ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން"ގެ ބައިވެރިންނަށް ލިބޭ މަޤުބޫލުކަމާއެކު ނަމޫނާ ބަޔަކަށްވުމަށް، ތަރިކަ އާއި ސަޤާފަތާއި ބެހޭ ވަޒީރު ހީނާ ވަލީދު އިލްތިމާސްކުރައްވައިފިއެވެ.
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންގެ ސީޒަން 7ގެ ވަނަތައް ހޮވައި، އިނާމް ހަވާލުކުރުމަށްބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ވަޒީރު ހީނާ ވަނީ ފުރިހަމަ އަޚްލާގާއި، ފަރުވާތެރިކަމާއެކު މަސައްކަތްކުރުމަށް ނަސޭހަތްތެރިވެވަފައެވެ.
ހުށަހެޅުންތެރިކަމުގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން، އެ ދާއިރާގައި އެކަށީގެންވާ ތަމްރީންލިބުމުގެ މުހިންމުކަން އިހުސާސްކުރެވޭކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ހުށަހަޅައިދިނުމުގެ ދާއިރާއިން ކުރިންވެސް އަދި މިހާރުވެސް ލިބެންހުންނަ ތަމްރީނުތައް މަދުކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިފަދަ މިބާރާތެއްގައި ބައިވެރިވުމުން ތަފާތު ތަޖުރިބާތަކާއި ތަމްރީނުތައް ލިބޭއިރު، ލިބުނު ތަމްރީންގެ ބޭނުން ބައިވެރިން ފުރިހަމައަށް ހިފުމަށް ވަޒީރުވަނީ އިލްތިމާސްކުރައްވާފައެވެ.
ލިބުނު ތަމްރީންތަކުގެ ފައިދާ އެންމެ ރަނގަޅަށް ލިބޭކަން ޔަޤީންކޮށ، ބައިވެރިންނަށް ކުރިމަގުގައި ލިބޭ ފުރުޞަތުތަކުގެ ޞޭނުން ހެޔޮގޮތުގައި ހިފައި ވަރުގަދަ އަޒުމާއެކު ކުރިއަށްދިއުމަށް ހިތްވަރުދެއްވާފައެވެ.
"އަޅުގަނޑުމެން މި ދާއިރާއަށް ނުކުތް އިރު މިކަހަލަ ތަމްރީންތަކެއް ނުލިބޭ. އޭރު ލިބުނީ ވަރަށް ކުޑަ ލެވެލްއެއްގެ ތަމްރީނެއް. ތިބޭފުޅުންނަށް ތަމްރީންލިބުނީ އެންމެ ހުނަރުވެރި ބޭފުޅުންގެ ފަރާތުން" ވަޒީރު ހީނާ ވިދާޅުވިއެވެ.
"ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން ސީޒަން 7" ކާމިޔާބުކުރި ހއ.އިހަވަންދޫ، ބުލްބުލާގެ މަރްޔަމް ޝަހާމާއަށް އިނާމް ހަވާލުކޮށްދެއްވީ ވަޒީރު ހީނާއެވެ. ޝަހާމާއަށް، 50،000 ރުފިޔާގެ ފައިސާގެ އިނާމާއި، ފަރީ ޙައްޖު އުމްރާއިން ދޭ ޢުމްރާ ދަތުރުގެ އިތުރުން، މުބާރާތުގެ 1 ވަނަ ހާސިލްކުރުމާއި ގުޅިގެން، އޭނާ އަށް އެއްއަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ.
ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަޢާރަފުކޮށް މި ދާއިރާއިން އިތުރަށް ކުރިއަށްދެވޭނެ މަގުފަހިކޮށްދިނުމަށް ކުރިއަށްގެންދިޔަ މި ޝޯއަކީ ރާއްޖޭގެ އެންމެ މަޤްބޫލް އެއް ރިއަލިޓީ ޝޯއެވެ.
"ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރގެ ބައިވެރިން ނަމޫނާ ބަޔަކަށް ވާންޖެހޭ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ