ތެދެކެވެ. ރައީސް ޔާމީނު ވެރިކަމުގައި އަހަރަކު ނިސްބަތުން ދައުލަތަށް ލިބުނީ 513 މިލިޔަން ޑޮލަރެވެ. ރައީސް ސޯލިހު ވެރިކަމުގައި އަހަރަކު ލިބުނު ޑޮލަރުގެ ނިސްބަތް ކުޑަ ތަންކޮޅެއް މައްޗެވެ. ރައީސް ސޯލިހު ވެރިކަމުގައި އަހަރަކަށް ޖެހުނީ 680 މިލިޔަން ޑޮލަރެވެ.
ލިބުނު އާމްދަނީ އާއި ނުބައްދަލު ތަރައްގީ އެހެން ހަރުފަތަކަށް ގެންދިޔަ ބޮޑެތި މަސައްކަތްތައް ރައީސް ޔާމީނުގެ ދައުރުގައި ކުރިއެވެ. ކޮވިޑްގެ އާލަމީ ވަބާގައި 2 އަހަރެއްހާ ދުވަސް ފާއިތުވި ރައީސް ސޯލިހުގެ ވެރިކަމުގައިވެސް ރައްޔިތުން ހާލުގައި ނުޖެހި މުޅި ރާއްޖޭގައި ކުޑަރަށެއް ބޮޑު ރަށެއް ނުބަލާ ރަނގަޅު ފެންވަރުގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ ކާމިޔާބު މަސައްކަތްތަކެއް ކުރިއެވެ.
ކުރީގެ ދެ ސަރުކާރުގައި ވެސް ކުރީގެ ސަރުކާރުތަކުން ވާރުތަވި ދަރަނި ހުއްޓެވެ. އެއިރަކު ދައްކަން އޮތް ލޯނެއް އެ ސަރުކާރުތަކުން ވެސް ވަނީ ދައްކާފައެވެ. ދަރަނި އަދާކުރުމަކީ ރައީސް މުއިއްޒު ސަރުކާރަށް އެކަނި އުފުލަން ޖެހުނު ބުރައެއް ނޫނެވެ.
ގަބޫލު ކުރަމެވެ. ބިލިޔަނަކަށް ވުރެ ގިނަ ޑޮލަރ ދަރަނި އަދާކުރަން މުއިއްޒު ސަރުކާރުން މިހާތަނަށް ދައްކައިފިއެވެ. އެއްޔަކީ ކުޑަކަމެއް ނޫނެވެ. އެކަމަކު ގަބޫލު ކުރަންޖެހޭ އެހެން ހަގީގަތެއްވެސް އެބައޮތެވެ. ރާއްޖެއަށް ޑޮލަރުން ލިބޭ އާމްދަނީ ކުރީ ދެ ސަރުކާރަށްވުރެ މިހާރު މާމައްޗެވެ.
ރައީސް މުއިއްޒު ސަރުކާރަށް މިވީ ދެއަހަރުގެ ތެރޭގައި 2550 މިލިޔަނަށްވުރެ ގިނަ ޑޮލަރު އާމްދަނީގެ ގޮތުގައިވަނީ ލިބިފައެވެ. ނިސްބަތުން އެއީ އަހަރަކު 1200 މިލިޔަނަށްވުރެ ބޮޑު އަދަދެކެވެ. އެހެން ކަމުން އަހަރަކު ކުރީން ލިބުނު ވަރުގެ ދެ ގުނައަށް ޑޮލަރުން އާމްދަނީ ލިބޭއިރު ކުރިން ކަޅުބާޒާރުގައި 16 ރުފިޔާއަށް ލިބުނު ޑޮލަރ 21 ރުފިޔާއަށް ވެސް ގަންނަން ނުލިބިގެން އުޅޭ ސަބަބެއް އޮންނަންވާނެއެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގައި ޑޮލަރުން ލިބުނު އާމްދަނީން އެއް ބިލިޔަން ދަރަންޏަށް ދެއްކިޔަސް ކާޑާއި ތެލާއި އާސަންދައަށް ހޭދަކޮށްފައި ވެސް ޑޮލަރުގެ ދަތިކަމެއް ނުހުންނަ ވަރަށް ސަރުކާރަށް ޑޮލަރު ލިބެއެވެ. ލިބޭހާ ޑޮލަރަށް ވަނީ ކިހިނެތްތޯ ރައްޔިތުން ސުވާލު ކުރަނީ އެހެން ވެގެންނެވެ.
މާލީ އިދާރާއާއި އިތުބާރު ހުރި މަސްދަރުތަކުން ލިބިފައިވާ މައުލޫމާތަށް ބަލާލުމުން ދައުލަތަށް ލިބޭހާ ޑޮލަރަށް ވާގޮތް އެނގެއެވެ. ކޮންމެހެން ނުކޮށް ފަރުޖެހެން އޮތް ބޮޑެތި ހަރަދުތަކެއް ކުރީމާ ޑޮލަރަށް ޖެހޭނެއެވެ. އުނދަގޫ ވަގުތުގައި ކޮންމެހެން ކުރަންނުޖެހޭ ހަރަދުތަކެއް ކުރުމުގެ ބުރަ އުފުލަން ނުޖެހިއެއް ނުދާނެއެވެ.
ރަސްމާލެ ހިއްކުމުގެ ނަމުގައި 700 މިލިޔަން ޑޮލަރު ހަރަދުކޮށްފިއެވެ. ދެ ބުރުމަތީން ޑްރޯން ގަންނަން 127 މިލިޔަން ޑޮލަރ ހޭދަކޮށްފިއެވެ. އަސްކަރީ ހަތިޔާރު ގަންނަން 182 މިލިޔަން ޑޮލަރ ހަރަދުކޮށްފިއެވެ. ގެއްލުނު ކަނޑު ހޯދާ ނަމުގައި 10 މިލިޔަން ޑޮލަރ ހޭދަކޮށްފިއެވެ. ބޭރަށް ކުރާ ދަތުރުތަކަށް މިހާތަނަށް 30 މިލިޔަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ކޮށްފިއެވެ. އަނެއްކޮޅުން ބޭރުގައި ގާއިމުކޮށްފައިވާ މިޝަންތަކަށް ދެ އަހަރު ތެރޭގައި 50 މިލިޔަން ޑޮލަރ ހަރަދުކޮށްފިއެވެ. މިވީ ދުވަސްކޮޅުގެ ތެރޭގައި ބިލިޔަނަކަށްވުރެ މައްޗަށް ކޮށްފައިވާ މިކަހަލަ އިސްރާފުތަކުގެ ނަތީޖާއަކީ ޑޮލަރު ތާށިވެގެން ދިޔުމެވެ.
މިލިޔަން ޑޮލަރުން ކުރެވޭ މިފާޑުގެ ޑީލްތަކުން ވެރިކަމުގެ ތެރޭގައި ދަނޑިމަތި އަނބުރާ މީހުނަށް ކަޓްގެ ގޮތުގައި އޭގެ ނާޖާއިޒު މަންފާ ލިބެމުން ދާކަމީވެސް އެންމެނަށް އެނގޭ ބޮޑު ސިއްރެކެވެ. އެހެން ކަމުން ޑޮލަރު ތާށިވެގެން އުޅެނީ ކުރީ ސަރުކާރުން ފައިސާ ޗާޕްކޮށްގެނެއް ނޫނެވެ. ދަރަނި ދެއްކުމަކުން ވެސް ނޫނެވެ. ބޮޑާ ކަމާއި މަވެތިކަން ބޮޑުކަމުން ގަދަކަން ދައްކަން އެތައް މިލިޔަން ޑޮލަރެއް ތަޅާލުމުންނެވެ.
ލިބޭ ޑޮލަރަށް ވާގޮތް: ބޮޑުކަން ދައްކަން ބިލިޔަން ޑޮލަރ ހޭދަކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ