ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްގީކުރުމަށް ދިވެހި ފަސް ކުންފުންޏަކަށް

ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ކޮންމެ ކުންފުންޏަކުން 200 ހައުސިންގ ޔުނިޓު ތަރައްގީކުރާނެއެވެ. މީގެ ތެރޭގައި ހިމެނެނީ ކޮންމެ ކުންފުންޏަކުން އިމާރާތްކުރާ 60 ދެ ކޮޓަރީގެ އެޕާޓްމަންޓާއި 140 ތިން ކޮޓަރީގެ އެޕާޓްމަންޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގައި 700 އަކަފޫޓު ހުންނައިރު، ތިން ކޮޓަރީގެ އެޕާޓްމަންޓްތައް 950 އަކަފޫޓަށްވުރެ ބޮޑުވާނެއެވެ. މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ ދެ އަހަރާއި ބައިގެ މުއްދަތެއްގެ ތެރޭގައެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓްތައް ވިއްކަން ޖެހޭނީ ސަރުކާރުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅައި ޝަރުތު ހަމަވާ ފަރާތްތަކަށެވެ. ދެ ކޮޓަރީގެ ފްލެޓްތައް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާއެވެ. އަދި ތިން ކޮޓަރީގެ ފްލެޓްތައް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާއެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މެދުފަންތީގެ އާއިލާތަކަށް އަމާޒުކޮށްގެން ހިންގާ ފުރަތަމަ މަޝްރޫއެވެ.
ސަރުކާރުން އަންނަނީ މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައިވެސް ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުން ހުޅުމާލެ ފޭސް 1 އަދި ވިލިމާލޭގައިވެސް ދިވެހި ކުންފުނިތަކާ ބިންތަކެއް ހަވާލުކޮށްފައިވާއިރު، ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ ދަށުން ޖުމުލަ 3،260 ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ