދާނުން ފޮހެވިދާނެކަން އެފަދަ ލީޑަރުންނަށް އެނގެ އެވެ. ނަމަވެސް،
ފިކުރު ހިންގަން މަޖުބޫރުކުރުވައި، ހިނިތުންވުމެއް ގެނުވައިދިން ވާހަކައެއް މީހުންގެ
ހަނދާނުން ފަސޭހައިން ފުހެވިގެންނެއް ނުދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ